ޑްރަގް އޮފެންޑާ ރިމާންޑު ސެންޓަރު ހިންގުން ފެށޭ ހަފްތާ ކަރެކްޝަނާ ހަވާލުކުރާނަން: އުމަރު

މަސްތުވާތަކެއްޗާ ބެހޭ ގާނޫނުގެ ދަށުން އުފައްދަންޖެހޭ ޑްރަގް އޮފެންޑާ ރިމާންޑު ސެންޓަރު ހިންގުން މޯލްޑިވުސް ކަރެކްޝަނަލް ސާވިސަސް އާއި މިހަފްތާގެ ތެރޭގައި ހަވާލު ކުރެވޭނެ ކަމުގައި ހޯމްމިނިސްޓަރ އުމަރު ނަސީރު ވިދާޅުވެއްޖެ އެވެ.
މިނިސްޓަރު އުމަރު މިހެން ވިދާޅުވީ މޯލްޑިވުސް ކަރެކްޝަނަލް ސާވިސްގެ ސްޓްރެޓެޖިކް ޕްލޭން އިފްތިތާހުކުރުމަށް މާލޭ ޖަލުގައި ބޭއްވި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވައި ދެއްކެވި ވާހަކަފުޅުގަ އެވެ.
މިނިސްޓަރ އުމަރު ވިދާޅުވީ މަސްތުވާތަކެއްޗާއި ބެހޭ ގާނޫނުގެ ދަށުން އުފައްދަންޖެހޭ އެސެންޓަރު ނުއުފެއްދި ދުވަސްތަކެއް ވެފައިވާއިރު، ނެޝަނަލް ޑްރަގް އޭޖެންސީ އާއި، ހޯމްމިނިސްޓްރީ އާއި، ކަރެކްޝަންސް އިން މަޝްވަރާކޮށް، ނެޝަނަލް ޑްރަގު އޭޖެންސީގެ ދަށުން އެސެންޓަރުން އުފައްދައި ހިންގައި ބެލެހެއްޓުމުގެ މަސައްކަތް މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އާއި ހަވާލުކުރުމަށް ނިންމިފައިވާ ކަމަށެވެ.
"މިގޮތުން މިހަފްތާގެ ތެރޭގައި އެކަމާއި ގުޅޭ އެއްބަސްވުންތައް ވެވިގެންދާނެ،" މިނިސްޓަރު ވިދާޅުވި އެވެ.
އުމަރު ވިދާޅުވީ އެމަނިކުފާނު އެދިވަޑައިގަންނަވަނީ މިޒިންމާ މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އާއި ހަވާލުކުރެވުމުން މަސްތުވާތަކެތި ބޭނުންކޮށްގެން އެކުށުގައި ހައްޔަރު ކުރެވޭ މީހުން، ރިހެބިިލިޓޭޝަންގެ ފަރުވާއަށް ދެވެންދެން އެންމެ ފުރަތަމަ ދޭންޖެހޭ އަސާސީ ފަރުވާތަކާއި ރައްކާތެރިކަން އެފަރާތްތަކަށް ފޯރުވައި ދެވޭނޭ އިންތިޒާމް މޯލްޑިވސް ކަރެކްޝަނަލް ސާވިސްއިން ހަމަޖައްސައި ދިނުން ކަމަށެވެ.
"މިކަމަށް ބޭނުންވާ ހުރިހާ އިރުޝާދެއް ނެޝަނަލް ޑްރަގް އޭޖެންސީން ދެމުން ގެންދާނެ،" މިނިސްޓަރު އުމަރު ނަސީރު ވިދާޅުވި އެވެ.
ޑްރަގް އޮފެންޑާ ރިމާންޑް ސެންޓަރަކީ މަސްތުވާތަކެތި ބޭނުން ކުރުމުގެ މަސައްލަތަކުގައި ކުށްސާބިތުވާ މީހުން ރިހެބިލިޓޭޝަން ސެންޓަރުތަކަށް ފޮނުވުމުގެ ކުރިން ބަންދުކޮށްފައި ބައިތިއްބާ ސެންޓަރެކެވެ.
ރާއްޖޭގައި މަސްތުވާތަކެތި ބޭނުން ކުރުމުގެ މައްސަލަތަކުގައި ޖަލަށް ހުކުމް ކުރެވޭ މީހުންގެ އަދަދު ގިނަ ވުމާއި އެކު ރިހެބިލިޓޭޝަން ސެންޓަރުތަކުން ޖާގަ ލިބުން އޮންނަނީ ދަތިވެފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ