ގޭގައި އުފައްދާ ކަރަންޓު ސަރުކާރަށް ވިއްކޭނެގޮތަށް ގާނޫނު ބަދަލުކުރަން ޖެހޭ: ރައީސް ނަޝީދު

ގޭގައި ކަރަންޓު އުފައްދާ ފަރާތްތަކުން އެ އުފައްދާ ކަރަންޓުން އިތުރުވާ ކަރަންޓު ސަރުކާރަށް ވިއްކޭނެ ގޮތަށް ގާނޫނީ އޮނިގަނޑު ބަދަލުކުރަން ޖެހޭ ކަމަށް ކުރީގެ ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
ވިލިނގިލީ ދާއިރާއަށް އެމްޑީޕީގެ ޕްރައިމަރީއަށް ވަދަކުރައްވާ ކުރީގެ ބަންޑާރަ ނައިބު ދިޔާނާ ސައީދުގެ ކެމްޕެއިން އިފްތިތާހުކުރެއްވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ ސަރުކާރަށް ކަރަންޓު ވިއްކައި އިތުރަށް މަސައްކަތްކުރުމުގެ ސަބަބުން ކަރަންޓުގެ އަގު އިންތިހާއަށް ކުޑަވެގެން ދާނެ ކަމަށެވެ.
ރައީސް ނަޝީދު ވިދާޅުވީ މިހާރު ކަރަންޓު އުފައްދާގޮތުގެ އިތުރުން އަވީން ކަރަންޓު އުފެއްދުމަށް އިސްކަން ދޭން ޖެހޭނެ ކަމަށެވެ.
"ކަރަންޓު އަމިއްލަ ގޭގައި އުފައްދާފައި ސަރުކާރަށް ކަރަންޓު ވިއްކެން އެބައޮތް، އެ މަސައްކަތް ކުރަން ބޭނުންވާ އެތައް ކުންފުންޏެއް ދުނިޔޭގައި އެބަވޭ، ރާއްޖެއަށް އެ މީހުން ނާންނަންވީ އެއް ގޮތެއް ވެސް ނުހެދޭނެ، ހަމައެކަނި ބަދަލު ކުރަންވީ ގާނޫނީ އޮނިގަނޑު،" އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސް ނަޝީދު ވިދާޅުވީ މިހާރު ރާއްޖޭގައި ޑީސަލް ބޭނުންކޮށްގެން އުފައްދާ ކަރަންޓުގެ އަގަކީ ހައެއް ނުވަތަ ހަތް ރުފިޔާ ކަމަށެވެ. ނަމަވެސް އަވީން ކަރަންޓު އުފައްދާނަމަ ކަރަންޓުގެ އަގު 2.5 ރުފިޔައަށް ތިރިކުރެވޭނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ