ޖޫން މަހު އައި ފަތުރުވެރިންގެ އަދަދު %15 އިތުރު؛ ޖުމްލަ 1.1 މިލިއަނަށް

މިދިޔަ ޖޫން މަހު ރާއްޖެ ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު މިދިޔަ އަހަރުގެ އެ މުއްދަތާ އަޅާބަލާއިރު %15 އިތުރު ކަމަށް ޓޫރިޒަމް މިނިސްޓްރީގެ ހިސާބުތައް ދައްކައިފި އެވެ.
ވީ ކިހިނެއް؟ - އެ މިނިސްޓްރީން އިއްޔެ އާންމު ކުރި ހިސާބުތަކަށް ބަލާއިރު މިދިޔަ ޖޫން މަހު 141،772 ފަތުރުވެރިން ވަނީ ރާއްޖެ އައިސްފަ އެވެ.
މިދިޔަ އަހަރުގެ އެ މުއްދަތުގައި އައިސްފައިވަނީ 123،284 ފަތުރުވެރިންނެވެ.
ތަފްސީލް - ޓޫރިޒަމް މިނިސްޓްރީން ބުނީ މި އަހަރުގެ ފުރަތަމަ ހަ މަހު ރާއްޖެ ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު ވެސް މިދިޔަ އަހަރާ އަޅާބަލާއިރު %9 އިތުރު ކަމަށެވެ. އެގޮތުން:
މި އަހަރުގެ ފުރަތަމަ ހަ މަހު 1.1 މިލިއަން ފަތުރުވެރިން އައި
މިދިޔަ އަހަރުގެ އެ މުއްދަތުގައި އައިސްފައިވަނީ 1.01 މިލިއަން ފަތުރުވެރިން
ޓޫރިޒަމް މިނިސްޓްރީގެ ހިސާބުތަކަށް ބަލާއިރު:
އެވްރެޖުކޮށް ދުވާލަކު 6،000 ފަތުރުވެރިން ރާއްޖެ އާދޭ
ރާއްޖެ އަންނަ ފަތުރުވެރިންގެ %72 މީހުން ޗުއްޓީ ހޭދަކުރަނީ ރިސޯޓުތަކުގައި
ފަތުރުވެރިންގެ %22 ޗުއްޓީ ހޭދަކުރަނީ ގެސްޓުހައުސްތަކުގައި
ސަފާރީތަކުގައި %2 އަދި ހޮޓާތަކުގައި ވެސް %2 މީހުން ޗުއްޓީ ހޭދަކުރޭ
އަހަރުގެ މިހާތަނަށް މިލިއަނަކަށް ވުރެ ގިނަ ފަތުރުވެރިން އައިސްފައިވާއިރު، ފަތުުރުވެރިން އެންމެ ގިނައިން އަންނަ ގައުމުތަކުގެ ކުރީގައި އޮތީ ޗައިނާ އެވެ. އެ ގައުމުން 141،162 ފަތުރުވެރިން އައިސްފައިވެ އެވެ.
ދެން އެންމެ ގިނަ ފަތުރުވެރިން އަންނަނީ:
ރަޝިއާ - 126،780 މީހުން
އިނގިރޭސިވިލާތް - 108،371 މީހުން
އިޓަލީ - 86،891 މީހުން
ޖަރުމަނު - 82،188 މީހުން
އިންޑިއާ - 66،501 މީހުން
ފްރާންސް - 35،511 މީހުން
އެމެރިކާ - 34،800 މީހުން
ސްވިޒަލެންޑް - 22،929 މީހުން
އޮސްޓްރޭލިއާ - 20،788 މީހުން
ފާހަގަކޮށްލެވޭ - މިއަހަރު ސަރުކާރުން ކަނޑައަޅާފައި ވަނީ 2.5 މިލިއަން ޓޫރިސްޓުން ރާއްޖެ ގެނައުމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ