ބޮޑު ކަންނެލި މަސްވެރިން ބާނާ މަސް ނުކިރޭތީ މަޖިލީހަށް ކުއްލި މައްސަލައެއް ބޮޑު ކަންނެލި މަސްވެރިން ބާނާ މަސް ނުކިރޭތީ މަޖިލީހަށް ކުއްލި މައްސަލައެއް

ބޮޑު ކަންނެލި މަސްވެރިން ބާނާ މަސް ކިރޭނެ ގޮތެއް ނެތް ކަމަށާއި ކިރޭނެ ގޮތެއް ނެތި މިހާރު ވެސް 120 ޓަނުގެ މަސް ދޯނިތަކުގައި އެބަހުރި ކަމަށް ބުނެ އިދިކޮޅު އެމްޑީޕީއަށް ނިސްބަތްވާ ވައިކަރަދޫ ދާއިރާގެ މެންބަރު ހުސެއިން ޒިޔާދު ރައްޔިތުންގެ މަޖިލީހަށް ކުއްލި މައްސަލައެއް ހުށަހަޅުއްވައިފި އެވެ.
މިއަދުގެ މަޖިލީހުގެ ޖަލްސާއަށް ހުށަހެޅުއްވި ކުއްލި މައްސަލާގައި ޒިޔާދު ވިދާޅުވެފައިވަނީ ކަންނެލި މަސްވެރިންނަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވެވަޑައިގެންނެވި ރިޔާސީ ވައުދުތަކާ ސަރުކާރުން ހިލާފުވަމުންދާ ކަމަށެވެ.
އެ މައްސަލަ މަޖިލީހަށް ބަލައިގަނެ މިހާރު ދަނީ ބަހުސް ކުރަމުންނެވެ. މައްސަލަ ބަލައިގަންނަން ނެގި ވޯޓުގައި ބައިވެރިވި 40 މެންބަރުން ވޯޓު ދެއްވީ ޒިޔާދު ހުށަހެޅުއްވި މައްސަލަ ބަލައިގަތުމަށެވެ.
ކުއްލި މައްސަލާގައި ބުނެފައިވާ ގޮތުން، ސަރުކާރުގެ މަސް ކުންފުނި މިފްކޯއަށް މަސް ކިރޭނެ ގޮތެއް ނެތި އެކި އެކި ދޯނިތަކުގައި 120 ޓަނު އެބަހުއްޓެވެ. ކިރޭނެ ގޮތެއް ނުލިބޭތީ މަސްތައް ކުނިވެ މަސްވެރިންނަށް ބޮޑެތި ގެއްލުންތަކެއް ވަމުންދާ ކަމަށް މައްސަލާގައި ބުނެފައިވެ އެވެ.
ބޮޑު ކަންނެލި ކިލޯއެއްގެ އަގު 80 ރުފިޔާ އާއި 100 ރުފިޔާއާ ދެމެދު ބެހެއްޓުމާއި، މިފްކޯގެ ހިއްސާ މަސްވެރިންނަށް ދިނުމާއި، މި އަހަރު ތެރޭ ހުޅުމާލޭގައި ކަންނެލި މަސް ޕްރޮސެސް ކުރާ ފެކްޓަރީއެއް އެޅުމަކީ ރައީސްގެ ވައުދުތަކެއް ކަމަށާއި އެކަންކަން އަދި ވެސް ނުފުއްދޭ ކަމަށް ޒިޔާދު ހުށަހެޅުއްވި މައްސަލާގައި ބުނެފައިވެ އެވެ.
މި މައްސަލަ ބަހުސް ކުރައްވަމުން ޒިޔާދު ވިދާޅުވީ، މި ވައުދުތަކާ ގުޅިގެން ރައީސް މުއިއްޒަށް ގިނަ އަދަދެއްގެ މަސްވެރިން ވޯޓުދިން ކަމަށާއި މިއަދު އެ މީހުން ތިބީ މާޔޫސްވެފައި ކަމަށެވެ. މަސްވެރިކަން ރަނގަޅުވާ ދުވަސްވަރު މަސް ނުކިރޭ މައްސަލަ ތަކުރާރުވަމުންދާ ކަން ވެސް އޭނާ ފާހަގަކުރެއްވި އެވެ.
މައްސަލައިގެ ބަހުސް ގައި ސަރުކާރަށް ނިސްބަތްވާ މެންބަރުން ވަނީ، މަސްވެރިންނަށް ޖެހޭ ހާލަކީ މިދިޔަ ސަރުކާރުގެ ސިޔާސަތުތަކާ ގުޅިގެން ޖެހިފައިވާ ހާލެއް ކަމަށެވެ. މި ސަރުކާރުން ދަނީ މަސްވެރިންގެ ހާލު ރަނގަޅު ކުރަމުން ކަމަށް ވެސް އެ މެންބަރުން ތަކުރާރުކޮށް ވިދާޅުވި އެވެ.
އެގޮތުން، އެމްޑީޕީގެ ސަރުކާރުން މަސްވެރިކަން ކުރަމުންދިޔަ މީހުންނަށް ފެނަކަ އާއި އެހެން ކުންފުނިތަކުން ވަޒީފާދީ ރަށު ބަންދުކުރުވި ކަމަށާއި މަސް ދޯނިތަކުގެ އަދަދު މަދުވި މައިގަނޑު ސަބަބަކީ އެއީ ކަމަށް ބާރަށު ދާއިރާގެ މެންބަރު އިބްރާހިމް ޝުޖާއު އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ