އަނިޔާވެރި، ހުދުމުހުތާރު ވެރިއެއްގެ ފަރާތުން ދައުލަތް ސަލާމަތްކޮށްދިނީ ދިވެހި ރައްޔިތުން: ސައުދު

އަނިޔާވެރި އަދި ހުދުމުހުތާރު ވެރިއެއްގެ ފަރާތުން ދިވެހި ދައުލަތް ސަލާމަތްކޮށްދިނީ ދިވެހި ރައްޔިތުންގެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ވިލިނގިލި ދާއިރާގެ މެމްބަރު ސައުދު ހުސައިން ވިދާޅުވެއްޖެއެވެ.
ސުޕްރީމް ކޯޓުން މިއަދު ވަނީ ސައުދާއި ތުލުސްދޫ ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު އިބްރާހިމް (ލޯޔަރު ވައްޑެ)ގެ ގޮނޑި ވެސް ނުގެއްލޭ ކަމަށް ހުކުމްކޮށްފައެވެ. އޭގެ އިތުރުން މަޑުއްވަރީ ދާއިރާގެ މެމްބަރު މުހައްމަދު އަމީތު އަދި ދިއްދޫ ދާއިރާގެ މެމްބަރު އަބްދުއްލަތީފް މުހައްމަދުގެ ގޮނޑި ނުގެއްލޭ ކަމަށް މިއަދު ހުކުމްކުރާނެ ކަމަށް ބެލެވެއެވެ.
ސުޕްރީމް ކޯޓުގެ ހުކުމަށްފަހު ސައުދު ވިދާޅުވީ ރިޔާސީ އިންތިހާބުން ރައްޔިތުން ނިންމައިދިން ނިންމުމަކީ އަނިޔާވެރި އަދި ހުދުމުހުތާރު ވެރިއެއްގެ ފަރާތުން ދައުލަތް ސަލާމަތްކޮށްދިނުމަށް ނިންމައިދިން ނިންމުމެއް ކަމަށެވެ.
"މި ނިންމުން ނިންމައިދެއްވީ ދިވެހި ލޮބުވެތި ރައްޔިތުން. ނިމިގެންމިދިޔަ ރިޔާސީ އިންތިހާބުގައި. ދައުލަތް ސަލާމަތްކޮށްދިނުމަށްޓަކައި ރައްޔިތުން ކެރިގެން އެ ވެވަޑައިގެންނެވި ގުރުބާނީ، ރައްޔިތުންގެ ނިންމުން، ރިޔާސީ އިންތިހާބުން މި ނިންމައިދިން ނިންމުމަކީ ހަމަ ހަގީގަތުގައި ވެސް ދައުލަތް އަނިޔާވެރި ވެރިއެއްގެ ހުދުމުހުތާރު ވެރިއެއްގެ ފަރާތުން ސަލާމަތްވެގެން ދިއުން،" އޭނާ ވިދާޅުވިއެވެ.
ސައުދު ވިދާޅުވީ ރައްޔިތުންގެ މިނިވަންކަމާއި ގާނޫނުއަސާސީގެ އިމަށް ދައުލަތް ރުޖޫއަވެގެން ދިއުމުގެ ކަންކަން މިހާރު މިދަނީ ތަރުތީބުވަމުން ކަމަށާއި ދައުލަތުގެ އެންމެ މަތީ ފަރާތުގެ ބާރާއި ނުފޫޒުގައި ދައުލަތަށް މި ދިމާވި ކަންތައް މި ނިމިގެންދިޔައީ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ