އެޕަލްއިން ބީޓްސް ބްރޭންޑްގެ އާ ހެޑްފޯނެއް ނެރެން ތައްޔާރުވަނީ

އެޕަލް އިން ބީޓްސް ބްރޭންޑްގެ އާ ހެޑްފޯނެއް ނެރެން ތައްޔާރުވަމުންދާކަމަށް މީޑިއާ ރިޕޯޓްތައް ބުނެފިއެވެ. އެމެރިކާގެ ރެގިއުލޭޓަރީ އިދާރާއަކަށް ހުށަހަޅާފައިވާ ލިޔެކިޔުންތަކަކުން އެނގޭ ގޮތުގައި، އެޕަލް ކުންފުނިން އާ ވަޔަލެސް އޯޑިއޯ އުފެއްދުމެއް ބާޒާރަށް ނެރުމަށް ދަނީ ތައްޔާރުވަމުންނެވެ. ޔޫއެސް ފެޑްރަލް ކޮމިއުނިކޭޝަންސް ކޮމިޝަން (އެފްސީސީ) ގެ ޑޭޓާބޭސްގައި އަލަށް ހިމަނާފައިވާ މި އުފެއްދުމުގެ މޮޑެލް ނަންބަރަކީ އޭ3577 އެވެ. މިއީ ބްލޫޓޫތު އޯވަރ-އިއާ ހެޑްފޯނެއްގެ ގޮތުގައި ލިޔެކިޔުންތަކުގައި ސިފަކޮށްފައިވީ ނަމަވެސް، މި އުފެއްދުމާ ބެހޭ އިތުރު ތަފްސީލެއް އެޕަލް އިން އަދި އާންމުކޮށްފައެއް ނުވެއެވެ. https://sun.mv/221729 އެފްސީސީ އަށް ހުށަހަޅާފައިވާ ލިޔުންތަކުން އެނގޭ ގޮތުގައި، މި ހެޑްފޯނުގައި ބެޓެރިއަކާއި، ވަޔަލެސް ކަނެކްޓިވިޓީގެ އިތުރުން މައިކްރޯފޯނެއް ހިމެނެއެވެ. ނަމަވެސް، އެޕަލް އިން ސިއްރު ހިފެހެއްޓުމަށް އެދިފައިވާތީ، މީގެ ފަރުމާއާއި ޚާއްޞަ ފީޗާތަކުގެ ތަފްސީލެއް އަދި ހާމަވެފައެއް ނުވެއެވެ. ލިޔެކިޔުންތަކުގައިވާ ހަމައެކަނި ކުރެހުމުން ފެންނަނީ ހެޑްފޯނުގެ ކަޕްގައި އެފްސީސީ ލޭބަލް ހުންނާނެ ތަނެވެ. މި އުފެއްދުމުގެ މޮޑެލް ނަންބަރަށް ބަލާއިރު، މިއީ އެޕަލްގެ އެއާޕޮޑްސް މެކްސްގެ ފަހުގެ މޮޑެލްތަކާ ދިމާވާ ނަންބަރެއް ނޫނެވެ. ނަމަވެސް، އެޕަލް އިން އެއަރޕޮޑްސް އަދި ބީޓްސް ބްރޭންޑުގެ އުފެއްދުންތަކަށްވެސް ބޭނުންކުރަނީ ދާދި އެއްގޮތް މޮޑެލް ނަންބަރުތަކެއް ކަމުން، މިއީ ކޮން ބްރޭންޑެއްގެ ހެޑްފޯނެއްކަން ޔަގީންކުރަން އަދި ދައްޗެވެ. ޓެކްނޮލޮޖީ ދާއިރާގެ ދިރާސާކުރާ ފަރާތްތަކުން ލަފާކުރާ ގޮތުގައި މިއީ ބީޓްސް ބްރޭންޑުގެ އާ އުފެއްދުމަކަށް ވުން އެކަށީގެންވެއެވެ. ޚާއްޞަކޮށް 2023 ވަނަ އަހަރު ނެރުނު "ބީޓްސް ސްޓޫޑިއޯ ޕްރޯ" އަށް އަޕްޑޭޓެއް ގެނައުމުގެ ވަގުތު ޖެހިފައިވުމުން، މިއީ އެ ހެޑްފޯނުގެ އާ މޮޑެލްއަށް ވުމުގެ ފުރުސަތު ބޮޑެވެ. މި ހެޑްފޯނު ރަސްމީކޮށް ބާޒާރަށް ނެރޭނެ ތާރީޚެއް އެޕަލް އިން އަދި ހާމައެއް ނުކުރެއެވެ. އެޕަލް އިން އެންމެ ފަހުން އޯވަރ-އިއާ ހެޑްފޯނެއް ބާޒާރަށް ނެރެފައިވަނީ 2023 ވަނަ އަހަރުގެ ޖުލައި މަހުއެވެ. އެއީ އެޕަލްގެ ދަށުން ހިންގާ ބީޓްސް ބްރޭންޑުގެ "ބީޓްސް ސްޓޫޑިއޯ ޕްރޯ" އެވެ. މީގެ އިތުރުން، އެޕަލްގެ އަމިއްލަ ބްރޭންޑުގައި ނެރޭ އެންމެ އަގުބޮޑު ހެޑްފޯނު ކަމަށްވާ "އެއާޕޮޑްސް މެކްސް"ގެ ފުރަތަމަ މޮޑެލް 2020 ގައި ނެރުމަށްފަހު، ދާދިފަހުން 2026 ވަނަ އަހަރުގެ މާރިޗު މަހު ވަނީ އޭގެ ދެވަނަ ޖެނެރޭޝަން ކަމަށްވާ "އެއާޕޮޑްސް މެކްސް 2" ވެސް ބާޒާރަށް ނެރެފައެވެ. މިހާރު އެފްސީސީގެ ލިޔެކިޔުންތަކުން ފެނިގެން އުޅޭ އާ މޮޑެލްއަކީ ބާޒާރަށް ނެރުނުތާ ގިނަ ދުވަސްވެފައިވާ ބީޓްސް ސްޓޫޑިއޯ ޕްރޯގެ އާ އަޕްޑޭޓަކަށް ވުމުގެ ފުރުސަތު ބޮޑުކަމަށް މީޑިއާ ރިޕޯޓްތައް ބުނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ