ފަތުރުވެރިން ރާއްޖެއަށް ގެނައުމަށް، ފްލައިޓުތައް އިތުރުކުރުމަށް ކުރަމުންދާ މަސައްކަތާއެކު މިއަހަރުގެ ހޫނު މޫސުމާ ދިމާކޮށް ރާއްޖެއަށްއަށް އަންނަ ފްލައިޓުތަކުގެ ނިސްބަތް އިތުރުކުރެވޭނެކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ އިސް ތަރުޖަމާނު މުޙައްމަދު ޙުސެއިން ޝަރީފު ވިދާޅުވެއްޖެއެވެ.
ތަރުޖަމާނު ވިދާޅުވީ މެދުއިރުމަތީގައި ހިނގަމުންދާ ހަނގުރާމައިގެ ކުރިން ރާއްޖޭގެ ފަތުރުވެރިކަން ހުރި ހިސާބަށް ގެންދިޔުމަށް އެކި ގޮތްގޮތުން މަސައްކަތް ކުރަމުންދާ ކަމަށެވެ.
މެދު އިރުމަތީގައި ހިނގަމުންދާ ހަނގުރާމައާއި ގުޅިގެން މުޅި ދުނިޔޭގެ ދަތުރުފަތުރުގެ ނިޒާމަށްވަނީ ބުރުއަރާފައެވެ. މެދުއިރުމަތީގެ ހަނގުރާމައިގެ ސަބަބުން ރާއްޖެއަށް ދަތުރުކުރާ ގިނަ ފްލައިޓުތަކެއް މެދުކަނޑާލުމަށްފަހު މިހާރުދަނީ މަޑުމަޑުން ދަތުރުތައް އިތުރުކުރަމުންނެވެ. އަދި ހަމައެއާއެކު އެހެން ރޫޓުތަކުން ފަތުރުވެރިން ރާއްޖެއަށް ގެނައުމަށް ސަރުކާރުން ކުރި މަސައްކަތާއެކު ރާއްޖެއަށް އަންނަ ފަތުރުވެރިންގެ ނިސްބަތްވެސް މިހާރުވަނީ އިތުރުވާން ފަށާފައެވެ.
ޕްރެސަރ ވިތް ދަ ސްޕޯކްސްގައި ވާހަކަދައްކަވަމުން ސަރުކާރުގެ އިސް ތަރުޖަމާނު މުޙައްމަދު ޙުސެއިން ޝަރީފު ވިދާޅުވީ، ހަނގުރާމައިގެ ސަބަބުން ރާއްޖޭގެ ފަތުރުވެރިކަމަށް އަސަރުކުރާނެކަމަށް އަންދާޒާކުރި ވަރަށްވުރެ ލިބުނު ގެއްލުން ކުޑަކަމަށެވެ. އެހެންނަމަވެސް ފަތުރުވެރިކަމަށް އޭގެ ސަބަބުން ކުރި އަސަރު ކުޑަކުރުމަށް ކުރެވޭ މަސައްކަތަށް އަލިއަޅުއްވާލެއްވިއެވެ.
"އެބޭފުޅުން ފުރަތަމަ އުއްމީދުކުރެއްވީ އެއަށްވުރެ މާބޮޑަށް ދަށްވާނެކަމަށް ބަލައިގެން އަޅުގަނޑުމެން ދިރާސާކުރީ. އޭގެ ވަރަށް ބޮޑު ސަބަބެއް އެހެން ބައެއް މާކެޓުތަކުގަ ސްޓޭބަލްކޮށް ކުރިއަށްދާކަން އެއީ. އިންޑިއާއިން އަންނަ ވަރަށް އެބަ ފަތުރުވެރިން އާދޭ އިރާދަކުރެއްވިއްޔާ. ޗައިނީސް ނަމްބަރސް ވަރަށްބޮޑަށް އިތުރުވެއްޖެ. އެއީ ހޫނު މޫސުމާއި ދިމާކޮށް" ތަރުޖަމާނު ވިދާޅުވިއެވެ.
މެދުއިރުމަތީގެ ހަނގުރާމަ ފެށުނު ދުވަސްކޮޅު ރާއްޖެއަށް ދަތުރުކުރަމުންދިޔަ އެއަރލައިންތަކުގެ 99 އިންސައްތަ ފްލައިޓުތައްވަނީ ކެންސަލްކޮށްފައެވެ. ނަމަވެސް މިނިސްބަތް މިހާރު 70 އަށް ދަށްކުރެވިފައިވާކަމަށް ސަރުކާރުން ވިދާޅުވެއެވެ. ހަމައެއާއެކު އިތުރު މަންޒިލްތަކަށް ޤައުމީ އެއަރލައިންގެ ދަތުރުތައް ފެށިގެންދިޔުމަކީވެސް ފަތުރުވެރިކަމަށް އަންނަ ކުރިއެރުމެއްގެ ގޮތުގައި ސަރުކާރުން ސިފަކުރައްވައެވެ. މިއާއެކު ސަރުކާރުންވަނީ ރާއްޖެއަށް އަންނަ އެއަރލައިންތައް އިތުރުކުރުމަށްޓަކައި، ރާއްޖެއިން އެއަރލައިންތަކަށް ފޯރުކޮށްދޭ ޖެޓްފިއުލގެ އަގުވެސް ހެޔޮކޮށްފައެވެ.
"ހޫނު މޫސުމާ ދިމާކޮށް ރާއްޖެއަށް ދަތުުރުކުރާ ފްލައިޓްތައް އިތުރުކުރެވޭނެ"
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ