ފުޓުބޯޅައިން އަންނަން އޮތް ޖީލުތަކަށް ލިބޭ އުފާވެރިކަމާ މެދު އުފާކުރަން: ރައީސް

ދިވެހިރާއްޖޭގެ ކުޅިވަރުގެ ދާއިރާ ކުރިއެރުވުމަށް ސަރުކާރުގެ މަސައްކަތްތައް ކުރިއަށްދާނެ ކަމަށާއި ފުޓުބޯޅައިން އަންނަން އޮތް ޖީލުތަކަށް ލިބޭ އުފާވެރިކަމާ މެދު އުފާކުރައްވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ދުނިޔޭގެ ފުޓުބޯޅަ ދުވަހުގެ މުނާސަބަތުގައި ރައީސް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ފުޓުބޯޅައަކީ މުޅި ދުނިޔޭގެ މީހުން އެއްބައިވަންތަކުރުވާ ރީތި ކުޅިވަރެއް ކަމަށާއި، މި ކުޅިވަރަށް ލޯބިކުރާ އެންމެހާ ފަރާތްތަކަށް ހޫނު މަރުހަބާއެއް ވިދާޅުވާ ކަމަށެވެ. އަދި ފުޓުބޯޅައިގެ ސަބަބުން ރައްޔިތުންގެ މެދުގައި އުފެދޭ އެކުވެރިކަމާއި، މިއީ އަންނަން އޮތް ޖީލުތަކަށް ލިބޭ ހިތްވަރެއްކަން ފާހަގަކުރައްވައި އެކަމާ މެދު އުފާކުރައްވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ދުޅަހެޔޮ ސިއްހަތެއްގައި ތިބުމަށާއި ކުޅިވަރު ކުރިއެރުވުމަށް މި ސަރުކާރުން ވަރަށް ބޮޑު އިސްކަމެއް ދެއްވާކަން ރައީސް ފާހަގަކުރެއްވިއެވެ. މިގޮތުން، ފީފާގެ މިންގަނޑުތަކަށް ފެތޭ ފުޓުބޯޅަ ދަނޑުތައް ހެދުމާއެކު، ކުޅިވަރުގެ ވަސީލަތްތައް އިތުރުކޮށް ތަރައްގީކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ވިދާޅުވިއެވެ. މީގެ އިތުރުން، ކުޅިވަރުގެ ގާނޫނަށް ގެނެވުނު އިސްލާހާއެކު، މުޅި ރާއްޖެއަށް ކުޅިވަރު ލާމަރުކަޒުކުރުމުގެ މުހިންމު ސިޔާސަތުތަކެއް ތައާރަފުކުރެވިފައިވާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ރާއްޖޭގައި ބައިނަލްއަގުވާމީ ފުޓުބޯޅަ މުބާރާތްތައް ބޭއްވުމުގެ ފުރުސަތުތައް ފަހިކުރުމަށް ސަރުކާރުން އަމާޒުހިފާފައިވާކަމަށް ރައީސް ޑޮކްޓަރ މުޢިއްޒު ވިދާޅުވިއެވެ. އަދި ރާއްޖޭގެ ކުޅިވަރުގެ ސަގާފަތް ހަރުދަނާކޮށް، ދިވެހި ކުޅުންތެރިންނަށް ބައިނަލްއަގުވާމީ މައިދާނުގައި އިތުރު ފުރުސަތުތައް ހޯދައިދިނުމަށް މަސައްކަތްކުރައްވަމުން ގެންދަވާކަން ވެސް އެމަނިކުފާނުގެ މެސެޖުގައި ވަނީ ފާހަގަކުރައްވައިފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ