އިދިކޮޅު މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އަކީ ހުރިހާ އެންމެންނަށް ވެސް ފުރުސަތު އޮތް ޕާޓީއަކަށް ހަދާނެ ކަމަށް އެ ޕާޓީގެ ޗެއާޕާސަންގެ މަގާމަށް ވާދަކުރައްވާ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު، މީކާއީލް އަހްމަދު ނަސީމް މިއަދު ވިދާޅުވެއްޖެ އެވެ.
އެމްޑީޕީގެ އާންމު މެންބަރުންނަށް ދެއްވި މެސެޖެއްގައި މީކާއީލް ވިދާޅުވީ އެ ޕާޓީގެ އިންތިހާބީ މަގާމުގައި ތިއްބެވި ބޭފުޅުންނާއި އާންމު މެންބަރުންނަށް ވެސް ދޭން އޮތް ޔަގީންކަމަކީ ކޮންމެ ކޮޅެއްގައި ތިބި ނަމަވެސް، މުސްތަގުބަލުގައި ޕާޓީން ޖާގަ ތަނަވަސްކޮށްދޭނެ ކަމަށެވެ.
"އަޅުގަނޑު އާންމު މެންބަރުންނަށް އަދި މި ޕާޓީގެ އިންތިހާބީ އެކިއެކި މަގާމުތަކުގައި ތިއްބެވި ބޭފުޅުންނަށް ހަމަ ދަންނަވާލަން ބޭނުންވަނީ މި އިންތިހާބުގައި ތިބޭފުޅުން ކޮންމެ ކޮޅެއްގައި ތިއްބެވިޔަސް މުސްތަގުބަލުގައި ތިބޭފުޅުންނަށް މި ޕާޓީން ޖާގަ އޮންނާނެއޭ،" އޭނާ ވިދާޅުވި އެވެ.
މީކާއީލް އިތުރަށް ވިދާޅުވީ އެމްޑީޕީއަކީ މުސްތަގުބަލުގައި ހުރިހާ އެންމެންނަށް ޖާގަ އޮތް ޕާޓީއަކަށް ހަދަން ބޭނުންވާނަމަ ޗެއާޕާސަން އިންތިހާބުގައި އޭނާއަށް ވޯޓު ދެއްވުމަށް އެދޭ ކަމަށެވެ.
"މުސްތަގުބަލުގައި ތިބޭފުޅުންނަށް މި ޕާޓީގައި ކުރިމަގު ހޯދުމުގެ ޖާގަ އަޅުގަނޑު ކަށަވަރު ކޮށްދޭނަމޭ. އެހެންވީމަ މި ޕާޓީއަކީ އިންކްލޫސިވް، ހުރިހާ އެންމެންނަށް ޖާގަ އޮންނަ، ފުރުސަތު އޮންނަ ޕާޓީއަކަށް ހައްދަވަން ބޭނުންފުޅުނަމަ އަޅުގަނޑާއެކު މި އިންތިހާބުގައި އިތުބާރަށް ވޯޓު ދެއްވާ،" މީކާއީލް ވިދާޅުވި އެވެ.
މީކާއީލް މިހެން ވިދާޅުވެފައިވަނީ ޗެއާޕާސަން އިންތިހާބުގައި ވާދަކުރައްވާ ކުރީގެ ރައީސް މުހައްމަދު ނަޝީދު، އެމަނިކުފާނާއެކު މިވަގުތު ނެތް މެންބަރުންނަށް ކުރިއަށް އޮތް ތަނުގައި އިސްކަން ނުދެއްވާނެ ކަމަށް ވިދާޅުވެފައިވާ ދަނޑިވަޅެއްގަ އެވެ.
އަންނަ ޖޫން 12، ވަނަ ދުވަހު ބާއްވާ އެމްޑީޕީގެ ޗެއާޕާސަން އިންތިހާބުގައި ވާދަކުރައްވަނީ ނަޝީދު އާއި މީކާއީލް އެވެ. އެ ދެ ބޭފުޅުންވެސް އަންނަނީ އިންތިހާބަށް މުޅި ރާއްޖޭގައި ކެމްޕެއިން ކުރައްވަމުންނެވެ.
ކޮންމެ މީހަކަށް ތާއީދު ކުރިޔަސް އެމްޑީޕީ އިން އެންމެނަށް ވެސް ފުރުސަތު ދޭނަން: މީކާއީލް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ