ފުލުހުންގެ ޑައިވަރުންގެ ކިބައިން އިހުސާނާއި ސީޕީ އެދިވަޑައިގަތީ ގާނޫނީ ވާޖިބުއަދާކުރުމުގައި ސާބިތުކަމާއެކު ދެމިތިބުމަށް!

އާންމު ރައްޔިތުންނަށް ހިދުމަތްކުރުމާއި، ފުލުހުންގެ ގާނޫނީ ވާޖިބުއަދާކުރުމުގައި ސާބިތުކަމާއެކު ދެމިތިބުމަށް ފުލުހުންގެ ޑައިވަރުންގެ ޓީމު މެމްބަރުންގެ ކިބައިން ހޯމް މިނިސްޓަރ އަލީ އިޙްސާން އެދިވަޑައިގެންފިއެވެ.
އިހުސާން އާއި، ކޮމިޝަނަރ އޮފް ޕޮލިސް އަހުމަދު މުހައްމަދު ވަނީ ވ. އަލިމަތާ ކައިރީގައި އޮންނަ ކަނޑު ހޮހަޅައަށް ގެއްލުނު އިޓަލީގެ ޑައިވަރުން ހޯދުމަށް ކުރިއަށް ގެންދިޔަ ސާޗް އޮޕަރޭޝަންގައި ހަރަކާތްތެރިވި ފުލުހުންގެ ޑައިވަރުންގެ ޓީމާ ބައްދަލުކުރައްވާފައެވެ.
މި ބައްދަލުކުރެއްވުމުގައި ދެ ބޭފުޅުން ދެއްކެވި ވާހަކަފުޅުގައި، ޑައިވަރުން ހޯދުމަށް ކުރިއަށް ގެންދިޔަ ސާޗް އޮޕަރޭޝަންގައި ހަރަކާތްތެރިވި ފުލުހުންކުރި ބުރަ މަސައްކަތް ފާހަގަކުރައްވައި، ޓީމުގެ މެމްބަރުންގެ އަގުވަޒަންކުރެއްވިއެވެ. އަދި މަސައްކަތުގައި ދެއްކި ހިތްވަރަށް ސާބަސްދެއްވާ އާންމު ރައްޔިތުންނަށް ހިދުމަތްކުރުމާއި، ފުލުހުންގެ ގާނޫނީ ވާޖިބުއަދާކުރުމުގައި ސާބިތުކަމާއެކު ދެމިތިބުމަށްވެސް ވަޒީރު އަދި ސީޕީ ވަނީ ހިތްވަރުދެއްވާފައެވެ.
ކޮމިޝަނަރގެ އޮފީހުގައި ބޭއްވި މި ބައްދަލުވުމުގައި ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް ފަރުހާދު ފިކުރީއާއި ފުލުހުންގެ އެގްޒެކެޓިވް ބައެއް އޮފިސަރުން ވަނީ ބައިވެރިވެފަ އެވެ.
މި ހާދިސާގައި މަރުވި އިޓަލީގެ ފަސް ފަތުރުވެރިންގެ ހަށިގަނޑު މިހާރު ވަނީ އެ ގައުމަށް ގެންގޮސްފައެވެ. އިޓަލީގެ މީޑިއާތަކުން ރިޕޯޓުކުރާ ގޮތުގައި، އެ މީހުން މަރުވާން މެދުވެރިވި ސަބަބު ދެނެގަތުމަށްޓަކައި އޮޓޮޕްސީ ހެދުމަށް ވަނީ ނިންމާފައެވެ. އަދި ތަހުގީގުގެ ބޭނުމަށްޓަކައި އެ މީހުން ގެންގުޅުނު ފޯނުތަކާއި އިލެކްޓްރޯނިކް ސާމާނުތައް ވެސް އެ ގައުމުގެ ކަމާބެހޭ އިދާރާތަކުން ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ.
މި ހާދިސާގައި މަރުވެފައިވަނީ ޖެނޯއާ ޔުނިވާސިޓީގެ ޕްރޮފެސަރު މޮނިކާ މޮންޓެފަލްކޯނޭ އާއި އޭނާގެ ދަރިފުޅު ޖޯޖިއާ ސޮމަކާލްގެ އިތުރުން ރިސާޗަރު މިއުރިއެލް އޮޑެނީނޯ، ރިސާޗް އެސިސްޓެންޓް ފެޑެރީކޯ ގުއަލްޓިއޭރީ އަދި އިންސްޓްރަކްޓަރު ޖިއަންލޫކާ ބެނެޑެއްޓީއެވެ.
ރެސްކިއު ޓީމުން ލަފާކުރާ ގޮތުގައި، މި ޑައިވަރުންނަށް ހާދިސާ ކުރިމަތިވީ ހޮހަޅައެއްގެ ތެރެއަށް ވަދެ އުޅުމުގެ ތެރޭގައި، ވެލިގަނޑެއްގެ ސަބަބުން ފެނުން ފުސްވެ، ނުކުންނަން އޮތް މަގު އޮޅުމުންނެވެ.
މީގެއިތުރުން ރެސްކިއު ޓީމް ޑޭން ޔޫރަޕްގެ ސީއީއޯ ލައުރާ މަރޯނީ ބުނިގޮތުގައި، ހަތަރު ޑައިވަރެއްގެ ހަށިގަނޑު އެއްތަނަކުން ފެނިފައިވާއިރު، އެ މީހުންނަށް ވަދެވުނީ ބަންދުވެފައިވާ ދިމާލަކަށެވެ. ނަމަވެސް އިންސްޓްރަކްޓަރުގެ ހަށިގަނޑު ފެނިފައިވަނީ ހޮހަޅައިގެ ކުރީކޮޅުންނެވެ.
މި އޮޕަރޭޝަން އެންމެ ފުރަތަމަ ކުރިއަށް ގެންދިޔައީ ފުލުހުންނާއި ސިފައިން ގުޅިގެންނެވެ. ނަމަވެސް ސިފައިންގެ ޑައިވަރު މަހުދީގެ ނިޔާވުމުން އޮޕަރޭޝަން މެދުކަނޑާލުމަށްފަހު، އަލުން ކުރިއަށް ގެންގޮސް ނިންމާލާފައިވަނީ ފިންލޭންޑުގެ ތަޖުރިބާކާރު ތިން ޑައިވަރުންގެ އެހީތެރިކަމާ އެކުގައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ