ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ކުއްލި ގޮތަކަށް ނުރަސްމީ ދަތުރުފުޅެއްގައި ސިންގަޕޫރަށް ވަޑައިގަތީ ރައްޔިތުން މަޖިލީހުގެ ނައިބު ރައީސް އަޙްމަދު ނާޒިމާ ބައްދަލުކުރެއްވުމަށްކަމަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެއެވެ.
ރައީސް ނަޝީދު މިފަދައިން ވިދާޅުވީ އެމަނިކުފާނުގެ ނުރަސްމީ އެކްސް އެކައުންޓުން މިއަދު ކުރެއްވި ޕޯސްޓެއްގައެވެ. މި ޕޯސްޓުގައި ރައީސް ނަޝީދު ވިދާޅުވި ގޮތުގައި ރައީސް މުއިއްޒު ސިންގަޕޫރަށް ވަޑައިގަތީ ނާޒިމާ ވާހަކަދެއްކެވުމަށެވެ. ނަމަވެސް، ނާޒިމް ރައީސާ ވާހަކަދައްކަވައި، އެއްވެސް މަޝްވަރާއެއް ކުރުމަށް ބޭނުންވާނެކަމަށް ގަބޫލު ނުކުރެއްވޭކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސް މުއިއްޒު ނުރަސްމީ ދަތުރުފުޅެއްގައި އިއްޔެ ސިންގަޕޫރަށް ފުރާވަޑައިގެންފައިވާކަން ރައީސް އޮފީހުން ވަނީ ހާމަކޮށްފަ އެވެ. މިއީ ނުރަސްމީ ދަތުރުފުޅެއްކަމަށްވުމާއި އެކު، ދަތުރާއި ގުޅޭ އެއްވެސް މައުލޫމާތެއް ނުވަތަ ދަތުރުގެ ބޭނުމެއް ސަރުކާރުން ހާމަކޮށްފައެއް ނުވެއެވެ.
ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސްކަމުން ނާޒިމް ވަކިކުރުމުގެ މަސައްކަތް ފަށައި، ކުރިޔަށްދާއިރު ޕީއެންސީގެ އެކި މެމްބަރުންގެ ފާޑުކިއުން ނާޒިމަށް މިފަހުން އަމާޒުވި އެވެ. އަދި ނާޒިމް ވަކިކުރުމުގެ މަސައްކަތް ޕީއެންސީ ކުރަނީ، އޭނާއާއި އެކު 23 މެމްބަރަކު ޕާޓީ ބަދަލުކޮށް ފްލޯ ކްރޮސް ކުރަން މަސައްކަތް ކުރާތީކަމަށް ރައީސް ނަޝީދު ވަނީ ވިދާޅުވެފަ އެވެ. އަދި ނާޒިމް މަސައްކަތް ކުރީ އެ މެމްބަރުން ބޭނުންކޮށްގެން ރައީސް މުއިއްޒުގެ އިތުބާރު ނެތްކަމަށް ވޯޓެއް ނަގަންކަމަށް ރައީސް ނަޝީދު ވަނީ ވިދާޅުވެފަ އެވެ.
ނަމަވެސް މި ތުހުމަތުތައް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ޕީއެންސީގެ ޗެއާޕާސަން އަބްދުއްެރަހީމް އަބްދުﷲ ވަނީ ދޮގު ކުރައްވާފަ އެވެ. އަބްދުއްރަޙީމް ވިދާޅުވީ ޕީއެންސީގެ މެޖޯރިޓީ އޮތް މަޖިލީހެއްގައި އެފަދަ ކަމެއް ނުކުރެވޭނެ ކަމަށެވެ. އަދި އެ ފުރުސަތެއް ނުދޭނެކަމަށް ވިދާޅުވި އެވެ. އެއާއި އެކު އަބްދުއްރަހީމަށް ރައްދު ދެއްވައި ރައީސް ނަޝީދު ވިދާޅުވީ، ގާނޫނީ ހަމަތަކުގެ މަތިން އިތުބާރު ނެތްކަމުގެ މައްސަލައެއް ހުށަހެޅުމުން އެއަށް ވޯޓަށް އަހަންޖެހޭނެ ކަމަށެވެ.
މިވަގުތު ނާޒިމްގެ އިތުބާރު ނެތްކަމުގެ މައްސަލަ 73 މެންބަރުންގެ ސޮޔާއެކު މަޖިލީހަށް ހުށަހަޅާފައިވާއިރު، އެ ގަރާރުގައި އޭނާއަށް ބޮޑެތި ތުހުމަތުތަކެއް ވަނީ ކޮށްފައެވެ. އޭގެ ތެރޭގައި މަގާމުގެ ނުފޫޒު ބޭނުންކުރުމާއި، ފިތުނަ އުފެއްދުމާއި، މަޖިލީހުގެ މަސްލަހަތު ނަގާލަން މަސައްކަތްކުރުން ހިމެނެއެވެ.
މި މައްސަލައާ ގުޅޭގޮތުން ނާޒިމް މިހާތަނަށް ވާހަކަ ދައްކާފައި ނުވެ އެވެ.
ރައީސް ސިންގަޕޫރަށް ވަޑައިގަތީ، ނާޒިމްއާއި ބައްދަލުކުރަންކަމަށް ތުހުމަތުތަކެއް!
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ