ސްޕޭން ވޯލްޑް ކަޕް ޓީމުން ރެއާލް މެޑްރިޑަށް ޖާގައެއް ނެތް

ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތަށް ސްޕޭނުން އެކުލަވާލި ސްކޮޑުން ރެއާލް މެޑްރިޑްގެ އެއްވެސް ކުޅުންތެރިއަކު ނެތެވެ.
ކޯޗު ލުއިސް ޑެލަފުއެންޓާ އެކުލަވާލި ސްކޮޑް ރަސްމީކޮށް އިއުލާނުކުރީ ސްޕޭނުގެ ރަސްގެފާނު ފިލިޕް އެވެ. މިއީ ފަހުގެ ތާރީހެއްގައި ސްޕޭނުގެ އެންމެ ވަރުގަދަ ކުލަބުގެ ކުޅުންތެރިއަކު ނެތި ސްކޮޑް އެކުލަވާލަން ޖެހުނު ފުރަތަމަ ފަހަރެވެ.
ވޯލްޑް ކަޕް ޓީމުން ޖާގަ ލިބޭނެ ހަމައެކަނި ރެއާލްގެ ކުޅުންތެރިއަކީ ޑިފެންޑަރު ޑީން ހުއިސެން ކަމަށް އޮތީ ބެލެވިފަ އެވެ. ނަމަވެސް އޭނާ ނެތި ސްކޮޑް އިއުލާނު ކުރަމުން ހުއިސެން އިންސްޓަގްރާމުގައި ޕޯސްޓް ކުރީ މި ސީޒަނުގެ ސްޕެނިޝް ލީގުގެ ޑްރީމް ޓީމުގެ ފޮޓޯ އެކެވެ. އެ ޓީމުގެ ތިން ޑިފެންޑަރުންގެ ތެރެއިން އެކަކީ އޭނާ އެވެ.
ކޯޗު ޑެލަފުއެންޓޭ އެކުލަވާލި ޓީމުގައި އަށް ޑިފެންޑަރުން ހިމެނެ އެވެ. އެއީ ޓޮޓެންހަމުގެ ޕެޑްރޯ ޕޮރޯ އާއި އެތްލެޓިކޯ މެޑްރިޑްގެ މާކޯސް ލޮރަންޓޭ އާއި މާކް ޕުބިލް އާއި ބާސެލޯނާގެ އެރިކް ގާސިއާ އާއި ޕައު ކުބަރްސީ އާއި އެތްލެޓިކް ކުލަބުގެ އެމެރިކް ލަޕޯޓް އާއި ބަޔާ ލެވަކޫސެންގެ އެލްކްސް ގްރިމަލްޑޯ އެވެ.
މި ޓީމުގެ ކީޕަރުންގެ ގޮތުގައި ހިމަނާފައިވަނީ އެތްލެޓިކް ކުލަބުގެ އުނާއީ ސިމޮން އާއި އާސެނަލްގެ ޑެވިޑް ރާޔާ އާއި ސްޕެނިޝް ލީގުގެ އެއްވަނަ ކީޕަރަކަށް ހޮވުނު ބާސެލޯނާ ޖޯން ގާސިއާ އެވެ.
މިޑްފީލްޑަރުންނަކީ ބާސެލޯނާގެ ޕެޑްރީ އާއި ގަވީ އާއި ޕީއެސްޖީގެ ފަބިއަން ރުއިޒް އާއި މެންޗެސްޓާ ސިޓީގެ ރޮޑްރީ އާއި އެތްލެޓިކޯ މެޑްރިޑްގެ އެލެކްސް ބައެނާ އާއި އާސެނަލްގެ މިކޭލް މެރިނޯ އެވެ. ފޯވަޑުންނަކީ ބާސެލޯނާގެ ލަމީން ޔަމާލް އާއި ޑެނީ އޮލްމޯ އާއި ފެރަން ޓޮރޭޒް އާއި އޮސަސޫނާގެ ވިކްޓަ މުނޯޒް އާއި ސެލްޓަވީގެ ބޯހާއިގެލެސިއަސް އާއި ކްރިސްޓަލް ޕެލަސްގެ ޔެރެމީ ޕިނޯ އާއި އެތްލެޓިކް ކުލަބުގެ ނިކޯ ވިލިއަމްސް އާއި ރެއާލް ސޮސިއެޑާޑްގެ މިކެލް އޮޔަޒަބަލް އެވެ.
އެންމެ ފަހުގެ ޔޫރޯ ސްޕޭނަށް ކާމިޔާބު ކޮށްދިން ކޯޗު ބުނީ ފެވަރިޓޫންގެ ޓެގް އެޅިފައި އޮތުމަކީ އަންނަ ޖޫން މަހުގެ 11 ވަނަ ދުވަހު ފަށާ މުބާރާތާ ކުރިމަތިލާއިރު ވަރަށް ބޮޑަށް ވިސްނަން ޖެހޭ ކަމެއް ކަމަށެވެ.
"މީގެ ސަބަބުން ދެ ކަމަކަށް ވިސްނަން ޖެހޭނެ. އެއީ ފެވަރިޓުންނޭ ބުނާތީވެ އެކަމާ އުފާވެ، ބޮޑާ ވެފައި ނުތިބެން ޖެހޭތީވެ. ދެން އަނެއް ކަމަކީ ފެވަރިޓުންނާ ބުނާތީވެ އެކަމާ ޖެހިލުންވެ، ލަދުރަކިވެފައި ނުވަތަ ބޯޅައިގައި ޖަހާލަން ނޭނގިފައި ތިބެގެން ނުވާނެ،" ކޯޗު ބުންޏެވެ.
"އަހަރުމެންނަކީ ޔަގީނުން ވެސް މުބާރާތުގެ އެއް ފެވްރިޓުން. ހަމަ އެފަދައިން އިންގްލޭންޑާއި ފްރާންސަކީ ވެސް އަހަރުމެން ފަދަ ބައެއް. އެ މީހުންނަށް ފެވަރިޓުންނޭ ބުނަން ޖެހޭނެ. އެއީ ވަރަށް ވަރުގަދަ ދެ ޓީމު،" ކޯޗު ބުންޏެވެ.
ވޯލްޑް ކަޕުގައި ސްޕޭން ހިމެނެނީ ކޭޕްވާޑޭ އާއި ސައޫދީ އަރަބިއާ އާއި އުރުގުއޭއާއެކު ގްރޫޕް އެޗްގަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ