ދިވެހިރާއްޖެއިން ޖަޕާނަށް ކަނޑައަޅުއްވާފައި ހުންނަވާ އާ ސަފީރު އަހުމަދު މަހުލޫފް ސަފީރުކަމުގެ ފަތްކޮޅު ޖަޕާނުގެ އެމްޕެރާ ނަރުހިޓޯއަށް މިއަދު ރަސްމީކޮށް އަރުވައިފިއެވެ.
ޓޯކިޔޯގެ އިމްޕީރިއަލް ޕެލަސްގައި މިއަދު ހެނދުނު ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި ފަތްކޮޅު އެރުވުމުން، ޖަޕާނުގެ އެމްޕެރާ ވަނީ ސަފީރު މަހުލޫފަށް މަރުހަބާ ވިދާޅުވެފައެވެ. މި ރަސްމިއްޔާތުގެ ތެރެއިން، ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ފަރާތްޕުޅުން ޖަޕާނުގެ އެމްޕެރާއަށާއި އެ ގައުމުގެ ރައްޔިތުންނަށް ފޮނުއްވި ތަހުނިޔާއާއި ހެޔޮއެދުންތައް މަހުލޫފް ވަނީ ރައްދުކޮށްދެއްވާފައެވެ.
ފަތްކޮޅު އެރުވުމަށްފަހު ދެއްކެވި ވާހަކަފުޅުގައި، ރާއްޖެއާއި ޖަޕާނާ ދެމެދު އުފެދިފައިވާ ޒަމާންވީ އެކުވެރިކަމުގެ ގުޅުން އިތުރު ހަރުފަތަކަށް ގެންދިއުމަށް މަސައްކަތްކުރައްވާނެކަމުގެ ފުރިހަމަ ޔަގީންކަން ސަފީރު މަހުލޫފް ވަނީ އަރުވެފައިފައެވެ. ދިވެހިރާއްޖެއާއި ޖަޕާނާ ދެމެދު ރަސްމީ ގޮތުން ސިޔާސީ ގުޅުން ގާއިމުކޮށްފައިވަނީ 14 ނޮވެމްބަރު 1967 ގައެވެ. މި ގުޅުމަށް އަންނަ އަހަރު 60 އަހަރު ފުރޭނެއެވެ.
ސަފީރުކަމުގެ މަގާމަށް އަހުމަދު މަހުލޫފް އައްޔަންކުރެއްވުމަށް ރައްޔިތުންގެ މަޖިލީހުން ރުހުން ދީފައިވަނީ 60 މެންބަރުންގެ އިއްތިފާގުންނެވެ. އެއަށްފަހު، ރައީސް މުއިއްޒު، މަހުލޫފަށް ސަފީރުކަމުގެ ފަތްކޮޅު ދެއްވާފައިވަނީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ ހަތަރު ވަނަ ދުވަހުއެވެ. ޖަޕާނުގެ ސަފީރުކަމުގެ މަގާމު ހުސްވެފައިވަނީ، ކުރިން އެ މަގާމުގައި ހުންނެވި ހަސަން ސޯބިރު އަވަހާރަވުމާ ގުޅިގެންނެވެ.
މަހުލޫފް ސަފީރުކަމުގެ ފަތްކޮޅު އަރުވައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ