ރައީސް އަބްދުﷲ ޔާމީން ކުރިން އުޅުއްވި ގ. ދޫވެއްސަށް ހަލާލު ނޫން ފައިސާތަކެއް ވަދެފައިވާނެ ކަމަށް ވިދާޅު ނުވާކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެ އެވެ.
ޕީޕީއެމްގެ މަޖިލިސް މެމްބަރުންނަށް ޕްރައިމަރީއަކާ ނުލާ ޓީކެޓު ދިނުމަށް ބޭއްވި ރަސްމިއްޔާތުގައި ނޫސްވެރިން ކުރި ސުވާލުތަކަށް ޖަވާބު ދެއްވަމުން ރައީސް ޔާމީން ވިދާޅުވީ ހަލާލުނޫން ފައިސާ އެމަނިކުފަނުގެ ގެކޮޅަށް ވަން ކަމަށް ވިދާޅުނުވާ ކަމަށެވެ.
ނޫސްވެރިޔާ ތަކުރަރުކޮށް އެސުވާލުކުރުމުންވެސް ރައީސް ޔާމީން ތަކުރާރު ކުރައްވައި ވިދާޅުވީ، ތިއީ ބޮޑު ތުހުމަތެއް ކަމަށާ އަމިއްލަ ގެކޮޅަށް ހަލާލުނޫން ފައިސާ ވަދެފައިވާނެ ކަމަށް ވިދާޅުވެފައި ނުވާނެ ކަމަށެވެ. އެއީ، ހަލާލުނޫން ފައިސާ ގެއަށް ވަން ވާހަކަ ނޫންކަމަށާ އެމަނިކުފާނުގެ ގެކޮޅަށްވެސް ފައިސާ ވަން ކަމަށާ އެއީ ކޮންފައިސާއެއް ކަމެއް އެނގިވަޑައި ނުގަންނަވާ ކަމަށެވެ.
"އަޅުގަނޑު ބުނެފައި އޮންނާނީ މިގޮތައް، އަޅުގަނޑަކީ ވާހަކަ ދައްކާއިރު ދައްކާ ވާހަކަ ނޭނގި ވާހަކަދައްކާ މީހެއް ނޫން، ހަލާލުނޫން ފައިސާ އަޅުގަނޑު ގެއަށް ވަދެގެން އަޅުގަނޑު ކީއްކުރަންތޯ އެފައިސާ ބަލައިގަންނަންވީ. ހަލާލު ހަރާން ވާހަކަ ނުވެސް އަންނާނެ. އަޅުގަނޑު ބުނެފައި އޮންނާނީ އެއީ ކިހިނެއް ލިބުނު ފައިސާއެއް ކަމެއް ނޭނގެއޭ، އެއީކީ ހަލާލު ނޫނެކޭ ބުނަނީކީ ނޫނޭ" ރައީސް ޔާމީން ވިދާޅުވިއެވެ.
ކުރިން ވިދާޅުވެފައިވާނީ އެކިފަރާތްތަކުން ކެމްޕެއިނަށް ފައިސާދޭ ވާހަކަޔާއި އެފައިސާ ބަހަށްޓާފައި ހުންނާނީ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު އަތުގައި ކަމަށް ޔާމީން ވިދާޅުވިއެވެ.
ޕީޕީއެމްގެ ޖަލްސާތަކަށާއި އިވެންޓުތަކަށް އަދީބު އެފައިސާ ފޮނުއްވާ ކަމަށާ ރައީސް ޔާމީން ވިދާޅުވުމުން ބައެއް މަޖިލިސް މެމްބަރުންނަށްވެސް ފައިސާ ދީފައިވާނެ ކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ. އަދި ދެފަހަރު ނޫނީ ތިންފަހަރު އެމަނިކުފަނުގެ ގެކޮޅަށްވެސް އެފައިސާ ވަދެފައިވާނެ ކަމަށާ އެހެން ނަމަވެސް ހަލާލުނޫން ފައިސާއެއްގެ ވާހަކަ ވިދާޅު ނުވާކަމަށް ޔާމީން ވިދަޅުވިއެވެ.
މިފައިސާއަކީ ހަލާލުނޫން ފައިސާކަމަށް ވާނަމަ އަދީބު އަތުގައިހުރި ހުރިހާ ފައިސާއަކީ ރަނގަޅު ގޮތުގަ ލިބިފައިހުރި ފައިސާ ނޫންކަމަށް ޝަރުއީ ދާއިރާއަކުން ނިންމަންޖެހޭ ކަމަށްވެސް ރައީސް ޔާމީން ވިދާޅުވިއެވެ.
"އަދީބު އަތުގަހުރި ފައިސާ މިއުޅެނީ އެމްއެމްޕީއާރުސީން ގެއްލުނު ފައިސާއާއި ގުޅިގެން ނޫންތޯ. އޭގެކުރިން އަދީބު އަތުގަހުރި ފައިސާއަކީ ހަލާލު ފައިސާތޯ ހަރާން ފައިސާތޯ ކާކުތޯ ނިންމީ. ޖާނަލިސްޓުންނަކަށްވެސް ނެތޭ އެއިހުތިޔާރެއް،" ރައީސް ޔާމީން ވިދާޅުވިއެވެ.
ރައީސް އަބްދުﷲ ޔާމީން ކުރިން އުޅުއްވި ގ. ދޫވެހި ގެއަށް ވަދެފައިވަނީ ހަލާލު ނޫން ފައިސާކަމަށް ވިދާޅުވެފައިވަނީ ރިޔާސީ ކެމްޕޭނަށް އަމާޒުކޮށްގެން 14 އޯގަސްޓު 2017 ވަނަ ދުވަހުގެރޭ މާލޭގައި ހުޅުވި "ރުމާލޭ ދޭއް" ޖަގަހަގެ ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅުގައެވެ.
އެރޭ ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ، ދައުލަތައް ވައްދަން ހުރި ފައިސާއެއް ވެއްދުމަކީ އެމަނިކުފާނުގެ ފަސް އަހަރުތެރޭ ކުރަން ބޭނުންވާ ކަމެއް ކަމަށެވެ.
އެފައިސާ ދައުލަތައް އަނބުރާ ނުލިބޭ ކަމަށްވާނަމަ އޭގެތެރެއިން ބައެއް ރައީސް ޔާމީނަށް ލިބުނު ކަމަށް އިދިކޮޅު ލީޑަރުން ތުހުމަތު ކުރައްވާ ކަމަށެވެ.
އެމްއެމްޕީއާރްސީ ތެރެއިން ގެއްލުނު ގިނަ އަދަދެއްގެ ފައިސާ އެމަނިކުފާނަށް ލިބިވަޑައިގެންފައިވާ ކަމަށް ތުހުމަތުކުރާތީ ރައީސް ޔާމީން ވިދާޅުވީ އެމަނިކުފާނުގެ އަބުރު ސަލާމަތް ކުރުމަށްޓަކައިވެސް އެފައިސާ ދައުލަތަށް ހޯދައިދޭންޖެހޭ ކަމަށެވެ.
ރައީސް ޔާމީން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި އެބޭފުޅުން ހޮވަން ބޭނުންވި މެންބަރުން ހޮވަން ހަރަދުކުރީ ކުރީގެ ނައިބް ރައީސް އަހްމަދު އަދީބް ކަމަށެވެ.
އަދި އެގޮތަށް ހޮވާފައިވާ މެންބަރުން އިސްތިއުފާ ދެއްވުމަށްފަހު އަމިއްލަ މަސައްކަތުން އިންތިހާބުވެވަޑައިގަތުމަށް ރައީސް ޔާމީން އެރޭ އެދިވަޑައިގެންނެވިއެވެ.
"އޭރު ފައިސާ ވަދެފަ ހުންނާނީ ފޮށިފޮށިގަނޑުގަ ދޫވެއްސަކަށް ނޫން. ރައްޔިތުންގެ މަޖިލީހަށް އޭރު އަޅުގަނޑުމެން ކޮންމެހެން ހޮވަން ބޭނުންވި މެމްބަރުން ހޮވަންވެސް ފައިސާ ހަރަދު ކޮށްފައިވާނީ ހަމަ އަހުމަދު އަދީބު. އެހެންވީމަ އަޅުގަނޑުމެން ގެއަށް ވަން ފައިސާ ޝައްކެއްވެސް ނެތްގޮތެއްގަ ހަލާލެއް ނޫން" ރައީސް ޔާމީން އޭރު ވިދާޅުވިއެވެ.
ދޫވެއްސަށް ހަލާލުނޫން ފައިސާ ވަދެފަ ވެއެކޭ ނުބުނަން: ރައީސް ޔާމީން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ