ރާއްޖޭގެ ބޭންކުތަކުން ބޭރުގެ މުޢާމަލާތްތަކަށް ކަނޑައަޅާފައިވާ ލިމިޓުތަކަކީ މިހާރުގެ އިޤްތިޞާދީ ހާލަތަށް ބަލާއިރު، ކޮންމެހެން ބޭނުންތެރިކަމެއް ކަމަށް ސަރުކާރުގެ އިސް ތަރުޖަމާނު މުޙައްމަދު ޙުސައިން ޝަރީފް (މުންދު) ވިދާޅުވެއްޖެއެވެ.
މިއަދު ބޭއްވި 'ޕްރެސަރ ވިތު ދަ ސްޕޯކްސް' ޕްރޮގްރާމުގައި ވާހަކަދައްކަވަމުން މުންދު ވަނީ، ބޭންކުތަކުން ނިންމާފައިވާ ނިންމުންތަކަށް ތާއީދުކުރައްވާފައެވެ. އޭނާ ފާހަގަކުރެއްވިގޮތުގައި، ރާއްޖޭގެ އިޤްތިޞާދީ ދުވެލި އާންމުގޮތެއްގައި ރަނގަޅު ނަމަވެސް، ބޭންކުތަކުގެ ރިޒާވް ވަކި މިންވަރެއްގައި ހިފެހެއްޓުމަކީ މާލީ ނިޒާމުގެ ހަމަޖެހުމަށްޓަކައި މިވަގުތު ކުރަންޖެހޭ މުހިންމު ކަމެއް ކަމަށާއި ބޭންކުތަކުން ޑޮލަރު ދޫކުރަނީ އެ އިދާރާތަކަށް ލިބޭ އާމްދަނީއަށް ރިއާޔަތްކޮށް، ކަނޑައެޅިފައިވާ ހަމަތަކުގެ މަތިން ކަމަށެވެ.
ބޭރުގެ މުޢާމަލާތްތަކަށް އޮތް ޑިމާންޑު ބޮޑުވެފައިވާކަން ހާމަކުރައްވަމުން މުންދު ވިދާޅުވީ، ވޭތުވެދިޔަ އަހަރާ އަޅާބަލާއިރު ކާޑުތަކުން ކުރާ މުޢާމަލާތްތަކުގެ އަދަދު ވަރަށް ބޮޑަށް އިތުރުވެފައިވާ ކަމަށެވެ. އެގޮތުން، 2023 ވަނަ އަހަރު ބީއެމްއެލްގެ ކަސްޓަމަރުން މަހެއްގެ މައްޗަށް އެވްރެޖްކޮށް 1.9 ލައްކަ މުޢާމަލާތް ކޮށްފައިވާއިރު، މިހާރު އެ އަދަދު ތިން ލައްކައަށްވުރެ މައްޗަށް އަރާފައިވާކަމަށާއި މަހެއްގެ މައްޗަށް ކާޑުތަކުން ހޭދަކުރާ މިންވަރު 25 މިލިއަން ޑޮލަރުން 50 މިލިއަން ޑޮލަރަށް އިތުރުވެފައިވާކަމަށް މުންދު ވިދާޅުވިއެވެ.
މީގެއިތުރުން، ރާއްޖެއަށް ޑޮލަރު ލިބޭ މިންވަރަކީ ވަކި މޫސުންތަކަކަށް ބިނާވެފައިވާ އެއްޗެއް ކަމަށާއި މީރާއަށް ލިބޭ ޓެކްސް ފައިސާއަކީވެސް އެފަދަ ގޮތަކަށް ވަކި ދުވަސްވަރުތަކެއްގައި ލިބޭ އާމްދަނީއެއްކަން އޭނާ ފާހަގަކުރެއްވިއެވެ.
ހަމައެއާއެކު، އެކި ކަހަލަ ސަބްސްކްރިޕްޝަންތަކަށާއި އޮންލައިން ވިޔަފާރިތަކަށް ޑޮލަރުގެ ބޭނުންޖެހޭ މިންވަރު ވަރަށް ބޮޑަށް އިތުރުވެފައިވީނަމަވެސް، އެ ހުރިހާ މުޢާމަލާތްތަކެއްވެސް ކުރިއަށްދާނީ ބޭންކުތަކުގެ މާލީ ދާއިރާގެ ރައްކާތެރިކަމާއި ހަމަޖެހުން ހިފެހެއްޓޭނެފަދަ ގޮތަކަށް ކަމަށް މުންދު ވިދާޅުވިއެވެ.
ބޭރުގެ މާލީ މުޢާމަލާތްތައް ލިމިޓުކުރުން މިވަގުތުގެ އިޤްތިޞާދީ ހާލަތަށް މުހިންމު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ