ތާރީހީ ކާމިޔާބެއް، ނަބާ އާއި ނަބީގެ ޕެއާ އިޓަލީ މުބާރާތުގެ ކުއާޓާ އަށް

ރިވައިވަލް ސްޕޯޓްސް އާއި ގައުމީ ބެޑްމިންޓަން ޓީމުގެ އައިމިނަތު ނަބީހާ އަބްދުއްރައްޒާގު (ނަބީ) އާއި ފާތިމަތު ނަބާހާ އަބްދުއްރައްޒާގު (ނަބާ)، މިހާރު ކުރިއަށްދާ ޔޮނެކްސް އިޓާލިއަން އޯޕަންގެ އަންހެން ޑަބަލްސް އިވެންޓުގެ ކުއާޓާ ފައިނަލުން ޖާގަ ހޯދައި، ތާރީހީ ކާމިޔާބެއް ހާސިލްކޮށްފި އެވެ. 
މިއީ، ބެޑްމިންޓަން ދުނިޔޭގެ ފެޑެރޭޝަން (ބީޑަބްލިއުއެފް) އިން ރުހުން ދީފައިވާ ޔޫރަޕްގެ އެލީޓް މުބާރާތެއްގެ ކުއާޓާ ފައިނަލަށް ރާއްޖެ ދަތުރުކުރި ފުރަތަމަ ފަހަރެވެ. 
ރިވައިވަލް އިން ޔޫރަޕް ޓުއާއެއްގައި ވާދަކުރަމުން އަންނައިރު، އިޓަލީ މުބާރާތުގެ އަންހެން ޑަބަލްސް ގަދަ 16 ބުރަށް ދަތުރުކުރިއިރު، މިސްރުގެ ފަރީދާ އެލްތަވީލް އާއި ނޫރު އެލްތަވީލް އަތުން ވަނީ 21-10، 21-07 އިން މޮޅުވެފަ އެވެ. ގަދަ 16 ބުރުގައި ނަބާ އާއި ނަބީގެ ޕެއާ ކުޅުނީ ޔޫއޭއީގެ ތާބިއާ ހާން އާއި ސްރީޖިތު ޕަރޯލްއާ ދެކޮޅަށެވެ. އެ މެޗުން ނަބާ އާއި ނަބީ މޮޅުވީ 22-20، 24-22 އިންނެވެ. ކުއާޓާ ފައިނަލުގައި ނަބާ އާއި ނަބީގެ ޕެއާ އިން ކުޅެން ޖެހޭ ޓީމެއް އެނގޭނީ ގަދަ 16 ބުރުގެ ކުޅުން ނިމުމުންނެވެ. 
ނަބީ އާއި ނަބާ ވަނީ ބައިނަލްއަގުވާމީ އެކި ލެވަލްގެ މުބާރާތްތަކުގެ އަންހެން ޑަބަލްސް އިވެންޓުން ރާއްޖެ އަށް މެޑަލް ގެނެސްފަ އެވެ. އެ ގޮތުން، ބައިނަލްއަގުވާމީ މުބާރާތްތަކުގައި ނަބީ އާއި ނަބާގެ ޕެއާ އިން ވަނީ ޖުމްލަ 13 މެޑަލް ހޯދައިފަ އެވެ. ތަފްސީލަށް ބަލާއިރު، ނަބީ އާއި ނަބާގެ ޕެއާ އިން ވަނީ، ބައިނަލްއަގުވާމީ މުބާރާތްތަކުގައި، ހަތަރު ރަން މެޑަލް، ހަތަރު ރިހި މެޑަލް އަދި ފަސް ލޯ މެޑަލް ހޯދައިފަ އެވެ.
އިޓަލީ މުބާރާތުގެ ގަދަ 16 ބުރުގައި، ރިވައިވަލް އާއި ގައުމީ ޓީމުގެ ޒަޔާން ޒަކީ އާއި ނިބާލް އަހުމަދު ވަނީ ފިރިހެން ޑަބަލްސްގައި ވާދަކޮށްފަ އެވެ. ގަދަ 16 ބުރުގައި، މުބާރާތުގެ ދެ ވަނަ އަށް ސީޑުކޮށްފައިވާ ޖަރުމަނުގެ މަލިކް ބޫރަކާދީ އާއި ކެނެތު ނެއުމަންއާ ކުޅެގެން، ނިބާލް އާއި ޒަޔާން ޒަކީގެ ޕެއާ ބަލިވީ، 21-08، 21-07 އިންނެވެ.  
ރިވައިވަލްގެ ޔޫރަޕް ޓުއާގައި ކުޅުނު ފުރަތަމަ މުބާރާތް، ޗެކް އިންޓަނޭޝަނަލް ފިއުޗާ ސީރީސްގެ މިކްސް ޑަބަލްސް އިވެންޓުގެ ގަދަ 16 ބުރުގައި ޒަޔާން އާއި ނަބާގެ ޕެއާ ވާދަކުރި އެވެ. އެ ބުރުގައި ބަލިވީ، ސްވިޒަލެންޑުގެ ހާޒެންމޯސާ އާއި މެޓްޒްގާ އަތުން 21-05، 21-14 އިންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ