މަސްތުވެގެން ތިއްބާ ހައްޔަރުކުރި މީހުން ބުނަނީ އެއީ އަނިޔާ ލިބުނު މީހުން ކަމަށް

ހުޅުމާލެ 1 ގައި ހުންނަ ގެއެއްގެ ތެރޭ މިއަދު ހެނދުނު އަޑުގަދަކޮށް ހަމަނުޖެހުން ހިންގާ ކަމުގެ ރިޕޯޓެއް ލިބިގެން ފުލުހުން ގޮސް، މަސްތުގެ ހާލަތުގައި ތިބި ކަމުގެ ތުހުމަތުގައި ހައްޔަރުކުރި މީހުންނަކީ މާރާމާރީގައި އަނިޔާ ލިބުނު މީހުން ކަމަށް އެ މީހުން ބުނެފި އެވެ. 
ފުލުހުން ބުނީ މިއަދު ހެނދުނު 6:05 ހާއިރު، އެޕާޓްމަންޓެއްގައި ހަމަނުޖެހުމެއް ހިނގައިގެން އުޅޭ ކަމަށް ރިޕޯޓް ލިބިގެން ގޮސް ބެލި އިރު ބަނގުރާ ހުސްކޮށްފައި ހުރި ފުޅިތަކެއް ފެނުނު ކަމަށާއި އެތަނުގައި ހަތަރު ދިވެއްސަކު ތިބި ކަމަށާއި އެމީހުން ހައްޔަރުކޮށްފައިވާ ކަމަށެވެ. 
އެ މައްސަލައިގައި ހައްޔަރުކޮށްފައިވާ 26 އަހަރުގެ އަންހެން މީހާ މިއަދު ކްރިމިނަލް ކޯޓުގެ ބަންދު މަޖިލީހުގައި ބުނީ އެ ތަނުގައި މާރާމާރީ ހިނގި ކަމަށާއި އޭނާ މަސައްކަތް ކުރީ އެކަން ހުއްޓުވަން ކަމަށެވެ. މާރާމާރީ ހިނގައި، އަނިޔާ ދިން އަންހެން މީހާ އެތަނުން ނުކުމެގެން ގޮސްފައިވާ ކަމަށާއި ބަންދުގައި ތިބީ އަނިޔާ ލިބުނު މީހުން ކަމަށް އޭނާ ބުންޏެވެ. 
ދެން ހައްޔަރުކުރި 29 އަހަރުގެ އަންހެން މީހާ ބުނީ އޭނާ މަސައްކަތް ކުރީ މާރާމާރީ ހުއްޓުވައި މީހުންތައް ދުރުކުރަން ކަމަށެވެ. މި ދެ މީހުންގެ ބަންދަށް ކޯޓުން ވަނީ ފަސް ދުވަސް ދީފަ އެވެ. 
ހައްޔަރުކުރި ހަތަރު މީހުންގެ ތެރޭގައި ހިމެނޭ 34 އަހަރުގެ ފިރިހެން މީހާ އަމަލުތަކާއި ބަސްމަގު ހުރި ގޮތުން އޭނާއަކީ ހާދިސާ ހިނގި ތަނާއި އެތަނުގައި ތިބި މީހުންނާއި އެ ތަނުގައި ހިނގަމުންދިޔަ ކަންކަމަށް ބާރުފޯރުވެވޭނެ އަދި އެކަންކަމުގެ މައްޗަށް ކޮންޓްރޯލް އޮތް މީހެއް ކަން އެނގޭ ކަމަށް ކޯޓު އަމުރުގައިވެ އެވެ. އޭނާގެ ބަންދަށް އިތުރުކޮށްފައިވަނީ ތިން ދުވަހެވެ. 
The most trusted news source in the Maldives
މިއަދު ހެނދުނު ހައްޔަރުކުރި 24 އަހަރުގެ ފިރިހެން މީހާ ބަންދު މަޖިލީހަށް ގެނައި އިރު ވެސް ހުރީ މަސްތުގެ ހާލަތުގައި ކަމަށް ބެލެވޭ ކަމަށް ވެސް އަމުރުގައިވެ އެވެ. އޭނާގެ ބަންދަށް ކޯޓުން ދީފައިވަނީ އިތުރު ފަސް ދުވަހެވެ.
ސޯޝަލް މީޑިއާގައި ވަނީ ސީންގައި ފުލުހުން ހަރަކާތްތެރިވާ ފޮޓޯ އާއި ވީޑިއޯތަކެއް ވެސް އާންމުވެފަ އެވެ. އެ ވީޑިއޯތަކުން ފެންނަ ގޮތުގައި އެތަނުގައި ތިބި މީހުންގެ މެދުގައި ކޮންމެވެސް ހަމަނުޖެހުންތަކެއް ހިނގަ އެވެ. އަދި އަންހެނަކާއި ފިރިހެނަކު ގައިގޯޅިކޮށް އުޅޭތީ ވެސް ފެނެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ