ޑްރަގު އެތެރެކުރި ކަމުގެ ތުހުމަތުވާ އަލްޔާ ބުނަނީ އޭނާ ލައްވާ އެކަން ކުރުވީ ގްރޫމްކޮށްގެން ކަމަށް

ރާއްޖެއަށް 1.5 ކިލޯގެ ޑްރަގް އެތެރެކުރުވީ އޭނާ ގްރޫމްކޮށްގެން ކަމަށް އެކަމުގެ ތުހުމަތުވާ އަލްޔާ ޝަރްސާ ނަސީރު މިއަދު ކޯޓުގައި ބުނެފި އެވެ. 
ރާއްޖެ އަށް މަސްތުވާތަކެތި އެތެރެކޮށް، ވިއްކައި ވިޔަފާރިކުރާ ކަމަށް ތުހުމަތުކުރެވޭ އެ މައްސަލައިގައި ހައްޔަރުކުރީ ކ. ތުލުސްދޫ އާބިޖިލީހިޔާ، އާމިނަތު ރޫނާ 29، އާއި ގ. މުތީގެއާގެ އަލްޔާ ޝަރްސާ ނަސީރު، 25، އެވެ.
އެ ދެ މީހުން ބަންދުގައި ބައިތިއްބަން ކްރިިމިނަލް ކޯޓުން ދީފައިވާ މުއްދަތު ހަމަވާތީ ބަންދާ މެދު އަލުން ގޮތެއް ނިންމަން މިއަދު ކޯޓަށް ހާޒިރުކުރުމުން ރޫނާގެ ބަންދަށް 20 ދުވަސް އަދި އަލްޔާގެ ބަންދަށް 10 ދުވަސް ދީފައިވެ އެވެ. 
ބަންދު މަޖިލީހުގައި އަލްޔާ މިއަދު ބުނީ އޭނާއަކީ ނަފްސާނީ ހާލަތު ހުރި ގޮތުން އަމިއްލަ ނަފުސު ނުރައްކަލަކަށް ހުށަހެޅޭ ހާލަތުގައި ހުރި މީހެއް ކަމަށާއި އެކަމުގެ ފަރުވާ ހޯދުމުގެ ތެރެއިން ރޫނާއާ ދިމާވި ކަމަށެވެ. 
The most trusted news source in the Maldives
ރޫނާ ވަނީ އޭނާ ގްރޫމްކޮށް، ކުށްކުރުމަށް ބޭނުންކޮށްފައި ކަމަށް އަލްޔާ ބުންޏެވެ. އޭނާ ބުނި ގޮތުގައި އޭނާއަށް ޓިކެޓް ނަގައިދީ ރާއްޖޭން ބޭރަށް ފޮނުވަމުންދިޔަ ކަމަށާއި މަސްތުވާތަކެތި ފެނިފައިވަނީ ރޫނާ ބުނެގެން ގެނައި ލަގެޖަކުންނެވެ. ފުލުހުން ހިންގި ކޮންޓްރޯލް ޑެލިވަރީގައި ލަގެޖް ރޫނާއާ ހަވާލުކޮށް ތަހުގީގަށް އެއްބާރުލުން ދީފައިވާ ކަން ވެސް ފާހަގަކުރި އެވެ. 
މިއަދުގެ ބަންދު މަޖިލީހުގައި ރޫނާ ބުނެފައިވަނީ އޭނާ ބަންދުކޮށްފައި ހުންނަނީ މުޅިން އެކަހެރިކޮށް ކަމަށާއި ބަހައްޓާފައި ހުރީ ފާހަނާއެއް ވެސް ނުހުންނަ ގޮޅިއެއްގައި ކަމަށެވެ. އޭނާގެ ނަފްސާނީ އިތުރަށް ދަށްވަމުންދާ ކަމަށާއި އެކަށީގެންވާ ފަރުވާ ފޯރުކޮށްދިނުމަށް އެދޭ ކަމަށް ވެސް ބުނެފައިވެ އެވެ. 
އެ މައްސަލާގައި ހިމެނޭ ޑްރަގް ރާއްޖެއަށް އެތެރެކުރުމުގައި އިސްކޮށް އުޅުނީ ރޫނާ ކަމަށް މައްސަަލަ ތަހުގީގު ކުރާ ފުލުހުން ކޯޓުގައި މީގެކުރިން ބުނެފައިވެ އެވެ. އަމުރުގައި ބުނެފައިވާ ގޮތުގައި އެ މައްސަލާގައި ހިމެނޭ އަލްޔާ ޝަރްސާ ނަސީރު ރާއްޖޭން ބޭރަށް ދަތުރުކުރީ ވެސް ރޫނާގެ އިރުޝާދުގެ ދަށުންނެވެ. 
The most trusted news source in the Maldives
ބަންދު މަޖިލީހުގައި ފުލުހުން ކޯޓަށް ހުށަހެޅި ހެކީގެ ތެރޭގައި، މަސްތުވާތަކެތި ގެނައި އަލްޔާގެ ޓްރެވަލް ހިސްޓްރީ އާއި ފޯނު އެކްސްޓްރެކްޝަން ރިޕޯޓް ހިމެނެ އެވެ. އޭގެން އެނގޭ ގޮތުގައި އަލްޔާ އަކީ ގާތްގާތުގައި ރާއްޖޭން ބޭރަށް ދަތުރުކުރާ މީހެއް ކަމަށާއި ފޯނުން ވެސް މައްސަލައާ ގުޅޭ ހެކި ފެނިފައިވާ ކަމަށް އަމުރުގައިވެ އެވެ. 
ހާދިސާގައި ފެނިފައިވާ މަސްތުވާތަކެތީގެ ވަގުތީ ބަރުދަނުގައި 1.820 ކިލޯ ގްރާމް ހުރި ކަމަށް ފުލުހުން ބުނެ އެވެ.
މި މައްސަލައިގެ ދިފާއުގައި ރޫނާގެ ފަރާތުން ވަނީ ފުލުހުންގެ ބޮޑީ ކެމްގެ ރެކޯޑިން ހޯދަން އެދިފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ