ރިސޯޓް ލީގު: ބ. ޒޯންގެ ފެށުން އަވާނީ، ވައްކަރު، އަނަންތަރާ އަދި ލަނޑާ ގިރާވަރަށް ރަނގަޅު

ރާއްޖޭގައި ކުރިއަށްދާ އެންމެ ބޮޑު ރިސޯޓް ފުޓްސަލް މުބާރާތްް ކަމަށްވާ ރިސޯޓް ލީގުގެ އެންމެ ފޯރިގަދަ އެއް ޒޯން، ބ. ޒޯންގެ ފުރަތަަމަ މެޗުތައް ކާމިޔާބުކޮށް، އަވާނީ+ފަރެސް މޯލްޑިވްސް، ވައްކަރު މޯލްޑިވްސް، އަނަންތަރާ ކިހާވަށް މޯލްޑިވްސް ވިލާސް އަދި ފޯ ސީޒަންސް ރިސޯޓް މޯލްޑިވްސް އެޓް ލަނޑާ ގިރާވަރުން ފެށުން ރަނގަޅުކޮށްފި އެެވެ. 
ޖުމްލަ އަށް ރިސޯޓް ވާދަކުރާ މި ޒޯނުގެ ފަހު މެޗުތައް ކުޅޭނީ ދެ ގްރޫޕަކަށް ބަހާލައިގެންނެވެ. 
ގްރޫޕް އޭގެ ފުރަތަަމަ މެޗުގައި، މި ޒޯން ހޯސްޓް ކުރަމުން އަންނަ އަވާނީ އިން ވަނީ 7-1 އިން މިލައިދޫ މޯލްޑިވްސް ބަލިކޮށްފަ އެވެ. އަވާނީގެ ލަނޑުތައް ޖެހީ މަންސޫރު އިބްރާހިމް އާއި ޝިނާން އިބްރާހިމް ހެޓްރިކެއްގެ އިތުރުން، އަޖުފާން އެވެ. މިލައިދޫގެ ހަމައެކަނި ލަނޑު ޖެހީ އަލީ އައިމަން އެވެ. 
މި ގްރޫޕްގެ އަނެއް މެޗުގައި، ވައްކަރުން އަމިއްލަ މޯލްޑިވްސް ބަލިކުރިއިރު، ލަނޑުތައް ޖެހީ ހަސަން ހަނީފް ދެ ގޯލުގެ އިތުރުން އީވާން އިބްރާހިމް ޒުބައިރު އާއި އަދްޔާން އާދަމް ރަޝީދު އެވެ. 
ގްރޫޕް ބީގެ ފުރަތަމަ މެޗުގައި، ފިނޮޅު އަތުން އަނަންތަރާ މޮޅުވީ 5-1 އިންނެވެ.  މި މެޗުގައި އެންމެ ފަހުގެ ޗެމްޕިއަން، އަނަންތަރާގެ ލަނޑުތައް ޖެހީ، ރަޝާދު އަބްދުލް މަތީން ހެޓްރިކެއްގެ އިތުރުން، މަލްސޫން ޔާމީން އަދި ފިނޮޅުގެ މުހައްމަދު ޝުއާއު އަތުން ބައިކޮޅަށް ވަން ގޯލެކެވެ. ފިނޮޅުގެ ހަމައެކަނި ލަނޑު ޖެހީ އަހުމަދު އަފްނާން އެވެ. 
މި ގްރޫޕްގެ އަނެއް މެޗުގައި، ސޮނޭވާފުށި މޯލްޑިވްސް އަތުން ލަނޑާގިރާވަރު މޮޅުވީ 3-2 އިންނެވެ. ލަނޑާގިރާވަރުގެ ލަނޑުތައް ޖެހީ، މުހައްމަދު ޖުނައިދު ދެ ގޯލުގެ އިތުރުން އާދަމް ޝަމީމް އެވެ. ސޮނޭވާފުށީގެ ލަނޑުތައް ޖެހީ މުހައްމަދު ނާއިލް ދެ ގޯލެވެ. 
މުބާރާތުގައި މާދަމާ ކުޅޭ މެޗުތަކުގައި ވައްކަރުން ނުކުންނާނީ އަވާނީއާ ދެކޮޅަށެވެ. އަދި، އަމިއްލަ އިން ބައްދަލުކުރާނީ މިލައިދޫއާ އެވެ. 
މިދިޔަ އަހަރުގެ ފައިނަލުގައި، އަނަންތަރާ އާއި ފިނޮޅުން ބައްދަލުކުރި މެޗުގައި، ފުރިހަމަ ވަގުތު ހަމަވިއިރު، ދެ ޓީމު 2-2 އިން އެއްވަރުވިއިރު، ޕެނަލްޓީ ޖަހައިގެން އަނަންތަރާ މޮޅުވީ 7-6 އިންނެވެެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ