ރާއްޖޭގެ ބޮޑު ބަޔަކަށް ހުދު ސަމާލު: ދަންވަރު ވެސް ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކޮށްފި
ރާއްޖޭގެ ބޮޑު ސަރަހައްދަކަށް ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކޮށް، މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް އޮފީސް) އިން މިރޭ ހުދު ސަމާލު ނެރެފިއެވެ. މި ސަމާލު ނެރެފައި ވަނީ މިރޭ 9:00 އިން ފެށިގެން މިރޭ ދަންވަރު 3:00 އާއި ހަމައަށް، ހއ. އަތޮޅުން ފެށިގެން ލ. އަތޮޅާ ހަމައަށެވެ. މެޓް އޮފީހުން ހާމަކޮށްފައިވާ ގޮތުގައި، ހުދު ސަމާލު ނެރެފައިވާ ސަރަހައްދުތަކަށް ބޯކޮށް ވާރޭވެހުމާއެކު ގުގުރާނެ ކަމަށް ލަފާކުރެވެއެވެ. އަދި އާންމު ގޮތެއްގައި ގަޑިއަކު 19 މޭލާއި 24 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށާއި، ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައިގަދަވެ ކަނޑުތައް ގަދަވާނެ ކަމަށްވެސް އެ އިދާރާއިން ވަނީ ލަފާކޮށްފައެވެ. https://x.com/MetMaldives/status/2070897608605028668 މިރޭގެ މޫސުން ކުރިއަށް ލަފާކުރާ ގޮތަށް ބަލާއިރު، ރާއްޖޭގެ އެކި ހިސާބުތަކަށް ވިއްސާރަކޮށް ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހި ގުގުރާނެ ކަމަށް މެޓް އޮފީހުން ވަނީ ލަފާކޮށްފައިއެވެ. ވައިގެ ބާރުމިން ހުންނާނެ ކަމަށް ލަފާކުރެވެނީ ހުޅަނގާއި ހުޅަނގު އުތުރުން، ދެކުނުގެ އަތޮޅުތަކުގައި ގަޑިއަކު 3 މޭލާއި 13 މޭލާ ދެމެދުގައެވެ. ނަމަވެސް އެހެން ހިސާބުތަކުގައި ގަޑިއަކު 10 މޭލާއި 20 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށް ލަފާކުރެވެއެވެ. މެޓް އޮފީހުން ލަފާކުރާ ގޮތުގައި ވިލާގަނޑުގައި ގާތްގަނޑަކަށް 36 މޭލަށް ވައިގަދަވާނެއެވެ. އަދި ދެކުނުގެ އަތޮޅުތަކުގައި އާދައިގެ ވަރަކަށް ކަނޑު މަޑުވި ނަމަވެސް، އެހެން ހިސާބުތަކުގައި ކަނޑުތައް އާދައިގެ ވަރަކަށް ގަދަވާނެއެވެ. އަދި ވިލާގަނޑުގައި ހުރިހާ ހިސާބެއްގެ ކަނޑުތައްވެސް ގަދަވާނެ ކަމަށް ވަނީ ލަފާކޮށްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ