އީރާނުން ގަލްފުގައިވާ އެމެރިކާގެ މަރުކަޒުތަކަށް ހަމަލާ ދީފި

ތެހެރާން (27 ޖޫން 2026): މި މަހުގެ 18 ވަނަ ދުވަހު އެމެރިކާއާއި އީރާން ސޮއިކުރި އެމްއޯޔޫގެ ފުރަތަމަ އާޓިކަލް އާ އެމެރިކާ ޚިލާފު ވެއްޖެ ކަމަށް ބުނެ ގަލްފުގެ ސަރަހައްދުގައިވާ އެމެރިކާގެ ބައެއް އަސްކަރީ މަރުކަޒުތަކަށް އީރާނުން ހަމަލާތަކެއް ދީފިއެވެ. އީރާނުގެ ހަމަލާތައް އެރި ތަންތަނުގެ ތެރޭގައި ބަހްރައިންގައި ހުންނަ އެމެރިކާގެ ފިފްތް ފްލީޓްގެ މައިމަރުކަޒު ހިމެނެއެވެ. މީގެ އިތުރުން އެމެރިކާ ގެ މަދަދު ލިބޭ އީރާނުގެ ކުރުދީ ބާޣީ ޖަމާއަތެއްގެ މަރުކަޒުތަކަކަށް ވެސް އީރާން ވަނީ ހަމަލާތަކެއް ދީފައެވެ މި މަރުކަޒު ހުންނަނީ އިރާގުގެ ކުރުދިސްތާން ސަރަހައްދުގައެވެ. އީރާނުގެ އެކްސްޕެޑިއެންސީ ޑިސާންމެންޓް ކައުންސިލްގެ މެންބަރަކު ވިދާޅުވި ގޮތުގައި މިއީ ހުރުމުޒު ކަނޑުއޮޅީގައިވާ އީރާނުގެ ސީރީކް ޖަޒީރާއަށް ދިން ހަމަލާތަކަށް ރައްދު ދިނުމުގެ ގޮތުން ދިން ހަމަލާތަކެކެވެ. އެމެރިކާގެ އިތުރު ހަމަލާތަކެއް އީރާނަށް ދީފި ނަމަ ދެން ގަލްފުގައިވާ އެމެރިކާގެ މަސްލަހަތުތަކަށް އީރާން ދޭ ހަމަލާތައް މާ ވަރުގަދަވާނެ ކަމަށް ވެސް އީރާނުގެ މަސްއޫލުވެރިޔާ ވިދާޅުވިއެވެ. އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ ހުރުމުޒު ކަނޑުއޮޅީގައިވާ އީރާނުގެ ސީރީކް ޖަޒީރާގައިވާ ރާޑަރަކަށާއި ކޮމާންޑް ސެންޓަރަކަށް ރޭ އެމެރިކާގެ ސެންޓްކޮމް އިން ހަމަލާތަކެއް ދިންކަން ކަށަވަރުކޮށް ދެއްވާފައެވެ. ޓްރަމްޕް ބުނިގޮތުގައި މި ހަމަލާތައްދިނީ ގަލްފުގެ ހުރުމުޒު ކަނޑުއޮޅި ހުރަސްކުރަން އުޅުނު އާގުބޯޓަކަށް އީރާން ދިން ހަމަލާތަކަށް ބަދަލު ހިފުމުގެ ގޮތުންނެވެ. ބަހްރައިންގައިވާ އެމެރިކާގެ މަރުކަޒަކަށް އީރާން މިދިޔަ މަހު ދީފައިވާ ހަމަލާއެއް އީރާން ގެ ރިވޮލިއުޝަނަރީ ގާޑުންގެ ލަޝްކަރުތައް ބުނާ ގޮތުން ހަމަލާދިނީ އީރާން އާ ކޯޑިނޭޓް ނުކޮށް ހުރުމުޒު ކަނޑުއޮޅި ހުރަސްކުރަން އުޅުނު އާގު ބޯޓަކަށެވެ. މި މަހުގެ 18 ވަނަ ދުވަހު އެމެރިކާއާއި އީރާން ސޮއިކުރި އެމްއޯޔޫ ބުނާ ގޮތުން ހުރުމުޒު ކަނޑުއޮޅި ހުރަސްކުރަން ބޭނުންވާ ޓޭންކަރުތަކާއި އާގު ބޯޓުތަކުން އީރާން އާ ކޯޑިނޭޓްކޮށް ހުރަސްކުރާކަން އީރާނަށް އަންގަން ޖެހެއެވެ. ނަމަވެސް ހަމަލާ ދިނީ އެކަން ނުކޮށް އީރާންގެ އައްސޭރިއާ ތަންކޮޅެއް ދުރުން އޮމާންގެ އައްސޭރިއާ ގާތުން ހުރަސް ކުރަން އުޅުނު އާގު ބޯޓަކަށެވެ. އިނގިރޭސިވިލާތް ބުނާ ގޮތުން އީރާނުން ހަމަލާ ދިނީ އެ ގައުމުގެ ބޯޓަކަށެވެ. އީރާނުގެ ހަމަލާތަކުގައި އެ ބޯޓަށް ވަނީ އަލުން ދަތުރު ނުކުރެވޭ ވަރަށް ބޮޑެތި ގެއްލުންތަކެއް ލިބިފައެވެ. ނަމަވެސް ފަޅުވެރިއަކަށް ގެއްލުމެއް ނުލިބެއެވެ. މިހާރު މަސައްކަތް ކުރަނީ އެ ބޯޓު ކަފު ޖަހައިގެން ގަލްފުގެ ގައުމެއްގެ ބަނދަރަށް ގެންގޮސް މަރާމާތު ކުރުމަށެވެ. މި މަހުގެ 18 ވަނަދުވަހު އެމެރިކާއާއި އީރާން ސޮއިކުރި އެމްއޯޔޫގެ ފުރަތަމަ އާޓިކަލްގައިވާ ގޮތުން އެމެރިކާއާއި އީރާން މިދެގައުމުގެ ތެރެއިން ކޮންމެ ގައުމަކުންވެސް އަނެއްގައުމުގެ މިނވަންކަމާއި ސިޔާދަތަށް އިހުތިރާމް ކުރަންޖެހޭނެއެވެ. އެއް ގައުމުން އަނެއް ގައުމުގެ އެއްވެސް ތަނަކަށް ހަމަލާ ދީގެން ނުވާނެއެވެ. އީރާން ވެސް ރައްދުގައި ހަމަލާ ދިނީ ބަހްރައިން ގައިވާ އެމެރިކާގެ މަސްލަހަތު ހުރި އަސްކަރީ މަރުކަޒަކަށެވެ. އޭގެކުރިން އީރާން ހަމަލާދިނީވެސް އެމެރިކާގެ ބޯޓަކަށް ނޫނެވެ. އެމްއޯޔޫއާ ޚިލާފަށް ދަތުރުކުރި އެހެން ގައުމެއްގެ ބޯޓަކަށެވެ. އަދި އެމެރިކާ އިތުރަށް އީރާނުގެ ތަނަކަށް ހަމަލާދީފި ނަމަ ރައްދުގައި ދެން ހަމަލާ ދޭނީ މިއަށް ވުރެ ވަރުގަދަކޮށް ކަމަށާއި އީރާން އޮތީ އެމެރިކާ ހެދިހާ ގޮތެއް ހެދޭ ގޮތަށް ނޫންކަމަށް އީރާނުގެ ރިވޮލިއުޝަނަރީ ގާޑުން ނެރުނު ބަޔާނެއްގައި ބުންޏެވެ. މުހައްލިލުން ބުނާ ގޮތުގައި ހަނގުރާމައިގާ އީރާނަށް ލިބުނު ގެއްލުންތަކާ ގުޅިގެން އީރާން ގެންދަނީ ކުރިޔާ ޚިލާފަށް ހުރުމުޒު ކަނޑުއޮޅީގެ ފުރިހަމަ ކޮންޓްރޯލް ދާއިމީކޮށް ނެގުމަށްޓަކައި ގަލްފުގައި މުޅިން އައު ހާލަތެއް އުފައްދަން މަސައްކަތްކުރަމުންނެވެ. އެއީ އީރާނުގެ ހުއްދައާއެކު ނޫނީ އެއްވެސް ބޯޓަކަށް ހުރުމުޒު ކަނޑުއޮޅި ހުރަސްކުރުމުގެ ފުރުސަތު ނުދިނުމުގެ ހާލަތެވެ. މިއީ ސްޓްރެޓީޖިކް ގޮތުން އީރާނަށް ލިބޭ ޚާއްސަ ބާރަކަށް ވާތީއެވެ. އީރާން ކިރިޔާ ބާރުގެ ބޭނުންކޮށްލިޔަސް އާގު ބޯޓުތަކާއި ތެޔޮ ޓޭންކަރުތައް މަދަނީ ވިޔަފާރީގެ އުޅަނދުތައް ހުރުމުޒު ކަނޑުއޮޅި ހުރަސްކުރަން ޖެހިލުންވާނެތީ މި ހާލަތު ވުޖޫދަށް ގެނައުމަކީ އީރާނަށް ވަރަށް ފަސޭހަކަމެއްކަމަށް މުހައްލިލުން ވިދާޅުވެއެވެ. މިއީ އީރާން އާ ދެކޮޅަށް ބާރުގެ ބޭނުންކޮށްގެން އެމެރިކާއަށް ހައްލު ކުރެވޭނެ ކަމެއްނޫނެވެ. އާޚިރުގައި އެމެރިކާ ޖެހޭނީ މިހާލަތު ވުޖޫދަށް ގެނައުމަށްޓަކައި އީރާނަށް ދޫދޭން ކަމަށްވެސް މުހައްލިލުން ދެކެވަޑައިގަންނަވައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ