ދުންފަތާ ދެކޮޅަށް މަސައްކަތް ކުރުމުގެ ފަސް އަހަރުގެ ގައުމީ ކެމްޕެއިން "ދެން ހުއްޓާލަމާ" މިއަދު ރަސްމީކޮށް އިފުތިތާހުކޮށްފި އެވެ.
އެ ކެމްޕެއިން އާއި ކެމްޕެއިން ލޯގޯ އަދި ޝިއާރު އިފުތިތާހުކޮށްދެއްވީ މ. މުލަކުގައި ބޭއްވި ޖަލްސާއެއްގައި ރައީސުލްޖުމްހޫރިއްޔާ މުހައްމަދު މުއިއްޒުގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު އެވެ.
އެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ސާޖިދާ ވަނީ ދުންފަތުން މުޖްތަމައު ސަލާމަތް ކުރަން ވިޔަފާރިވެރިން އިސްނަގަން ގޮވާލައްވައިފަ އެވެ.
"ދުންފަތުގެ ނުރައްކާތެރި ވަބާއިން ގައުމު ސަލާމަތްކުރުމަށް ކެފޭތަކާއި، ރެސްޓޯރެންޓުތައް ހިންގާ ފަރާތްތައް އިސްދައުރެއް އަދާކުރަން އަޅުގަނޑު ގޮވާލަން. ދުންފަތުން ދިވެހި މުޖުތަމައު ސަލާމަތް ކުރުމުގައި ވިޔަފާރިވެރިން އިސްނެންގެވުމަށް އަޅުގަނޑު ގޮވާލަން،" ސާޖިދާ ވިދާޅުވި އެވެ.
މުޖްތަމައު ދުންފަތުން ދުރުކުރަން ވިޔަފާރިވެރިން އިސްގަން ސާޖިދާ ގޮވާލެއްވިއިރު، ދުންފަތުގެ ވިޔަފާރި ކުރާ ފަރާތްތަކުން އެ ވިޔަފާރިތައް ހުއްޓާލަން މީގެ ކުރިން ރައީސް މުއިއްޒު ވަނީ ގޮވާލައްވައިފަ އެވެ.
ދުންފަތާ ދެކޮޅަށް މަސައްކަތް ކުރުމުގެ ކެމްޕެއިން މި އިފުތިތާހު ކުރީ ދުންފަތުގެ އިސްތިއުމާލު ނުކުރާ ދުވަސް ފާހަގަ ކުރަން ބޭއްވި ޖަލްސާގަ އެވެ. އެ ދުވަހަކީ މެއި 31، އެވެ. އެ ކެމްޕެއިން އިއުލާނު ކުރެއްވީ އެ ދުވަހު ހެލްތު މިނިސްޓަރު ގީލާ އަލީ އެވެ.
ދުންފަތާ ދެކޮޅަށް މަސައްކަތް ކުރުމުގެ ގައުމީ ކެމްޕެއިން މިއަދު ރަސްމީކޮށް އިފުތިތާހު ކުރިއިރު، ސިނގިރޭޓުގެ ޑިއުޓީ ކުޑަ ކުރަން ސަރުކާރުން ވަނީ މަޖިލީހަށް ބިލެއް ހުށަހަޅައިފަ އެވެ. ސަރުކާރުން ބޭނުންވާ ގޮތަށް ބިލު ފާސްވެއްޖެ ނަމަ ސިނގިރޭޓު ފޮށްޓެއް ގަންނަން ލިބޭ އަގު ދެބައިކުޅަ އެއްބައި ކުޑަވާނެ އެވެ.
ސަރުކާރުން ބުނަމުންދަނީ ދުންފަތުގެ އަގު ހެޔޮ ކުރަނީ އެކަން ކުރަން ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ލަފާ ދީގެން ކަމަށެވެ. ނަމަވެސް އެފަދަ ލަފައެއް ދިން ކަމަށް އެ ޖަމިއްޔާއިން ހާމައެއް ނުކުރެ އެވެ.
ދުންފަތާ ދެކޮޅަށް މަސައްކަތް ކުރުމުގެ ގައުމީ ކެމްޕެއިން ރަސްމީކޮށް އިފުތިތާހުކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ