މާޓިނޭޒް އަންގަނީ ޕޯޗުގަލްގައި ބަދަލު ކުޅުންތެރިއެއް ނުހުންނާނެ ކަމަށް

މަޔާމީ، ޔުނައިޓެޑް ސްޓޭޓްސް (ޖޫން 27) - ފީފާ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގައި މި ފަހަރު ވާދަކުރާ ޕޯޗުގަލް ޓީމުގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ސިފަކުރާ ގޮތަށް އެއްވެސް ކުޅުންތެރިއަކު ނުހުންނާނެ ކަމަށާއި ޓީމުގެ ކޮންމެ ކުޅުންތެރިއަކު ވެސް މުހިންމު ކަމަށް އެ ޓީމުގެ ކޯޗު، ރޮބާޓޯ މާޓިނޭޒް ބުނެފި އެވެ. 
ޕޯޗުގަލް އިން ވޯލްޑް ކަޕްގެ ގްރޫޕް ސްޓޭޖުގައި ކުޅޭ ފަހު މެޗުގައި މިރޭ ކޮލަމްބިއާއާ ދެކޮޅަށް ނުކުންނާނެ އެވެ. މި މެޗަށް ނުކުންނައިރު، މި ދެ ޓީމަށް ވެސް ވަނީ ނޮކައުޓް ބުރުގެ ޖާގައެއް ޔަގީންވެފަ އެވެ. މިރޭގެ މެޗު މުހިންމު ވަނީ، މި ދެ ޓީމުން ނޮކައުޓް ބުރަށް ދަތުރުކުރާނެ ގޮތެއް ކަނޑައެޅުމަށެވެ. ހާއްސަ ގޮތެއްގައި މި ގްރޫޕުން އެއް ވަަނަ ހޯދާނެ ޓީމެއް ކަނޑައެޅުމަށެވެ. 
ގްރޫޕް ކޭގެ އެއް ވަނައިގައި ކޮލަމްބިއާ އޮތީ ދެ ވަނައިގައި އޮތް ޕޯޗުގަލްއާ އެއްވަރަށް ދެ މެޗުން ހަތަރު ޕޮއިންޓް ހޯދައިގެންނެވެ. ކޮލަމްބިއާ އަށް ކުރި ލިބެނީ ލަނޑުގެ ތަފާތުން ކަމަށްވާއިރު، މިރޭ ޕޯޗުގަލްއާ އެއްވަރުކޮށްލައިގެން ވެސް ކޮލަމްބިއާ އަށް އެއް ވަނަ މަގާމު ދެމެހެއްޓިދާނެ އެވެ. ގްރޫޕްގެ ތިން ވަނައިގައި އޮތް ކޮންގޯ އަށް ދެ މެޗުން ޕޮއިންޓެއް އަދި، ފުލުގައި އޮތް އުޒްބެކިސްތާނަށް އަދި ޕޮއިންޓެއް ލިބިފައި ނެތެވެ.
ކޮލަމްބިއާއާ ދެކޮޅަށް ކުޅޭ މެޗުގައި މިރޭ ޕޯޗުގަލް އިން އާ ކުޅުންތެރިންނަށް ނޫނީ ކުރިން މެޗުތަކުގައި ބަދަލަކަށް ކުޅެން އެރި ކުޅުންެތެރިންނަށް ފުރުސަތު ދޭނެތޯ، އެ ޓީމުގެ ކޯޗު މާޓިނޭޒާ ވަނީ ސުވާލު އަމާޒުވެފަ އެވެ. 
"އަހަރެމެންގެ ޓީމުގައި ސަބްސްޓިއުޓުންނެއް (ބަދަލު ކުޅުންތެރިންގެ ނަމުގައެއް) ނުތިބޭނެ. އަހަރެމެންގެ އަމާޒަކީ ޓީމުގައި ތިބި 26 ކުޅުންތެރިން ވެސް ތައްޔާރަށް ބޭތިއްބުން. އަހަރެމެން މިހާރު މި އޮތް ހިސާބަކީ ބޭނުންވިއްޔާ ފުރަތަމަ ހާފު ނިންމާފައި ތިން ބަދަލު އެއްކޮށް ގެންނަންވީ. ޓީމުގެ ޓެކްޓިކްސް އަށް ވެސް ޓެކްނިކަލް ކޮލިޓީ އަށް ވެސް ބަދަލެއް ނުގެނެސް އެކަން ކުރެވޭނެ ފެންވަރު އެބަހުރި،" ކުރިން ބެލްޖިއަމް އަށް ކޯޗުކޮށްދިން މާޓިނޭޒް ބުންޏެވެ. 
މެޗު ފަށާއިރު ބެންޗުގައި ތިބޭ ކުޅުންތެރިންނަކީ ކޮންމެ ވަގުތެއްގައި ފުރުސަތު އައި ކަމުގައި ވިޔަސް، ކުޅެން އަރައި ތަފާތު ދައްކާނެ ކުޅުންތެރިން ކަމުގެ ޔަގީންކަން އެބައޮތް ކަމަށް މާޓިނޭޒް ވަނީ ބުނެފަ އެވެ. 
"އަދި ވެސް އެއް ފަހަރު މި ބުނެލަނީ. މި ޓީމުގައި ބަދަލު ކުޅުންތެރިންނެއް ނުތިބޭނެ. ތިބޭނީ ޓީމުގެ މުހިންމު ކުޅުންތެރިން. އަހަރެެމެންގެ ޓެކްޓިކްސް ރަނގަޅު މި ކުރަނީ އެ ވިސްނުމުގައި،" މާޓިނޭޒް ބުންޏެވެ. 
ފުރަތަމަ ދެ މެޗުގައި، ޕޯޗުގަލް އިން ކްރިސްޓިއާނޯ ރޮނާލްޑޯ އަށް ފުރަތަމަ އެގާރައިން ޖާގަ ދީފައިވާއިރު، ކޮލަމްބިއާ މެޗުގައި ވެސް އެކަން އެ ގޮތަށްކުރާނެތޯ ކުރި ސުވާލަށް މާޓިނޭޒް ބުނީ، ވަކި ކަމަކަށް ޓާގެޓްކޮށްގެން ފުރަތަމަ އެގާރަ ބަދަލުކުރުމަށް ވުރެން ޓީމަށް ފައިދާވާނެ ގޮތަކަށް އޭނާގެ ރޭވުން ގެންގުޅޭނެ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ