ރައީސް މުހައްމަދު މުއިއްޒަކީ ވައްކަން ކުރާނެ ބޭފުޅެއް ނޫން ކަމަށާއި އެކަމަށް ހެކިވެވަޑައިގަންނަވާ ކަމަށް ސަރުކާރުގެ ތަރުޖަމާނު މުހައްމަދު ހުސެން ޝަރީފް (މުންދު) މިއަދު ވިދާޅުވެއްޖެ އެވެ.
ވީ ކިހިނެއް؟ - މިއަދު މެންދުރު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ތަރުޖަމާނު މިހެން ވިދާޅުވީ، ޕީއެންއެފްއިން ބޭއްވި ޖަލްސާއެއްގައި ވާހަކަ ދައްކަވަމުން ކުރީގެ ޕޮލިސް ކޮމިޝަނަރު ހުސެން ވަހީދު ކުރެއްވި ތުހުމަތުތަކަށް ރައްދު ދެއްވަ އެވެ.
ހުސެން ވަހީދު ވަނީ، އޭރު ހައުސިން މިނިސްޓަރަކަށް ހުންނެވި މުއިއްޒުގެ މައްޗަށް ކުރި ދައުވާއިން ސަލާމަތްވެވަޑައިގަތީ، ފަނޑިޔާރުންނަށް ރިޝްވަތު ދެއްވައިގެން ކަމަށް ތުހުމަތު ކުރައްވާފަ އެވެ.
ރައީސް މުއިއްޒުގެ މައްޗަށް ދައުވާކޮށްފައިވަނީ:
ނޫމަޑި ރިސޯޓްސް އިން ދިވެހި ދައުލަތާ ދެކޮޅަށް ނެދަލެންޑްސްގެ ދަ ހޭގުގައި ހުންނަ ކޯޓް އޮފް އާބިޓްރޭޝަނަށް ހުށަހެޅި މައްސަލައިގައި، މުއިއްޒު ދައުލަތާ ދެކޮޅަށް ދޮގު ބަޔާން ދެއްވި ކަމަށް ބުނެ
2023 ވަނަ އަހަރު ކްރިމިނަލް ކޯޓުން އެ މައްސަލަ ނިންމީ، އެ މައްސަލަ ސާބިތުނުވާ ކަމަށް ބުނެ
ޕީއެންއެފްގެ ޖަލްސާގައި ހުސެން ޝަރީފް ވިދާޅުވީ އެ މައްސަލައިން މުއިއްޒު ސަލާމަތްވެ ވަޑައިގެންނެވީ، ރިޝްވަތުގެ ގޮތުގައި ފަނޑިޔާރަށް އަށް ލައްްކަ ރުފިޔާ ދީގެން ކަމަށް ވަކީލަކު ބުނެފައިވާ ކަަމަށެވެ. އަދި އެކަމަށް ﷲ ގަންދީ ހުވާކުރައްވަން ކެރިވަޑައިގެންފާނެ ކަމަށް ވިދާޅުވި އެވެ.
ބުނީ ކީކޭ؟ - ނޫސްވެރިންގެ ބައްދަލުވުމުގައި 'ދައުރު'ން އެކަމާ ގުޅޭ ގޮތުން ސުވާލު ކުރެއްވުމުން، ތަރުޖަމާނު ވަނީ ވަރަށް ހަރުކަށިކޮށް އެކަމަށް ރައްދު ދެއްވާފަ އެވެ.
"ހުސައިން ވަހީދު ހިންގަވާ ހުވާ ކޮށްލަމާ. އަޅުގަނޑު ހުންނާނަމޭ ހުސައިން ވަހީދު ކައިރީގައި. އަޅުގަނޑު އޭރު ވެސް އިނީމޭ،" އޭރު ހުންނެވީ ރައީސް އޮފީހުގެ މިނިސްޓަރަކަށްކަން ފާހަގަ ކުރައްވައި މުހައްމަދު ހުސެން ޝަރީފް ވިދާޅުވި އެވެ.
ތަރުޖަމާނު ވިދާޅުވީ އެކަމުގައި ރައީސް މުއިއްޒުގެ އެއްވެސް ކުށެއް ނެތްކަން އެނގިވަޑައިގަންނަވާ ކަމަށާއި އޭނާއަކީ އެކަމުގެ ސާބިތު ހެއްކެއް ކަމަށެވެ.
"އަޅުގަނޑު ދަންނަވާނީ ތި ހުވައެއް ކުރަން ހިނގާށޭ. [އޭރުން] މުއައްސަސާތަކުން އެކަން ކުރިއަށް ގެންދާނޭ. މުހައްމަދު މުއިއްޒަކީ ވައްކަންކުރާނެ ބޭފުޅެއް ނޫން. ހުސެން ވަހީދުގެ ގޮތެއް ނޭނގެ،" އޭނާ ވިދާޅުވި އެވެ.
އެނގުން މުހިންމު - ނޫމަޑިއަކީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުގައި އަތޮޅުތެރޭގައި ހައުސިން ޔުނިޓުތަކެއް އަޅަން ހަވާލުކުރި ކުންފުންޏެކެވެ. އެއްބަސްވުމާ އެއްގޮތަށް މަސައްކަތް ކުރިއަށް ނުދާ ކަމަށް ބުނެ، އެ ކުންފުންޏާ އެކު ވެފައިވާ އެއްބަސްވުން ބާތިލުކުރީ ރައީސް މުއިއްޒު ހައުސިން މިނިސްޓަރަކަށް ހުންނަވައިގެންނެވެ. އެ އެއްބަަސްވުން ބާތިލުކުރުމުން ނޫމަޑިއަށް 55 މިލިއަން ޑޮލަރު ބަދަލެއްގެ ގޮތުގައި ސަރުކާރުން ދޭން ވެސް ޖެހުނެވެ.
އެ އެއްބަސްވުން ބާތިލުކުރި މައްސަލަ ނޫމަޑިން އާބިޓްރޭޝަނަށް ހުށަހެޅުމުން، ދެއްވި ބަޔާނަކާ ގުޅިގެން ރައީސް މުއިއްޒުއާ ދެކޮޅަށް ދައުވާ ކުރީ މިދިޔަ ސަރުކާރުގަ އެވެ.
ރައީސް މުއިއްޒަކީ ވައްކަން ކުރާނެ ބޭފުޅެއް ނޫން: ތަރުޖަމާނު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ