މިއަހަރު ހައްޖަށް މީހުން ގެންދިއުމަށް ހުއްދަ ދޫކުރި ގޮތާއި މެދު ހިތްހަމަ ނުޖެހި، ސިސިލްފަރު ހައްޖު އެންޑް އުމްރާ ގްރޫޕުން އިސްލާމިކް މިނިސްޓްރީއަށް ހުށަހަޅައިފައިވާ މައްސަލަ، ހައްޖު މޫސުން ނިމެންދެން މަޑު ޖައްސައިލުމަށް އެގްރޫޕުން އިސްލާމިކް މިނިސްޓްރީއަށް ހުށަހަޅަން ނިންމައިފިއެވެ.
ސިސިލްފަރު ހައްޖު އެންޑް އުމްރާ ގްރޫޕުން މިއަދު ނެރުނު ބަޔާނުގައި ބުނީ، މިއަހަރު ހައްޖަށް މީހުން ގެންދިއުމަށް ހައްޖު ކޯޓާ ދިނުމުގައި މައްސަލަޖެހި، ކޯޓާ ހޯދުމަށް ޕްރޮޕޯސްލަ ހުށަހެޅި ފަރާތްތަކަށް ޕޮއިންޓް ދިނުމުގައި ހަމަހަމަ އުސޫލެއްނެތި، ވަކި ފަރާތަކަށް ބުރަވުމުގެ ފުރުސަތު އޮތުމާއި އިވެލުއޭޝަން ކޮމެޓީގައި ކޯޓާ ލިބުނު ފަރާތްތަކުގެ މަސްލަހަތު ހިމެނޭ ފަރާތެއް ބައިވެރިވުމާއި އަދި އިވެލުއޭޝަން ޕޮއިންޓް ދިނުމުގައި އަމަލުކޮށްފައިވާ ގޮތުން ކޮރަޕްޝަނަށް ތުހުމަތުކުރެވޭ ކަންކަން އޭސީސީން ބެލި ބެލުމުން ފާހަގަަކުރެވިފައިވާކަމަށެވެ.
ނަމަވެސް ހައްޖު ކޯޓާ ލިބުނު ޖަމާއަތްތަކަށް ފައިސާ ދައްކާފައިވާ ދިވެހިންގެ ހައްޖު ދަތުރަށް ސީދާކޮށް ވިޔަސް، އަދި ނުސީދާކޮށް ވިޔަސް ހުރަސް އެޅުމަކީ އެ ކުންފުނިން އެއްވެސް ހާލަތެއްގައި ކުރާނެ ކަމެއް ނޫން ކަމަށާއި ހައްޖުގެ އަޅުމުގެ ދުވަސްތަކަށް ކުޑަތަންވާއިރު ހައްޖުގެ ތައްޔާރީތައް ލަސްވެވެގެން ދިއުމަކީ އެ ކުންފުނިން އެދެނޭ ކަމެއް ނޫން ކަމަށް ބަޔާނުގައި ވެއެވެ.
ސިސިލްފަރުން ބުނީ އެޖަމާއަތުން އެދެނީ ވީހާވެސް އަވަހަކަށް މިއަހަރު ކޯޓާ ދީފައިވާ ގްރޫޕުތަކުން ހައްޖަށް ދިއުމަށް އިސްލާމިކް މިނިސްޓްރީން މަގުފަހިކޮށްދިނުން ކަމަށެވެ. އަދި އަންނަ އަހަރުގެ ހައްޖުގެ ކަންކަން މިއަށްވުރެ އިންސާފުވެރި، ހަރުދަނާ ގޮތަކަށް ސަރުކާރުން ކުރިއަށް ގެންދިއުމަށް ކަމަށެވެ. އޭގެ ތެރޭގައި މިފަހަރު ނުހައްގުން ކޯޓާއިން މަހުރޫމުކުރި ގްރޫޕުތަކަށް ލިބުނު ގެއްލުމުގެ ބަދަލު ދިނުމަށް ވެސް ސިސިލްފަރުގެ ބަޔާނުގައި ގޮވައިލާފައި ވެއެވެ.
ހައްޖު މޫސުން ނިމެންދެން މައްސަލަ މަޑުޖައްސާލަން ސިސިލްފަރުން ނިންމައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ