ވެނެޒުއޭލާއަށް އައި ބާރުގަދަ ބިންހެލުމުގައި މަރުވި މީހުންގެ އަދަދު 900 އަށް އަރައިފި

ވެނެޒުއޭލާއަށް ބުދަ ދުވަހުގެ ރޭ އައި ބާރުގަދަ ދެ ބިންހެލުމުގައި މަރުވި މީހުންގެ އަދަދު 900 އަށްވުރެ މައްޗަށް އަރައިފި އެވެ. 
އިމާރާތްތަކުގެ ދަށުގައި ތިިބި މީހުން ސަލާމަތްކުރުމުގެ މަސައްކަތް ހުކުރު ދުވަހު އިތުރަށް ވަނީ ވަރުގަދަކޮށްފަ އެވެ. 
ވެނެޒުއޭލާގެ ސަރުކާރުން ހާމަކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު، މިހާތަނަށް 920 މީހުން މަރުވެ، 3،360 މީހުންނަށް ވަނީ އެކިވަރުގެ އަނިޔާތައް ލިބިފަ އެވެ. އަދިވެސް 172 މީހަކު އިމާރާތްތަކުގެ ދަށުގައި ތާށިވެފައިވާ ކަމަށް ބެލެވޭއިރު، ގެއްލިފައިވާ މީހުންގެ ރިޕޯޓުތައް އެއްކުރާ ވެބްސައިޓެއްގައި 50،000 އަށްވުރެ ގިނަ މީހުންގެ ނަން ވަނީ ރިޕޯޓުކޮށްފަ އެވެ.
އެމެރިކާގެ ޖިއޮލޮޖިކަލް ސާވޭއިން ލަފާކުރާ ގޮތުގައި މި ހާދިސާގައި މަރުވާ މީހުންގެ އަދަދު 10،000 އަށް އެރުން އެކަށީގެންވެއެވެ. މިއީ ފާއިތުވި ގަރުނެއްހާ ދުވަހުގެ ތެރޭގައި ލެޓިން އެމެރިކާއަށް އައި އެންމެ ނުރައްކާތެރި އެއް ބިންހެލުމެވެ.
ރިކްޓާ މިންގަނޑުން 7.2 އަދި 7.5 ގެ ބާރުމިނުގައި އައި މި ބިންހެލުންތަކުގެ ސަބަބުން ކަރަކަސް އާއި އެ ސަރަހައްދުގެ ވަށައިގެންވާ ރަށްތަކަށް  ބޮޑެތި ގެއްލުންތަކެއް ލިބިފައިވެ އެވެ.
އދ. ގެ ރިޕޯޓެއްގައި ލަފާކޮށްފައިވާ ގޮތުގައި މި ކާރިސާގައި ލިބުނު ގެއްލުން  6.7 ބިލިއަން ޑޮލަރަށް އަރާނެ އެވެ. 
އެންމެ ބޮޑު ގެއްލުމެއް ލިބުނު ލާ ގުއައިރާ ސްޓޭޓުގައި 100 އަށްވުރެ ގިނަ އިމާރާތް ވަނީ ބިމާހަމަވެފަ އެވެ. މީގެ ތެރޭގައި އުސް އެޕާޓްމަންޓް ބްލޮކްތައް ވެސް ހިމެނެއެވެ.
ގައުމުތަކުން ވެނެޒުއޭލާއަށް ދަނީ އެހީތެރިކަން ފޯރުކޮށްދެމުންނެވެ. އެމެރިކާއިން 150 މިލިއަން ޑޮލަރުގެ އެހީ ދިނުމަށް ނިންމައި، ދަތިކުރުމުގެ ފިޔަވަޅުތަކަށް ލުއި ދީފައިވާއިރު، ޖަރުމަނު، ނެދަލޭންޑްސް އަދި އިޓަލީގެ ސަލާމަތީ ޓީމުތައް ވެސް ދަނީ އެ ގައުމަށް ދަތުރުކުރަމުންނެވެ. އަދި އިތުރު ގައުމުތަކުން ވެސް ދަނީ އެހީ ފޮނުވަމުންނެވެ. 
ވެނެޒުއޭލާގެ ތެޔޮ އުފެއްދުމަށް މި ބިންހެލުމުގެ ސަބަބުން އަސަރެއް ކޮށްފައި ނުވާ ކަމަށާއި، ދުވާލަކު 1.2 މިލިއަން ފީފާ ތެޔޮ އުފައްދަމުންދާ ކަމަށް ތެލާ ބެހޭ ވަޒީރު ޕައުލާ ހެނާއޯ ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ