ހޮރުމޫޒު ކަނޑުއޮޅިން ދަތުރުކުރި މުދާ އުފުލާ ބޯޓަކަށް އިރާނުން ހަމަލާދިނުމާ ގުޅިގެން، އެމެރިކާއިން އިރާނަށް ވަރުގަދަ ވައިގެ ހަމަލާތަކެއް ދީފި އެވެ.
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ އިރާނުން މި ހަމަލާ ދީފައިވަނީ ދެގައުމުގެ ދެމެދުގައި ގާއިމުކޮށްފައިވާ ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމާ ކަނޑައެޅިގެން ހިލާފަށް ކަމަށް ވިދާޅުވެ، އެއީ ބުއްދިވެރިނޫން އަމަލެއްގެ ގޮތުގައި ސިފަކުރައްވާފަ އެވެ.
އެމެރިކާގެ ސެންޓްރަލް ކޮމާންޑުން ހާމަކުރި ގޮތުގައި ހުކުރު ދުވަހު ދިން މި ހަމަލާތަކުގައި އިރާނުގެ މިސައިލާއި ޑްރޯން ރައްކާކުރާ މަރުކަޒުތަކަށާއި އައްސޭރިފަށުގެ ރާޑަރު ސިސްޓަމްތަކަށް ވަނީ އަމާޒުކޮށްފަ އެވެ.
މި ހަމަލާތަކަކީ ބުރާސްފަތި ދުވަހު މުދާ އުފުލާ ބޯޓަކަށް އިރާނުން ދިން ޑްރޯން ހަމަލާގެ ރައްދުގައި ދިން ހަމަލާތަކެއް ކަމަށް އެމެރިކާއިން ބުނެ އެވެ.
އެމެރިކާގެ ސެންޓްރަލް ކޮމާންޑުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، އިރާނުން ވިޔަފާރި އުޅަނދުފަހަރަށް ދެމުންދާ ހަމަލާތަކަކީ ބައިނަލްއަގުވާމީ ކަނޑުދަތުރުފަތުރުގެ މިނިވަންކަމަށް އޮތް ނުރައްކަލެއް ކަމަށެވެ.
މި ހަމަލާއަކީ ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމާ ކަނޑައެޅިގެން ހިލާފު އަމަލެއް ކަމަށް ވެސް އެމެރިކާއިން ބުނެއެވެ. ނަމަވެސް އީރާނުން ބުނަމުންދަނީ އެ ބޯޓަށް ހަމަލާދިނީ ހުއްދަ ނޫން މަގަކުން ދަތުރުކުރަމުން ދިއުމުގެ ސަބަބުން ކަމަށެވެ.
އިރާނުގެ އިސްލާމިކް ރިވޮލިއުޝަނަރީ ގާޑް ކޯޕްސް (އައިއާރުޖީސީ) އިން ވަނީ އެމެރިކާއަކީ އެއްބަސްވުންތަކާ ހިލާފުވާ ބައެއްގެ ގޮތުގައި ސިފަކޮށްފަ އެވެ. އިރާނުން ބުނި ގޮތުގައި އެމެރިކާގެ ހަމަލާތަކަށް ރައްދު ދިނުމުގެ ގޮތުން އެ ގައުމުގެ ކަނޑުގެ ސިފައިން ވަނީ އެ ސަރަހައްދުގައި ހުރި އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށް ހަމަލާދީފަ އެވެ. އަދި އެމެރިކާއިން މިފަދަ އަމަލެއް ތަކުރާރުކޮށްފިނަމަ، ދެން ދޭ ރައްދު މިއަށްވުރެ ވަރުގަދަވާނެ ކަމުގެ އިންޒާރު ވެސް އިރާނުން ވަނީ ދީފައެވެ.
މި ހަމަލާތަކާ ގުޅިގެން އެމެރިކާގެ ނައިބު ރައީސް ޖޭޑީ ވެންސް ވިދާޅުވީ، އެއްބަސްވުން ތަންފީޒުކުރުމުގައި އިރާނުގެ އެއްވެސް ޝަކުވާއެއް އޮތް ނަމަ މަޝްވަރާގެ މަގު އިހުތިޔާރު ކުރެވޭނެ ކަމަށެވެ. ނަމަވެސް އަނިޔާވެރިކަމަށް ރައްދު ދޭނީ އަނިޔާވެރިކަމުން ކަމަށް އޭނާ ވިދާޅުވިއެވެ.
އަނެއްކޮޅުން އިރާނުގެ ގާނޫނު މަޖިލީހުގެ ގައުމީ ސަލާމަތާ ބެހޭ ކޮމިޝަނުގެ ރައީސް އިބްރާހީމް އަޒީޒީ ވިދާޅުވީ، މަޝްވަރާތައް ކުރިއަށްދަނިކޮށް އެމެރިކާއިން ހަމަލާދިނުމަކީ އެ ގައުމުން އަބަދުވެސް ކުރާ ކަމެއް ކަމަށާއި، މީގެ ސަބަބުން އެމެރިކާއަށް ލިބޭނީ ލަދުވެތިކަމާއި ހިތާމަ ކަމަށެވެ.
ހޮރުމޫޒު ކަނޑުއޮޅިއަކީ ދުނިޔޭގެ ތެލާއި ގޭހުގެ ވިޔަފާރީގައި މުހިންމު ދައުރެއް އަދާކުރާ މަގަކަށްވާއިރު، މި ހަމަލާތަކާ ގުޅިގެން ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ވަނީ އުފުލިފަ އެވެ.
މިދިޔަ ޖޫން މަހުގެ 17 ވަނަ ދުވަހު އެމެރިކާއާއި އިރާނާ ދެމެދު ވެވުނު އެއްބަސްވުމުގައި، 60 ދުވަހުގެ މުއްދަތަށް އެއްވެސް ފީއަކާ ނުލައި އުޅަނދުފަހަރަށް ދަތުރުކުރެވޭނެ މަގު ފަހިކޮށްދިނުމަށް އިރާނުން އެއްބަސްވެފައިވެ އެވެ. ނަމަވެސް އިރާނުން މިހާރު އުޅަނދުފަހަރުގެ އަތުން ފީ ނަގަމުންދާ ކަމަށް ބުނެ އެމެރިކާއިން ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.
ބުރާސްފަތި ދުވަހު ހަމަލާ އަމާޒުވި "އެވަރ ލަވްލީ" ބޯޓުގެ ވެރިފަރާތް ކަމަށްވާ އެވަރގްރީން ކުންފުނިން ބުނީ، ބޯޓަށް ހަމަލާދިން އިރު އެ ބޯޓު ދަތުރުކުރަމުން ދިޔައީ ބައިނަލްއަގުވާމީ އިދާރާތަކުން ކަނޑައަޅާފައިވާ ރައްކާތެރި މަގުން ކަމަށެވެ.
އިރާނުން އާގު ބޯޓަކަށް ހަމަލާ ދިނުމުން އެމެރިކާއިން ވަރުގަދަ ރައްދެއް ދީފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ