ސޯސަންވިލާގައި ބޭއްވި ދީނީ މުބާރާތްތަކުގެ ނަތީޖާ ފާޅުކޮށްފި

ލަންކާގެ ސޯސަންގޭގައި ހުންނަ މޯލްޑިވްސް ކަލްޗަރަލް ސެންޓަރުގައި މިދިޔަ ރަމަޟާން މަހު ބޭއްވި މުބާރާތްތަކުގެ ނަތީޖާ ފާޅުކޮށްފިއެވެ. ރަމަޟާން މަހު މިސެންޓަރުގައި ކީރިތި ޤުރްއާން ކިޔެވުމުގެ މުބާރާތާއި މަދަހަ މުބާރާތްވަނީ ކުރިއަށް ގެންގޮސްފައެވެ.
މޯލްޑިވްސް ކަލްޗަރަލް ސެންޓަރަކީ ސްރީލަންކާގައި ދިރިއުޅޭ ދިވެހީންނަށް މުހިއްމު ޚިދުމަތްތަކެއް ފޯރުކޮށްދޭ މަރުކަޒެކެވެ. ރާއްޖެއިން އަސާސީ ތަޢުލީމުގެ ތެރޭގައި ހިމެނިގެން އުނގަންނައިދޭ ކީރިތި ޤުރްއާނާއި އިސްލާމް އަދި ދިވެހި މާއްދާ މި މަރުކަޒުގައި ކިޔަވައިދެއެވެ.
ރާއްޖެއާއި ދުރުގައި ނަމަވެސް ކުދިންގެ ހިތްތަކުގައި ދީނާއި ދިވެހިވަންތަކަންކަމަށް ލޯބިޖެއްސުމަށް އެކި މުބާރާތްތަކާއި ހަރަކާތްތައް ސޯސަން ވިލާގައި ބާއްވައެވެ.
މިދިޔަ ރަމަޟާން މަހު ސޯސަންވިލާގައި ވަނީ ޤުރްއާން މުބާރާތަކާއި މަދަޙަ ކިޔުމުގެ މުބާރާތެއް ބާއްވާފައެވެ. މި ދެމުބާރާތުގެ ނަތީޖާ މިވަނީ ފާޅުކޮށްފައެވެ. އަދި ބަންގި ގޮވުމަށް ޝައުގުވެރިވާ ކުދިންނަށް އެފުރުސަތު ފަހިކުރުމަށް ބޭއްވި ޕްރޮގްރާމްގެ ބައިވެރިންނަށް ވަނީ ސެޓްފިކެޓް ދީފައެވެ.
ޕީއެެސްއެމް ނިއުސްއަށް މަޢުލޫމާތު ދެއްވަމުން ކަލްޗަރަލް ސެންޓަރުގެ ލީޑިން ޓީޗަރ އާމިނަތު ޢަބްދުލްޙަކީމް ވިދާޅުވީ މި މުބާރާތްތަކަށް ދަރިވަރުންގެ ބޮޑު ތަރުޙީބެއް ލިބޭކަމަށެވެ. އެގޮތުން މަދަޙަ މުބާރާތުގައި 40 ބައިވެރިން އަދި ޤުރްއާން ކިޔެވުމުގެ މުބާރާތުގައި 36 ދަރިވަރުން ބައިވެރިވެފައިވެއެވެ. ބަންގި ގޮވުމުގެ ޕްރޮގްރާމްގައި 12 ދަރިވަރުންވަނީ ބައިވެރިވެފައެވެ.
މީގެއިތުރުން އަލަށް ސޯސަން ވިލާގައި ފެށި ހިފްޛު ޕްރޮގްރާމްގައި ބައިވެރިވި 9 ދަރިވަރުންގެ ތެރެއިން 2 ކުއްޖަކުވަނީ މިހާތަނަށް 30 ވަނަ ފޮތް ދަސްކޮށްފައިކަމަށް ވިދާޅުވިއެވެ.
"ވަރަށް ގިނަ ކުދިންނަށް ފުރުސަތު ނުލިބުމުގެ ޝަކުވާ ބެލެނިވެރިންގެ އޮތް. އޮތް ފުރުސަތާއެކު ވަރަށް ގިނަ ކުދިންނާ ބެލެނިވެރިންގެ އެއްބާރުލުން ލިބެން ދިޔަ. ރާއްޖޭގައި ނޫންނަމަވެސް ގިނަ ބެލެނިވެރިން މިފަދަ ޕްރޮގްރާމްތަކުގައި ކުދިން ބައިވެރިކުރުމަށް ވަރަށް ސަމާލުކަންދޭ." އާމިނަތު ޢަބްދުލްޙަކީމް ވިދާޅުވިއެވެ.
ސްރީލަންކާއަކީ ގިނަ ދިވެހީން ތަޢުލީމު ޙާސިލުކުރުމަށް އަދި ބޭސްފަރުވާއަށް އައިސްއުޅޭ ޤައުމެކެވެ. މީގެ ކުރިން ވަރަށް ގިނަ ދިވެހީން ލަންކާގައި ދިރިއުޅުނަމަވެސް ކޯވިޑާއެކު ޢަދަދުވަނީ ވަރަށް މަދުވެފައެވެ. ލަންކާގައި ހުންނަ ދިވެހި އެމްބަސީގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި މިހާރު ލަންކާގައި ދިރިއުޅޭ ދިވެހީންގެ އާބާދީ 2000 މައްޗަށް އަރައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ