ސަރުކާރުގެ ހަރަދުގައި ފުވައްމުލައް ސިޓީގައި އިމާރާތްކުރި ގުރުއާން މަރުކަޒު، އަންނަ ހުކުރު ދުވަހު ރަސްމީކޮށް ހުޅުވުމަށް ނިންމާފައިވާ ކަމަށް އިސްލާމިކް މިނިސްޓްރީން ހާމަކޮށްފިއެވެ.
އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު އިއްޔެ އެކްސްގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ފުވައްމުލައް ސިޓީގައި ގާއިމުކުރި މި މަރުކަޒުގެ ހުރިހާ މަސައްކަތެއް މިހާރު ނިމިފައިވާ ކަމަށެވެ. އަދި މި މަރުކަޒު ހުޅުވުމުގެ ރަސްމިއްޔާތު ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ ހުކުރު ދުވަހުގެ ހަވީރު 16:30 ގައި ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.
މި މަރުކަޒު ހުޅުވުމާއެކު ފުވައްމުލައް ސިޓީގައި ގުރުއާން ހިފްޒުކުރުމުގެ ޕްރޮގްރާމްތައް ފުޅާކޮށް، ގުރުއާން މުދައްރިސުންގެ އަދަދު އިތުރުކުރުމަށް ސަރުކާރުން ވަނީ ރާވާފައެވެ. މިއީ އެ ސިޓީގައި ދީނީ އިލްމާއި ގުރުއާނުގެ ފަންނު ކުރިއެރުވުމަށް ކުރެވޭ މުހިންމު މަސައްކަތެކެވެ.
މީގެ އިތުރުން، ފުވައްމުލައް ސިޓީގައި އިސްލާމިކް ސެންޓަރެއް ބިނާކުރުމުގެ މަޝްރޫއާ ގުޅޭގޮތުން ވާހަކަދައްކަވަމުން މިނިސްޓަރު ޝަހީމް ވިދާޅުވީ، އެ ސެންޓަރުގެ ޑިޒައިންގެ މަސައްކަތް މިހާރު ނިމިފައިވާ ކަމަށެވެ. އަދި އެ ޑިޒައިނާ މެދު ފުވައްމުލައް ސިޓީ ކައުންސިލުގެ ހިޔާލު ހޯދުމަށް މިހާރު ލިޔުމުން ފޮނުވާފައިވާ ކަމަށްވެސް މިނިސްޓަރު ފާހަގަކުރެއްވިއެވެ.
މިނިސްޓަރު އިތުރަށް ވިދާޅުވީ، ކުރިއަށް އޮތްތަނުގައި އިސްލާމިކް ސެންޓަރުގެ މަސައްކަތް ނިމުމުން، މިހާރު ހުޅުވާ ގުރުއާން މަރުކަޒު އެ ސެންޓަރަށް ބަދަލުކުރެވޭނެ ކަމަށެވެ. އެއަށްފަހު، މިހާރުގެ ގުރުއާން މަރުކަޒުގެ އިމާރާތް ބޭނުންކުރާނީ ”ވަގްފް“ އިމާރާތެއްގެ ގޮތުގައެވެ. އެ އިމާރާތުން ލިބޭ އާމްދަނީ ހަރަދުކުރުމަށް ހަމަޖެހިފައިވަނީ ފުވައްމުލައް ސިޓީގެ ދީނީ ކަންކަން ކުރިއެރުވުމަށެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ދީނީ ކަންކަމަށް ދެއްވާ އަހަންމިއްޔަތުގެ ދަށުން ކުރިއަށްގެންދާ މި މަޝްރޫއަކީ ފުވައްމުލަކުގެ ރައްޔިތުންނަށް ދީނީ ގޮތުންނާއި އިޖުތިމާއީ ގޮތުން ބޮޑެތި ފައިދާތަކެއް ކުރާނެ މަޝްރޫއެއްކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ.
ފުވައްމުލަކު ގުރުއާން މަރުކަޒު އަންނަ ހުކުރު ދުވަހު ހުޅުވަނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ