އެމެރިކާއާައި އީރާނުގެ ޙަމަލާތަކާއެކު މެދުއިރުމަތި ހަލަބޮލިވެއްޖެ

ހުރްމުޒް ކަނޑުއޮޅިން ދަތުރުކުރި މުދާ އުފުލާ ބޯޓަކަށް އީރާނުން ޑްރޯން ޙަމަލާއެއް ދީފައިވާ ކަމަށް ތުހުމަތުކޮށް، އެމެރިކާ ސިފައިން އީރާނަށް ޙަމަލާތަކެއް ދިނުމާ ގުޅިގެން، އީރާނުން ވެސް އެމެރިކާގެ މަރުކަޒުތަކަށް ޙަމަލާތަކެއް ދީފިއެވެ. މި ހާދިސާއާއެކު، ދެ ޤައުމުން ވެސް ދަނީ ހުސްވި ހަފުތާގައި ސޮއިކޮށްފައިވާ ޙަމަލާތައް މެދުކަނޑައިލުމުގެ އިބުތިދާއީ އެއްބަސްވުމާ ޚިލާފުވިކަމުގެ ތުހުމަތު އެއް ބަޔަކު އަނެއް ބަޔަކަށް ކުރަމުންނެވެ. އެމެރިކާގެ އަސްކަރިއްޔާގެ ސެންޓްރަލް ކޮމާންޑުން (ސެންޓްކޮމް) ބުނީ، އީރާނުގެ މިސައިލާއި ޑްރޯން ރައްކާކުރާ ގުދަންތަކަށާއި އައްސޭރިފަށުގެ ރާޑަރު މަރުކަޒުތަކަށް ޙަމަލާދީފައިވާނެ ކަމުގައެވެ.
އީރާނުން ބުނީ، އެމެރިކާގެ ޙަމަލާ އަމާޒުކޮށްފައި ވަނީ ދެކުނުގެ ސިރީކް ސަރަޙައްދުގެ ބަނދަރަކަށް ކަމުގައެވެ. އަދި، ޙަމަލާތަކަށް ރައްދުދިނުމުގެ ގޮތުން އީރާނުގެ ކަނޑުގެ ސިފައިން އެ ސަރަޙައްދުގައި ހުރި އެމެރިކާގެ އަސްކަރީ އަމާޒުތަކަށް ޙަމަލާދިން ކަމުގައި އިސްލާމީ އިންޤިލާބީ ލަޝްކަރުން (އައިއާރްޖީސީ) ބުންޏެވެ. އައިއާރްޖީސީގެ ޙަމަލާތަކުގެ އިތުރު ތަފުސީލު ހާމަކޮށްފައެއް ނުވެއެވެ. ސިރީކް ބަނދަރަށް އެއްވެސް ގެއްލުމެއް ލިބިފައި ނުވާ ކަމުގައި އެ ސަރަޙައްދުގެ އޮފިޝަލުން ބުނެއެވެ. އެމެރިކާގެ ނައިބު ރައީސް ޖޭޑީ ވެންސް ވިދާޅުވީ، އެމެރިކާއިން އެއްބަސްވުމަށް އިޙުތިރާމްކުރަމުންދިޔަ ނަމަވެސް، އީރާނުން ދޭ ކޮންމެ ޙަމަލާ
އަކަށް އިތުރު ޙަމަލާތަކުން ރައްދު ދޭނެ ކަމުގައެވެ.
މި ހަމަނުޖެހުންތަކުގެ މެދުގައި ވެސް، ޔަހޫދީންނާއި ލުބްނާންގެ ސަރުކާރުން ވަނީ ޔަހޫދީ ފައުޖާއި ޙިޒްބުالله މުޖާހިދުންގެ ޖަމާޢަތާ ދެމެދު ބަދަލުކުރަމުންދާ ޙަމަލާތައް މެދުކަނޑައިލުމަށް އެއްބަސްވެފައެވެ. ނަމަވެސް، ޙިޒްބުالله އިން ވަނީ އެ އެއްބަސްވުމަށް އެއްބާރުލުން ނުދޭނެ ކަމުގައި ބުނެފައެވެ. އީރާނާއި އެމެރިކާއާ ދެމެދު އަނެއްކާ ވެސް ޙަމަލާތަކެއް ބަދަލުކުރުމުގެ ކުރިން، ހުރްމުޒް ކަނޑުއޮޅިން ތެޔޮ އުފުލާ ގިނަ އަދަދެއްގެ އުޅަނދުފަހަރު ހުރަސްކޮށްފައިވުމުގެ ސަބަބުން ތެލުގެ އަގު %3 ދަށަށް ގޮސްފައިވާ ކަމުގައި މަސްރަޙު ދިރާސާކުރާ ފަރާތްތަކުން ބުންޏެވެ. އަދި، ސަޢޫދީ ޢަރަބިއްޔާގެ ސަޢޫދީ އަރާމްކޯ ކުންފުނިން ވަނީ ގާތްގަނޑަކަށް ހަތަރު މަސް ދުވަހުގެ މެދުކެނޑުމަކަށްފަހު، ރައުސު ތަނޫރު ޓަރމިނަލުން އަލުން ސާފުނުކުރާ ތެޔޮ ބަރުކުރަން ފަށާފައެވެ.
މި ދަނޑިވަޅުގައި އެމެރިކާގެ ޚާރިޖީ ވަޒީރު މާކޯ ރޫބިޔޯއާއި ގަލްފް ކޯޕަރޭޝަން ކައުންސިލުގެ (ޖީސީސީ) މެންބަރުން ވަނީ ކަނޑުއޮޅިން އެއްވެސް ހުރަހެއް ނެތި މިނިވަންކަމާއެކު ދަތުރުކުރެވޭނެ މަގު ފަހިކުރުމަށް ގޮވައިލާފައެވެ. ނަމަވެސް އީރާނުގެ ޚާރިޖީ ވުޒާރާއިން ބުނީ އެ ކަނޑުއޮޅި ބަލަހައްޓަން ވާނީ އީރާނާއި ޢުމާން ގުޅިގެން ކަމުގައެވެ. އީރާނުގެ އިސް މުރުޝިދުގެ އިސް މުޝީރު ޢަލީ އަކްބަރު ވިލާޔަތީ ވަނީ، އެމެރިކާއާއި ގަލްފުގައިވާ އެމެރިކާގެ ބައިވެރިންގެ ސަލާމަތާއި ރައްކާތެރިކަން ބިނާވެފައި ވަނީ ހަމައެކަނި އީރާނުގެ ކެތްތެރިކަމާއި އޯގާތެރިކަމުގެ މައްޗަށް ކަމުގައި ވިދާޅުވެ ވަރުގަދަ އިންޒާރެއް ދެއްވާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ