ވޯލްޑްކަޕް ވޯލްޑްކަޕް ޖޯޑަން މެޗު މެސީ ފަށާނީ ބެންޗުން

ވޯލްޑް ކަޕް 2026 ގެ ގްރޫޕް އެފްގެ ފަހު މެޗުގައި ހޮނިހިރު ދުވަހު ޑެލަސް ސްޓޭޑިއަމްގައި އުރުދުންއާ ދެކޮޅަށް ނުކުންނަ އިރު، ކެޕްޓަން ލިއޮނެލް މެސީ ފެށުމުގައި ބެންޗުގައި ބައިންދާނެ ކަމަށް އާޖެންޓީނާގެ ކޯޗު ލިއޮނެލް ސްކަލޯނީ ކަށަވަރުކޮށްދީފިއެވެ.
މެސީ ވަނީ އަލްޖީރިއާ އަދި އޮސްޓްރިއާ އަތުން ހޯދި މޮޅުތަކުގައި ޓީމުގެ ފަސް ގޯލު ވެސް ޖަހައި ގްރޫޕް ސްޓޭޖުގެ އެއް މެޗު ބާކީ އޮއްވައި ނޮކްއައުޓް ބުރުގެ ޖާގަ ކަށަވަރުކޮށްދީފައެވެ. ގޯލުތަކާއެކު ވޯލްޑް ކަޕް 18 ގޯލާއެކު މެސީ ވަނީ ވޯލްޑް ކަޕްގެ ތާރީހުގައި އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިޔާގެ ރެކޯޑު ވެސް މުގުރާލައިފައެވެ.
”މެސީ ފަށާނީ ބެންޗުގައި. މެސީ ފަހުން ކުޅެން ނުކުންނާނެ“ ނޫސްވެރިންނާ ވާހަކަދައްކަވަމުން ސްކަލޯނީ ބުންޏެވެ. ނަމަވެސް ނޮކްއައުޓް ބުރަށް ވިސްނައިގެން ބަލިކަށި ޓީމެއް ނެރެނީ ކަމަށް ދެކެވޭ ވާހަކަތައް ސްކަލޯނީ ވަނީ ދޮގުކޮށްފައެވެ. ”މާދަމާ ކުޅެން ތިބި ކުޅުންތެރިން ކުޅުން ހައްގު. އެ ކުޅުންތެރިންނަކީ ޓީމުގެ ބައެއް. ޖާޒީ ލައިގެން ކުޅޭ ނަމަ ޕޮއިންޓަށް މުހިންމު މެޗެއްތޯ ނުވަތަ ނޫންތޯ އެކަމުން ފަރަގެއް ނާދޭ. މޮޅުވާން ކުރެވެން ހުރި ހުރިހާ ކަމެއް ކުރާނެ،“ ކަމަށް ސްކަލޯނީ ބުނެފައިވެއެވެ.
ވޯލްޑް ކަޕްގައި ފުރަތަމަ ފަހަރަށް ވާދަކުރާ ޖޯޑަންގެ ޓީމު ވަނީ ޖެހިޖެހިގެން ދެ މެޗުން ބަލިވެ މުބާރާތުން ކަޓައިފައެވެ. އަދި އާޖެންޓީނާއަކީ ގްރޫޕު ޖޭގެ އެއްވަނަ ކަށަވަރުކޮށްފައިވާ ޓީމެކެވެ.
”ޖޯޑަން އާންމުކޮށް ކުޅެނީ ފަސް ޑިފެންޑަރުންނާއެކު. ދަތިތައް ދިމާވެއްޖެ ނަމަ ތަފާތު ގޮތަކަށް ކުޅެން ޖެހިދާނެ ކަމަށް ތައްޔާރަށް މިތިބީ،“ ޖޯޑަންގެ ކުޅުމާ ގުޅޭގޮތުން ސްކަލޯނީ ބުންޏެވެ.
ވޯލްޑް ކަޕް 2026 ގެ ގަދަ 32 ގެ ބުރުގައި އާޖެންޓީނާ ނުކުންނަން ޖެހޭނީ ވޯލްޑް ކަޕްގައި އަލަށް ވާދަކުރާ ކޭޕް ވާޑްއާ ދެކޮޅަށެވެ. ގިނަ ބަޔަކު ވަނީ ކޭޕް ވާޑްގެ ވޯލްޑް ކަޕް ދަތުރަކީ ހުވަފެނީ ދަތުރެއްގެ ގޮތުގައި ސިފަކޮށްފައެވެ. ކޭޕް ވާޑުން ވަނީ ވަރުގަދަ ގްރޫޕެއްގައި ހިމެނި ދެވަނަ ހޯދައިފައެވެ. އެގޮތުން ކޭޕް ވާޑުން ވަނީ ޔޫރަޕް ޗެމްޕިއަން ސްޕެއިނާއި އުރުގުއާއީ އަދި ސައުދީ އަރަބިއްޔާއާ ވެސް ހިފަހައްޓައިފައެވެ. އެހެންކަމުން ކޭޕް ވާޑުން މިހާތަނަށް އެއްވެސް މެޗަކުން ބަލިވެފައެއް ވެސް، އަދި މޮޅުވެފައެއް ނުވެއެވެ. ހުރިހާ މެޗަކުން ވީ އެއްވަރެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ