ބަގީއަކާއެކު މޫދަށް ވެއްޓި ހަންޏާމީދޫގައި ކުޑަކުއްޖަކު މަރުވެއްޖެ

އދ. ހަންޏާމީދޫގައި ބަގީއެއް މޫދަށް ވެއްޓި، 14 އަހަރުގެ ފިރިހެން ކުއްޖަކު އިއްޔެ ހަވީރު މަރުވެއްޖެ އެވެ.
ހަންޏާމީދޫން އަދަދު ނޫހާ ވާހަކަ ދެއްކި މީހަކު ބުނީ  އެ ހާދިސާ ހިނގަން މެދުވެރިވީ، ބަނދަރު ސަރަހައްދުގައި ބަޔަކު ރުކަށް އަރަން ވެގެން ތަޅުދަނޑި ޖަހާފައި ބާއްވާފައި އޮތް ބަގީއަކަށް އެ ކުއްޖާ އަމިއްލައަށް އަރައި ދުއްވަން އުޅުމުގެ ތެރޭގަ އެވެ.  
އެ ކުއްޖާ ބަގީ ދުއްވާފައި ދާތީ ފެނިގެން، އެ ސަރަހައްދުގައި ތިބި މީހުން އޭގެ ފަހަތުން ދުވެފައި ގޮސް ބަގީގައި ހިފެހެއްޓޭތޯ މަސައްކަތް ކުރި ކަމަށާއި ނަމަވެސް، އެ މީހުންނަށް ބަގީގައި ނުހިފެހެއްޓުނު ކަމަށް، މައުލޫމާތު ދިން މީހާ ބުންޏެވެ. 
އޭނާ ބުނި ގޮތުގައި ބަގީ މޫދަށް ވެއްޓުނު ގަޑީގައި ކުއްޖާ ބުރައިގެން ގޮސް ޖެހުނީ ބަނދަރުގައި އަޅާފައި އޮތް ދޯންޏެއްގަ އެވެ. އެއަށް ފަހު އެކުއްޖާ މޫދަށް ވެއްޓުނު ކަމަށް އޭނާ ބުންޏެވެ. 
ފުލުހުން ބުނީ މި ހާދިސާގެ ރިޕޯޓު ފުލުހުންނަށް ލިބުނީ އިއްޔެ ހަވީރު 5:10 ހާއިރު ކަމަށެވެ. 
މި ހާދިސާ ހިނގުމާއެކު، އެ ސަރަހައްދުގައި ތިބި އާންމުން އެ ކުއްޖާ މޫދުން ނަގައި، ވަގުތުން ހަންޏާމީދޫ ސިއްހީ މަރުކަޒަށް ގެންދިޔަ ކަމަށް މައުލޫމާތު ލިބެ އެވެ. ނަމަވެސް ސިއްހީ މަރުކަޒަށް ގެންދިޔަ އިރުވެސް އެ ކުއްޖާ ނިޔާވެފައިވާ ކަމަށް ސިއްހީ މަރުކަޒުން މައުލޫމާތު ދިން ކަމަށް ފުލުހުން ބުންޏެވެ. 
މި ހާދިސާ ހިނގަން މެދުވެރިވި ސަބަބު ފުލުހުން ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ