ބަނގުރާ ހުރި ކަމަށް ބެލެވޭ ފުޅިތަކަކާއެކު ދިވެހި 4 ޒުވާނަކު ހައްޔަރުކޮށްފި

ބަނގުރާ ހުސްކުރި ކަމަށް ބެލެވޭ ފުޅިތަކަކާއެކު، ހުޅުމާލޭން ޒުވާން ހަތަރު ދިވެއްސަކު ހައްޔަރުކޮށްފިއެވެ. މީސްމީޑިއާގައި ފޮޓޯތަކަކާއި ވީޑިއޯތަކެއް ދައުރުކޮށް ކުރި ޕޯސްޓެއްގައިވަނީ، ހުޅުމާލޭ ތަވާ ކެފޭ ކައިރީ ހުރި އިމާރާތެއްގައި ބަޔަކު މަސްތުވެގެން އަޑުގަދަކޮށް މާރާމާރީ ހިންގުމުން، ފުލުހުން އެ ތަނަށް ވަދެ ހަތަރު މީހަކު ހައްޔަރުކުރި ކަމަށެވެ. ފުލުހުން ބުނީ، މިއަދު ހެނދުނު 6:05 ހާއިރު، ހުޅުމާލޭގެ ފުރަތަމަ ފިޔަވަހީގައި ހުންނަ އެޕާޓްމަންޓެއްގައި ހަމަނުޖެހުމެއް ހިނގައިގެން އުޅޭ ކަމުގެ މައުލޫމާތު ލިބުނު ކަމަށެވެ. މި މައްސަލައާ ގުޅިގެން، އިންވެސްޓިގޭޝަން އޮފިސަރުންނާއި ކުށުގެ ވެށީގައި ތިބި ފުލުހުން އެ އެޕާޓްމަންޓް ބަލައި ފާސްކޮށް، ތަހުގީގަށް ބޭނުންވާނެ ހެކިތައް އެއްކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ. އޭގެ ތެރޭގައި ބަނގުރާ ހުސްކޮށްފައި ހުރި ކަމަށް ބެލެވޭ ފުޅިތަކެއް ހިމެނޭ ކަމަށްވެސް ފުލުހުން މައުލޫމާތު ދެއެވެ. މި މައްސަލައިގައި ފުލުހުން ވަނީ ހަތަރު މީހަކު ހައްޔަރުކޮށްފައެވެ. އެއީ އުމުރުން 26 އަހަރާއި 29 އަހަރުގެ ދެ އަންހެނުންނާއި އުމުރުން 34 އަހަރާއި 24 އަހަރުގެ ދެ ފިރިހެނުންނެވެ. ފުލުހުން ބުނީ މި މައްސަލަ ތަހުގީގުކުރަމުން އަންނަ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ