ދުނިޔޭގެ މަޝްހޫރު 'ޒައިސް' އާއެކު އައިކެއަރ އިން ލޮލުގެ ފަރުވާ އާ އުސްމިނަކަށް

އޮޕްޓިކަލް ސައިންސްގެ ދާއިރާގައި ދުނިޔޭގެ މަޝްހޫރު "ޒައިސް" (ZEISS)ގެ ރާއްޖޭގެ އެކްސްކްލޫސިވް "ޒައިސް ވިޝަން އެކްސްޕާޓް" އަކަށް ލޮލުގެ ފަރުވާގެ ހިދުމަތް ދިނުމުގައި އެންމެ ކުރިއަރާފައިވާ އަދި އެންމެ ފުޅާ ދާއިރާއެއްގައި އެ ފަރުވާ ދޭ އައިކެއަރ ހަމަޖައްސައިފި އެވެ.
މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ އައިކެއަރ ހޮސްޕިޓަލްގައި، މި ޕާޓްނާޝިޕް އިފްތިތާހުކުރުމަށް ބޭއްވި ހަފްލާ ޝަރަފުވެރި ކޮށްދެއްވީ ހެލްތު މިނިސްޓަރު ގީލާ އަލީއެވެ. ގީލާ ވަނީ އައިކެއަރގައި ގާއިމުކުރެވިފައިވާ، އެންމެ ފަހުގެ ޒަމާނީ ޓެކްނޮލޮޖީއާއެކު ތައްޔާރުކޮށްފައިވާ 'ޒައިސް ވިޒުފިޓް' ޑިޖިޓަލް މެޝިން ރަސްމީކޮށް އިފްތިތާހުކޮށްދެއްވާފަ އެވެ.
މިއީ 3ޑީ ސްކޭން ބޭނުންކޮށްގެން، އައިނު އިހުތިޔާރުކުރުމުގައި އެންމެ ފުރިހަމަ މިންތަކާއި ލޮލަށް އެންމެ އަރާމު ގޮތްތައް ދެނެގަތުމަށް އެހީތެރިވެދޭ ވަސީލަތެކެވެ. މީގެ އިތުރުން، ޑިޖިޓަލް ދިރިއުޅުމުގެ އާދަކާދަތަކަށް ބަލައި، ލޮލަށް ލިބޭ ވަރުބަލިކަން ކުޑަކޮށްދޭ ފެންވަރު ރަނގަޅު ޒައިސް ލެންސްތައްވެސް މިހާރު އައިކެއަރ މެދުވެރިކޮށް ލިބޭނެ އެވެ.
ވޭތުވެދިޔަ ވިއްސަށްވުރެ ގިނަ އަހަރު ރާއްޖޭގައި ލޮލުގެ ފަރުވާ ދިނުމުގައި އެންމެ ކުރީ ސަފުގައި އޮތް އައިކެއަރ އާއި ދުނިޔޭގެ އޮޕްޓިކަލް ދާއިރާގެ ލީޑަރެއް ކަމަށްވާ ޒައިސް ގުޅިގެން ކުރިއަށްގެންދާ މި މަސައްކަތުގެ އަމާޒަކީ، ރާއްޖޭގެ ރައްޔިތުންގެ ލޮލުގެ ދުޅަހެޔޮކަން އިތުރުކޮށް، ދުނިޔޭގެ ފެންވަރުގެ ހިދުމަތްތައް ފަސޭހައިން ލިބޭނެ މަގު ތަނަވަސްކޮށްދިނުން ކަމަށް އައިކެއަރ އިން ބުނެ އެވެ. މީގެ ސަބަބުން، ކޮންމެ ކަސްޓަމަރެއްގެ ބޭނުންތަކަށް ޚާއްޞަކޮށް ފަރުމާކުރެވިފައިވާ، ދުނިޔޭގެ ފެންވަރުގެ "ޕާސަނަލައިޒްޑް" ހިދުމަތްތައް ދިވެހި ކަސްޓަމަރުންނަށް ލިބިގެންދާނެ އެވެ.
އައިކެއަރގެ މެނޭޖިން ޑިރެކްޓަރު ޑރ. އަބްދުﷲ ޒާހިރު ވިދާޅުވީ، ދުނިޔޭގެ ކުރިއަރާފައިވާ ގައުމުތަކުގައި ލިބެން ހުންނަ އެންމެ މަތީ ފެންވަރުގެ ޓެކްނޮލޮޖީ ދިވެހިންނަށް ފޯރުކޮށްދިނުމަކީ އައިކެއަރގެ މުހިންމު އަމާޒެއް ކަމަށެވެ. އަދި ޒައިސްގެ އާ އީޖާދުތަކާއެކު ތަފާތު ހިދުމަތެއް މި ޕާޓްނާޝިޕާއެކު ކަސްޓަމަރުންނަށް ލިބިގެންދާނެ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.
ޒައިސް އިންޑިއާގެ ހެޑް އޮފް ވިޝަން ކެއާ، ރޯހަން ޕައުލް ވިދާޅުވީ، ރާއްޖޭގެ ސިއްހީ ދާއިރާގެ އިތުބާރު ހޯދާފައިވާ އައިކެއަރ އާއެކު މިފަދަ މަސައްކަތެއް ފެށުމަކީ ލިބޭ ވަރަށް ބޮޑު އުފަލެއް ކަމަށެވެ. މި ޕާޓްނާޝިޕްގެ ސަބަބުން ރާއްޖޭގެ ލޮލުގެ ފަރުވާގެ މިންގަނޑުތައް އައު އުސްމިންތަކަކަށް ގެންދިއުމަށް އެހީތެރިވެދޭނެ ކަމަށްވެސް އޭނާ ފާހަގަކުރެއްވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ