އުރުގުއޭ ކަޓައި ކާބޯ ވޭޑޭ ދެ ވަނަ ބުރަށް

ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގެ ގްރޫޕް ސްޓޭޖުން އުރުގުއޭ ކަޓައި، ކާބޯ ވޭޑޭ މުބާރާތުގެ ދެވަނަ ބުރަށް ދަތުރު ކޮށްފި އެވެ.
ވޯލްޑް ކަޕުގެ އެންމެ ފުރަތަމަ މުބާރާތް ބާއްވައި އެ މުބާރާތް ކާމިޔާބު ކުރި އުރުގުއޭ، މިފަހަރުގެ މުބާރާތުން ކެޓީ ސްޕޭން އަތުން މިއަދު 1-0އިން ބަލިވުމުންނެވެ. ކާބޯވޭޑޭގެ ފަހު މެޗުގައި ވަނީ ސައޫދީ އަރަބިއާއާ އެއްވަރުކޮށްފަ އެވެ.
މިއާއެކު އުރުގުއޭ އަށް ލިބިފައިވަނީ ތިން މެޗުން ދެ ޕޮއިންޓެވެ. ކާބޯ ވޭޑޭ އަށް ތިން މެޗުން ތިން ޕޮއިންޓެވެ. ސްޕޭނަށް ތިން މެޗުން ހަތް ޕޮއިންޓާއެކު ގްރޫޕުގެ އެއްވަނަ އެވެ. ސައޫދީ އަރަބިއާ ގްރޫޕް އެޗްގެ ފުލަށް ދިޔައީ ދެ ޕޮއިންޓާއެކުގަ އެވެ.
ހަތް މިލިއަން މީހުންގެ އާބާދީ އެއް އޮންނަ ކާބޯވޭޑޭ ވޯލްޑް ކަޕުގައި ކުޅުނު މިއީ ފުރަތަމަ ފަހަރެވެ. އެ މީހުން ވަނީ މުބާރާތުގައި ކުޅުނު ތިން މެޗު ވެސް އެއްވަރު ކޮށްފަ އެވެ. ސްޕޭނާ ވާދަކޮށް ލަނޑެއް ނުޖެހި އެއްވަރު ކުރި މެޗަށް ފަހު އުރުގުއޭ މެޗު އެއްވަރު ކުރީ 2-2އިންނެވެ. އަދި ސައޫދީ އަރަބިއާ މެޗު އެއްވަރުވީ ލަނޑެއް ނުޖެހި އެވެ.
އުރުގުއޭއިން ސްޕޭނާ ދެކޮޅަށް ކުރީ ދެ މެޗަށްވުރެ ރަނގަޅު ކުޅުމެއް ދެއްކި އެވެ. ނަމަވެސް މެޗުގެ އިތުރު ވަގުތުގައި ކުޅުންތެރިން ހޫނުވެ، އޮގަސްޓިން ކަނޯބިއާ އަށް ރަތްކާޑު ވެސް ދެއްކި އެވެ. އެ ގައުމު މުބާރާތުގައި ކުޅުނު ފުރަތަމަ މެޗުގައި ސައޫދީ އަރަބިއާއާ ވާދަކޮށް އެއްވަރުވީ 1-1އިންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ