ސްޕެއިނަށް އެއް ވަނަ، އުރުގުއޭ ކަޓައި ކޭޕް ވާޑް ދެ ވަނަ ބުރަށް

ޒަޕޯޕާން، މެކްސިކޯ (ޖޫން 27) - ފީފާ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގައި، ސްޕެއިނުން 1-0 އިން އުރުގުއޭ ބަލިކޮށް ގްރޫޕްގެ އެއް ވަނަ ހޯދިއިރު، ސައުދީ އަރަބިއްޔާއާ 0-0 އިން އެއްވަރުވެ، ލިބުނު ޕޮއިންޓާ އެކު، މުޅިން އަލަށް ވޯލްޑް ކަޕްގައި ކުޅޭ ކޭޕް ވާޑުން ދެ ވަނަ ބުރުން ޖާގަ ހޯދައިފި އެވެ. 
ސްޕެއިނާއި އުރުގުއޭ އިން މި މެޗަށް ނުކުތްއިރު ދެ ޓީމަށް ވެސް އޮތީ ނަތީޖާ ނެރެން މަޖުބޫރުވެފަ އެވެ. އެ ގޮތުން، ސްޕެއިނަށް އެއްވަރުކޮށްލައިގެން ވެސް ފުއްދާލެވެން އޮތްއިރު، އުރުގުއޭ އަށް އޮތީ މޮޅުވުން މަޖުބޫރުވެފަ އެވެ. އެކަމަކު، ސްޕެއިން އަތުން ބަލިވެ، ދެ ފަހަރު ވޯލްޑް ކަޕް ޗެމްޕިއަންކަން ހޯދާފައިވާ އުރުގުއޭ އިން މި ވަނީ ޖެހިޖެހިގެން ދެ ވަނަ ވޯލްޑް ކަޕްގެ ގްރޫޕް ސްޓޭޖުން ކަޓައިފަ އެވެ. 
ސްޕެއިނަށް އެއް ވަނަ ލިބުނީ ހަތް ޕޮއިންޓާ އެކު އެވެ. ދެ ވަަނަ ހޯދި ކޭޕް ވާޑުން ތިން މެޗު ވެސް އެއްވަރުކޮށް ތިން ޕޮއިންޓް ހޯދި އެވެ. އުރުގުއާ އަށް ދެ ޕޮއިންޓް ލިބުނުއިރު، ސައުދީ އަށް ވެސް ލިބުނީ ދެ ޕޮއިންޓެވެ. 
މެޗު ފަށައިގެން ސްޕެއިންގެ ކީޕަރު އުނާއި ސިމޯން އަތުން ދޫވި ދެ ބޯޅައެއްގައި އުރުގުއޭ އިން ވަނީ ނުރައްކާ ކޮށްފަ އެވެ. އެކަމަކު، އުރުގުއޭގެ ކުޅުންތެރިންގެ އެ ހަމަލާތައް ސްޕެއިންގެ ޑިފެންޑަރުން ވަނީ ހުއްޓުވައިފަ އެވެ. އުރުގުއޭގެ އެންމެ ކުރިއަށް ކުޅޭ ޑާވިން ނޫނޭޒަށް ލިބުނު ފުރުސަތުތަކުގައި އޭނާ އަށް ރަނގަޅަށް ބޭނުންހިފޭގޮތެއްނުވި އެެވެ. 
ސްޕެއިނުން ލީޑުނެގީ މެޗުގެ 42 ވަނަ މިނިޓްގަ އެވެ. މިއީ، އޭރިއާތެރެއަށް މާކޯސް ލޮރެންޓޭ ނެގި ހުރަހަކުން އަލެކްސް ބައޭނާ ޖެހި ގޯލެކެވެ. އެ ގޮތުން، ބައޭނާ ފޮނުވާލި ބޯޅަ ގޯލަށް ވަނީ އުރުގުއޭގެ ކީޕަރު ފެނާންޑޯ މުސްލޭރާ އަތުގައި ޖެހިފަ އެވެ. އުރުގުއޭ އިން ދެ ވަނަ ހާފަށް ކުޅެން އެރީ މުސްލޭރާގެ ބަދަލުގައި، ސާޖިއޯ ރޮޗޭ ކުޅެން އަރުވައިގެންނެވެ. 
ދެ ވަނަ ހާފުގައި ސްޕެއިނަށް 63 ވަނަ މިނިޓްގައި ރަނުގެ ފުރުސަތެއް ލިބުނެވެ. އެ ގޮތުން، ލަަމީން ޔަމާލް އަރިމަތިން ބޯޅަހިފައިގެން ވަދެ، އޭރިއާތެރެއިން ޑެނީ އޯލްމޯ އަށް ދިން ބޯޅަ އޭނާ އަށް ރަނގަޅަށް ފޮނުވާލެވޭ ގޮތެއްނުވި އެެވެ. 
އުރުގުއޭ އިން އެޓޭކަށް ޖެހިގެން މެޗުގެ ފަހުކޮޅުގައި ގިނަ ފުރުސަތުތަކެއް ހޯދޭތޯ މަސައްކަތްކުރި އެވެ. އެކަމަކު، ސްޕެއިންގެ ކީޕަރު، އުނާއި ސިމޯން ދިޔައީ އެ ހަމަލާތައް ހުއްޓުވަމުންނެވެ. އެ ގޮތުން، އޭރިއާބޭރުން ޑެ ލަ ކްރޫޒް ޖެހި ޝޮޓެއް އަމާޒުވީ ކީޕަރު އުނާއި ސިމޯން އަތަށެވެ. 
މެޗުގެ 85 ވަނަ މިނިޓްގައި ސްޕެއިންގެ ފެރާން ޓޮރޭޒަށް ލިބުނު މުޅިން ހުސް ފުރުސަތެއްގައި ޖެހި ބޯޅަ ދިޔައީ ހުރަސްދަނޑީގައި ޖެހިފައި ބޭރަށެވެ. 
އުރުގުއޭ އިން މެޗު ނިންމާލީ ކުޅުންތެރިއަކު މަދުކޮށެވެ. އެއީ، އޮގަސްޓިން ކަނޯބިއޯ ކުރި ނުރައްކާތެރި ފައުލަކަށް ދެއްކި ރަތް ކާޑާ އެކު އެވެ. 
ކޭޕް ވާޑް އާއި ސައުދީ އަރަބިއްޔާ އިން ކުޅުނު މެޗުގައި ދެ ޓީމުގެ ފަރާތުން ފެނިގެންދިޔައީ ފުރަތަަމަ ހާފަށް ބަލާއިރު ދާދި ހަމަހަމަ ކުޅުމެކެވެ. ސައުދީ އަރަބިއްޔާ އަށް އެންމެ ބޮޑު މައްސަލައެއް ކުރިމަތިވީ އެ ޓީމުގެ ފަހަތަށް ކުޅޭ، އަލް ތޮމްބަކްތީ ބަދަލުކުރަން ޖެހުމެވެ. އޭނާގެ ބަދަލުގައި ކުޅެން އެރީ، އަލީ ލަޖާމީ އެވެ. 
ސައުދީގެ ކެޕްޓަން، ސަލީމް އަލް ދައުސާރީ އެޓޭކަށް ޖެހިގެން ފުރުސަތުތަކެއް ހޯދޭތޯ މަސައްކަތް ކުރި ނަަމަވެސް ކާމިޔާބެއްނުވި އެވެ. ކޭޕް ވާޑުން އެޓޭކަށް ޖެހި އެ ޓީމުގެ ކެޕްޓަން، ރިޔާން މެންޑޭޒް ބައިވެރިވެގެން ކުރި އެޓޭކެއްގަައި ފޮނުވާލި ހަމަލާ އަމާޒުވީ ސައުދީގެ ކީޕަރު،  މުހައްމަދު އަލް އޮވައިސް އަަތަށެެވެ. އަދި، މެޗުގެ 74 ވަނަ މިނިޓްގައި ކޭޕް ވާޑްގެ ލަރޯސް ޑުއާޓޭ، އޭރިއާތެރެއަށް ހުސްކޮށް ވަދެ ފޮނުވާލި ހަމަލާ ވެސް ކީޕަރު އަލް އޮވައިސް ވަނީ މަތަކޮށްފަ އެވެ. 
ކޭޕް ވާޑުން ގަދަ 32 ޓީމުގެ ބުރުގައި ކުޅޭނީ އެންމެ ފަހުގެ ޗެމްޕިއަން، އާޖެންޓީނާއާ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ