ޑިޕްލޮމޭޓުންނާއި 2 އަހަރު ނުވާ ކުދިން އިސްތިސްނާކޮށް ޑިޕާޗާ ޓެކްސް ނަގަން ފަށައިފި

ޑިޕްލޮމޭޓުންނާއި 2 އަހަރު ނުވާ ކުދިން އިސްތިސްނާކޮށް މިއަދުން ފެށިގެން ޑިޕާޗާ ޓެކްސް ނަގަން ފަށައިފިއެވެ.
މިއަދުން ފެށިގެން ދަތުރު ކުރަން، މިދިޔަ ނޮވެމްބަރު 1 ފެށިގެން ޓިކެޓު ގަނެ، ނުވަތަ ދަތުރުގެ ތާރީހު ބަދަލުކުރާ މީހުން ވެސް އެ ޓެކްސް ދައްކަން ޖެހެއެވެ.
ރާއްޖޭގެ އެއާޕޯޓްތަކުން ރާއްޖެއިން ބޭރަށް ފުރާ ފަސިންޖަރުންގެ އަތުން ޓެކުހާއި ފީ ނެގުމުގެ ގާނޫނުގައި މިހާރު އޮންނަ ގޮތުން އެއާޕޯޓުން ކޮންމެ ދިވެއްސެއްގެ އަތުން 12 ޑޮލަރު އަދި ކޮންމެ ބިދޭސީއެއްގެ އަތުން ނަގަމުން އަންނަނީ 25 ޑޮލަރެވެ. ނަމަވެސް މިއަދުން ފެށިގެން އާ ޑިޕާޗާ ޓެކްސް ނަގާނެއެވެ. އެގޮތުން އެއާާޕޯޓް ޑިވެލޮޕްމަންޓް ފީ ނަގަމުން ގެންދާނީ އިކޮނޮމިކް ކުލާހުގައި ދަތުރު ކުރާ ދިވެހިން އަތުން 12 ޑޮލަރު އަދި ބިދޭސީންގެ އަތުން 30 ޑޮލަރެވެ.
ބިޒްނަސް ކުލާހުން ދަތުރުކުރާ ދިވެހިންނާއި ބިދޭސީންގެ އަތުން 60 ޑޮލަރު ނަގަން ނިންމާފައިވާ އިރު، ފަސްޓް ކުލާހުން ދަތުރުކުރާ މީހުންގެ އަތުން ނަގާނީ 90 ޑޮލަރެވެ. އަދި ޕްރައިވެޓް ޖެޓުގައި ދަތުރު ކުރާ މީހުންގެ އަތުން 120 ޑޮލަރުގެ ނެގުމަށް ވަނީ ހިމަނާފައެވެ.
ޑިޕާޗާ ޓެކްސް ނުވަތަ އެއާޕޯޓް ބޭނުން ކުރާތީ ދައްކަން ޖެހޭ އެއާޕޯޓް ސާވިސް ޗާޖު ދައުލަތަށް ދައްކަން ލާޒިމް ކޮށްފައި ވަނީ އެއާލައިން ތަކަށެވެ. އަދި މި ޓެކްސް ދައްކަން ލާޒިމް ކޮށްފައި ވަނީ އެމެރިކާ ޑޮލަރުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ