މޫސުން ގޯސްވެ އުތުރުގެ ތިން އަތޮޅުގެ ފެރީތައް ކެންސަލްކޮށްފި

މޫސުން ގޯސްވެ ކަނޑުގަދަވުމުގެ ސަބަބުން ރާއްޖޭގެ އެންމެ އުތުރުގެ ތިން އަތޮޅު ކަމުގައިވާ ހއ، ހދ އަދި ށ އަތޮޅުގައި ދަތުރުކުރާ ފެރީތައް ކެންސަލްކޮށްފި އެވެ.
ވީނިއުސް އަށް މިއަދު މައުލޫމާތު ދެއްވަމުން ހދ. އަތޮޅު ކައުންސިލްގެ މީޑިއާ ކޯޑިނޭޓަރު އަބްދުﷲ މުހައިމިން ވިދާޅުވީ ތިން އަތޮޅުގެ އަތޮޅު ފެރީ ކެންސަލް ކުރީ މުޅި އެ ސަރަހައްދުގެ މޫސުން ވަރަށް ބޮޑަށް ގޯސްވެ ދަތުރުކުރަން އުދަގޫވުމުން ކަމަށެވެ. ނަމަވެސް މިއަދު ވާރޭ ނުވެހޭ ކަމަށާއި އެކަމަކު ކަނޑުގަދަވެފައި ވައިގަދަ ކަމަށްވެސް ވިދާޅުވި އެވެ.
"ރެއާ އިއްޔެ ރޭ އަދި އޭގެ ކުރީރޭވެސް މިސަރަހައްދަށް ބޯކޮށް ވާރޭވެހުނު. އަދި ހަމަ ވަރަށް ބާރަށް ވައިވެސް ޖެހެމުން ދިޔައީ. އެހެންކަމުން ކަނޑު ދަތުރުނުކުރެވިގެން މިއަދު އަތޮޅު ފެރީ ކެންސަލް ކުރީ،" މުހައިމިން ވިދާޅުވި އެވެ.
އޭނާ އިތުރަށް ވިދާޅުވީ މާދަމާ ވެސް ފެރީތައް ދަތުރުކުރުމަށް ހުއްދަދެވޭނީ މޫސުމަށް ބެލުމަށްފަހު މޫސުން ރަގަޅު ނަމަ ކަމަށެވެ.
ހއ. ހދ. އަދި ށ. އަތޮޅުގައި ފެރީ އޮޕަރޭޓް ކުރަމުންދަނީ އެއާޕޯޓް ފެރީ އޮޕަރޭޓާސް އެސޯސިއޭޝަނުންނެވެ.
އެ އެސޯސިއޭޝަންގެ ފަރާތުން އެ ސަރަހައްދުގެ ފެރީ ނިޒާމުގެ ކަންކަމާއި ހަވާލުވެ ހުންނެވި އަދުހަމް ރަފީގް ވީނިއުސް އަށް މިއަދު މައުލޫމާތު ދެއްވަމުން ވިދާޅުވީ މިއަދު ފެރީތައް ކެންސަލް ކުރި ނަމަވެސް މިހާރު މޫސުން ފެންނަ ގޮތުން މާދަމާ ދަތުރުތައް ފެށޭނެ ކަމަށް އުއްމީދުކުރައްވާ ކަމަށެވެ.
އޭނާ ވިދާޅުވީ އެއް އަތޮޅުން އަނެއް އަތޮޅަށް ދަތުރުކުރާ ފެރީގެ އިތުރުން ތިން އަތޮޅު ތެރޭގައި އެއް ރަށުން އަނެއް ރަށަށް ދަތުރުކުރާ ފެރީތައް ވެސް ކެންސަލްކޮށްފައިވާ ކަމަށެވެ.
"އަޅުގަނޑުމެން ދަތުރުތައް ކެންސަލް ކުރީ މޫސުމާ ބެހޭ އިދާރާއިން އިއްޔެ ނެރުނު އެލާޓާއި ގުޅިގެން. އެ އެލާޓްގައި އޮވޭ މިއަދު 3:00 ޖެހުމާއި ހަމައަށް މޫސުން ގޯސްވާނެ ކަަމަށް. އެހެންވެ ދަތުރުކުރާ ފަރާތްތައް ފެރީ ދޮށަށް އައުމުން މޫސުމަށް ބަލާފައި ކެންސަލް ކުރުމުގެ ބަދަލުގައި ދުރާލާ ކެންސަލް ކުރީ،" އަދުހަމް ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ