ހިޔާ ރޯދިގޭގައި ރޯކުރުމުގެ ތުހުމަތުވާ ޝަހުބާން ޝަރީއަތް ނިމެންދެން ބަންދުކޮށްފި

ފަަޅަށް އޮންނަ ގ. ހިޔާރޯދިގޭގައި މިދިޔަ މާޗް މަހުގެ 18 ވަނަ ދުވަހު އަލިފާން ރޯކޮށްލި ކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ މީހާ ޝަރީއަތް ނިމެންދެން ބަންދުކުރުމަށް ކްރިމިނަލް ކޯޓުން އަމުރުކޮށްފިއެވެ. އެ ގޭގައި އަލިފާން ރޯވި މައްސަލައިގައި، ހުޅުޖެހުމާއި މުދަލަށް ގެއްލުން ދިނުމުގެ ތުހުމަތުގައި ލ. މާބައިދޫ، ސަބުނަމްހައުސް، އުމުރުން 29 އަހަރުގެ ހުސައިން ޝަހްބާން ވަނީ ހައްޔަރުކޮށްފައެވެ. ފުލުހުން މިއަދު މީޑިއާތަކާއި ހިއްސާކުރި މެސެޖެއްގައި ވަނީ، ހިޔާރޯދިގޭގައި ހިނގި އަލިފާނުގެ ހާދިސާއާ ގުޅިގެން ފުލުހުން ހިންގި ތަހުގީގު ނިންމައި، އެ މައްސަލައިގައި ދައުވާ އުފުލުމަށްޓަކައި މިދިޔަ އަންގާރަ ދުވަހު ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވާފައި ވާކަމަށެވެ. އެ މައްސަލައިގައި ތުހުމަތުކުރެވޭ ޝަޙްބާން ޝަރީއަތް ނިމެންދެން ބަންދުކުރުމަށް ކޯޓުން އަމުރުކޮށްފައި ވާކަމަށް ފުލުހުން ވަނީ ބުނެފައެވެ. https://sun.mv/219622 ފާހަގަކޮށްލެވޭ ގޮތުގައި ޝަހުބާނަކީ މީގެ ކުރިންވެސް މުދަލަށް ގެއްލުންދީގެން ޖިނާއީ ހުކުމްތަކެއް އިއްވާފައިވާ މީހެކެވެ. ކްރިމިނަލް ކޯޓުގެ ރެކޯޑްތަކުން ދައްކާ ގޮތުން 2022 ވަނަ އަހަރާއި 2023 ވަނަ އަހަރުގެ ޖިނާއީ މައްސަލަތަކެއްގައި އޭނާގެ މައްޗަށް ހުކުމް އިއްވާފައިވެއެވެ. ކޯޓުގެ ރެކޯޑްތައް ދައްކާ ގޮތުން އެހެން މީހެއްގެ މުދަލެއްގެ މައްޗަށް ހުއްދަނޫން ގޮތެއްގައި ބާރު ހިންގުމުގެ މައްސަލައެއްގައި ނުވަ މަހާއި 18 ދުވަހަށް ޝަހްބާން ޖަލަށްލާފައިވެއެވެ. އަދި މުދަލަށް ގެއްލުންދިނުމުގެ މައްސަލައެއްގައި 11 ދުވަހަށް ޖަލަށްލާފައިވެއެވެ. ގ. ހިޔާ ރޯދީގައި ރޯވުން: އެ ގޭގައި ރޯކޮށްލުމުގެ ތުހުމަތުގައި ހައްޔަރުކުރި މީހާ ވަނީ ޝަރީއަތް ނިމެންދެން ބަންދުކޮށްފައި -- ސަން ފޮޓޯ މީގެ އިތުރުން އެނގިހުރެ ހުއްދަނޫން ތަނަކަށް ވަނުމުގެ މައްސަލައިގައި އޭނާގެ މައްޗަށް ތިން މަސް ދުވަހުގެ ޖަލު ހުކުމަކާއި، ވައްކަމުގެ މައްސަލައެއްގައި އެއް އަހަރާއި ފަސް މަހާއި 14 ދުވަހަށް ޖަލު ހުކުމެއްކޮށްފައިވެއެވެ. ހިޔާ ރޯދިގޭގައި އަލިފާން ރޯވުމުގެ ކުޑައިރުކޮޅެއް ކުރިން، އެ ގެއަށް މީހަކު ވަންނަ މަންޒަރު ފެންނަ ސީސީޓީވީ ފުޓޭޖްވަނީ ސޯޝަލް މީޑިއާގައި އާންމުވެފައެވެ. https://sun.mv/219370 ވީޑިއޯއިން ފެންނަނީ ސައިކަލެއްގައި އައި މީހާ ސައިކަލު ޕާކު ކުރުމަށްފަހު އެ ގެއަށް ވަންނަ މަންޒަރެވެ. އޭނާ ހުރީ ކަޅު އަވި އައިނެއް އަޅައިގެން، ހުދާއި ކަޅު ކުލައިގެ ގަމީހެއް ލައިގެންނެވެ. އެ ވީޑިއޯއިން ފެންނަ ގޮތުގައި އެ ގޭގައި އަލިފާން ރޯވީ އެގެއިން އެ މީހާ ނުކުމެގެންދާތާ ކުޑަ އިރުކޮޅެއްގެ ތެރޭގައެވެ. އެ ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައެއް ނުވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ