ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ މުއްދަތު އިތުރުކޮށްފި

ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ މުއްދަތު އަންނަ ހޮނިހިރު ދުވަހާ ހަމައަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން އިތުރުކޮށްފިއެވެ.
އީސީން ކުރިން އިއުލާނުކޮށްފައި އޮތީ މި ބައި-އިލެކްޝަނުގައި ވާދަކުރަން ބޭނުންވާ ފަރާތްތަކުން މި ހަފުތާގެ ބުދަ ދުވަހުގެ މެންދުރުފަހު 3:00 ގެ ކުރިން ފޯމު ހުށަހަޅަންޖެހޭނެ ކަމަށެވެ. ނަމަވެސް އީސީން މިހާރު ނިންމާފައިވަނީ އެ މުއްދަތު ހޮނިހިރު ދުވަހުގެ މެންދުރުފަހު 3:00 އާ ހަމައަށް އިތުރުކުރުމަށެވެ. ފޯމު ހުށަހެޅުމުގެ އިންތިޒާމު އީމެއިލް މެދުވެރިކޮށް ހަމަޖެހިފައިވާއިރު، އީމެއިލުން ފޯމު ފޮނުވުމަށް ދަތިވާ ފަރާތްތަކަށް ކޮމިޝަނަށް ހާޒިރުވެ ފޯމު ހުށަހެޅުމުގެ ފުރުސަތުވެސް ހުޅުވާލާފައިވާ ކަމަށް އީސީން ބުންޏެވެ.
ހިތަދޫ އުތުރު ދާއިރާގެ ގޮނޑި ހުސްވީ އެ ދާއިރާގެ މެންބަރުގެ ގޮތުގައި ހުންނެވި ޕީއެންސީގެ މުހައްމަދު ސިނާނުގެ މައްޗަށް ސާބިތު ދަރަންޏެއް އޮވެ، އެ ފައިސާ ގަވައިދުން ދައްކަމުން ނުދާކަން ސާބިތުވުމާ ގުޅިގެންނެވެ. ސިނާނާއި އިތުރު ދެ މީހެއްގެ މައްޗަށް އިސްލާމިކް ބޭންކުން ނަގާފައިވާ 3.8 މިލިއަން ރުފިޔާގެ ލޯނެއް ނުދައްކާ އޮތް މައްސަލައިގައި ސުޕްރީމް ކޯޓުން މި މަހުގެ 12 ވަނަ ދުވަހު ވަނީ ސިނާނުގެ ގޮނޑި ގެއްލިއްޖެ ކަމަށް ހުކުމްކޮށްފައެވެ.
އީސީން މިހާރު ވަނީ އަންނަ ޖޫން މަހުގެ 6 ވަނަ ދުވަހު އިންތިހާބު ބޭއްވުމަށް ތާވަލުކޮށްފައެވެ. އެ އިންތިހާބުގައި ޕީއެންސީގެ ފަރާތުން ވާދަކުރައްވަނީ ޕްރައިމަރީ ކާމިޔާބުކުރެއްވި ކުރިން ވެސް މެންބަރުކަމުގައި ހުންނެވި ސިނާނެވެ. އަދި އިދިކޮޅު އެމްޑީޕީގެ ފަރާތުން ވާދަކުރައްވަނީ އައްޑޫ ސިޓީގެ ކުރީގެ މޭޔަރު އަބްދުﷲ ސާދިގް (ސޯބެ) އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ