މި އަހަރު ރާއްޖޭން ހައްޖުގެ މަތިވެރި އަޅުކަން އަދާކުރުމަށް މައްކާ އަށް ދިޔަ ހުރިހާ ހައްޖުވެރިން މިހާރު ތިބީ އަރަފާތު ބިމުގައި ކަމަށާއި ހުރިހާ ހާޖީންގެ ހާލު ވެސް ރަނގަޅު ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެ އެވެ.
ދިވެހި ހައްޖުވެރިން އަރަފާތަށް ދިޔުމަށްޓަކައި ދަތުރު ފަށާފައިވަނީ ރޭގެ ވަގުތެއްގަ އެވެ.
މިއަދު ފަތިހު މީޑިއާތަކަށް ފޮނުއްވި މެސެޖެއްގައި މިނިސްޓަރު ވިދާޅުވީ ބަލިވެގެން ހޮސްޕިޓަލުގައި އެޑްމިޓްކުރި އެއް ހައްޖުވެރިއަކު ފިޔަވައި، އެހެން ހުރިހާ ހާޖީން އަރަފާތަށް ވާސިލުވެފައިވާ ކަމަށެވެ.
ނަމަވެސް އެންމެ ފަހުގެ މައުލޫމާތު ހިއްސާކުރައްވަމުން މިނިސްޓަރު މީގެ ކުޑަ އިރުކޮޅެއް ކުރިން ވިދާޅުވީ، ހޮސްޕިޓަލުގައި ފަރުވާދެމުންދިޔަ ހައްޖުވެރިޔާގެ ހާލު މިހާރު ރަނގަޅު ކަމަށާއި ހައްޖު ކޯޕަރޭޝަނުގެ އެހީތެރިކަމާއެކު އޭނާވެސް މިހާރު އަރަފާތަށް ގެންގޮސްފައިވާ ކަމަށެވެ.
އެހެންކަމުން، މިވަގުތު ހުރިހާ ދިވެހި ހައްޖުވެރިންވެސް ތިބީ އަރަފާތު ބިމުގަ އެވެ.
"މިހާރު އެންމެހައި ހާޖީން ވަނީ އަރަފާތުގަ. މިނާ ހޮސްޕިޓަލުގައި ރޭގެ ވަގުތެއްގައި އެޑްމިޓްކުރި ހާޖީގެ ހާލުވެސް މިހާރު ރަނގަޅު. ހައްޖު ކޯޕަރޭޝަނުން ވަނީ މިއަދު އޭނާ ވެސް އަރަފާތަށް ގެންގޮސްފައި،" ޝަހީމް ވިދާޅުވި އެވެ.
ހައްޖުގެ އެންމެ މުހިންމު ރުކުނަކީ އަރަފާތު ބިމުގައި މަޑުކުރުން ކަމަށްވާއިރު، އަރަފާތު ބިމަށް ނުދެވޭ މީހަކަށް ހައްޖުގެ އަޅުކަން ފުރިހަމައެއް ނުވާނެ އެވެ.
ހުރިހާ ހައްޖުވެރިން ވެސް މިރޭ މުޒްދަލިފާއަށް ދިއުމަށް ނުކުންނާނެ އެވެ.
މިއަހަރު ރާއްޖެއިން ޖުމްލަ 1،019 މީހުން ހައްޖުގެ އަޅުކަމުގައި ބައިވެރިވެ އެވެ.
ހައްޖު ކޯޕަރޭޝަނުން ކުރިން ބުނެފައި ވަނީ މި ފަހަރު ދިވެހި ހައްޖުވެރިން ސައުދީގައި 22 ދުވަހު ތިބޭނެ ކަމަށެވެ. ހައްޖު ނިންމުމަށް ފަހު ދިވެހިން އެނބުރި ރާއްޖެ އައުމަށް ފުރާނީ އަންނަ މަހުގެ ފަހަކުން ފެށިގެންނެވެ.
އެޑްމިޓްކުރި ހާޖީވެސް އަރަފާތަށް ގެންގޮސްފި، ހުރިހާ ހައްޖުވެރިންގެ ހާލު ރަނގަޅު: ޝަހީމް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ