މިއާމީ، ޔުނައިޓެޑް ސްޓޭޓްސް (މެއި 26) - މިދިޔަ ހޯމަ ދުވަހު މޭޖަ ލީގު ސޮކާ (އެމްއެލްއެސް)ގެ މެޗެއްގެ ތެރެއިން ވާތުފައިގެ ފަަލަމަސްގަނޑަށް ތަދުވާތީވެ، ބަދަލުކުރަން ޖެހުނު އިންޓަ މިއާމީގެ ކެޕްޓަން، ލިއޮނަލް މެސީ އަށް ދިމާވީ ސީރިއަސް އަނިޔާއެއްގެ މައްސަލަ ނޫން ކަމަށް އެ ކްލަބުން ބުނެފި އެވެ.
އެމްއެލްއެސްގައި ފިލަޑެލްފިއާ ޔޫނިއަން އަތުން 6-4 އިން އިންޓަ މިއާމީ މޮޅުވި މެޗުގައި، އުމުރުން 38 އަހަރުގެ މެސީ، 73 ވަނަ މިނިޓްގައި ހިލޭ ޖެހުމަކުން ބޯޅަ ފޮނުވާލި ގޮތަށް ވަގުތުން ބެންޗަށް އިޝާރާތްކުރީ ބަދަލު ކުރުމަށެވެ. އަދި، ބަދަލަކަށް ފޭބި ގޮތަށް ބެންޗަށް ދިއުމުގެ ބަދަލުގައި މެޑިކަލް އޮފިޝަލަކާ އެކު، ދިޔައީ ޗޭންޖިން ރޫމަށެވެ.
މެޗަށް ފަހު، މެސީގެ މެޑިކަލް ޓެސްޓްތަކެއް ހެދިއިރު، ނަތީޖާތައް ދައްކާގޮތުން އޭނާ އަށް ދިމާވީ ފަލަމަސްގަނޑަށް ކުޑަ ތަދެއް އެރުމުގެ މައްސަލައެކެވެ. އެއީ، ގާތްގާތުގައި ގިނަ މެޗުތަކެއް ކުޅެގެން ދިމާވި ކަމެއްގެ ގޮތުގައި ބެލެވޭ ކަމަށް ވެސް ރިޕޯޓްގައިވެ އެވެ.
އިންޓަ މިއާމީން ބުނީ، މެސީ، އެނބުރި ދަނޑަށް އަންނާނެ ސީދާ ދުވަހެއް ނުބުނެވޭނެ ކަމަށާއި އެ ހުރިހާ ކަމެއް ކަނޑައެޅިގެންދާނީ އޭނާގެ ރިކަވަރީގެ ކަންކަން ދާ ގޮތަކަށް ބެލުމަށް ފަހު ކަމަށެވެ.
ފީފާ ވޯލްޑް ކަޕަށް ބްރޭކަށް ދިއުމުގެ ކުރިން އިންޓަ މިއާމީ އަށް އަދި އެއް މެޗު ބާކީ އެބައޮތެވެ. އެކަމަކު، އިންޓަ މިއާމީގެ ކޯޗު ގިލެރްމޯ ހޯޔޯސް ވަނީ ކުރިއަށް އޮތް މެޗުގައި މެސީ ބޭނުންނުކުރާނެ ކަމަށް ބުނެފަ އެވެ.
އަންނަ މަހު 11 ވަނަ ދުވަހު ފަށާ ފީފާ ވޯލްޑް ކަަޕްގައި ވާދަކުރާ އާޖެންޓީނާ ސްކޮޑު އަދި އިއުލާނުކޮށްފައިނުވި ނަމަވެސް، 2022 ވަނަ އަހަރު ގަތަރުގައި ބޭއްވި ވޯލްޑް ކަޕްގެ ޗެމްޕިއަންކަން އާޖެންޓީނާ އަށް ހޯދައިދިން ކެޕްޓަން، މެސީ، މި ފަހަރުގެ ވޯލްޑް ކަޕް ސްކޮޑުގައި ހިމެނުމުގެ ފުރުސަތު ބޮޑެވެ. މި ސީޒަނުގައި ރަނގަޅު ފޯމެއްގައި ކުޅެމުން އަންނަ މެސީ ވަނީ އެމްއެލްއެސްގައި ކުޅުނު 14 މެޗުން 12 ގޯލު ޖަހައި، އަށް ލަނޑު ޖަހަން ފުރުސަތު ތަނަވަސްކޮށްދީފަ އެވެ.
އާޖެންޓީނާގެ ފުޓްބޯޅަ ފެޑެރޭޝަނުން އެންމެ ލަސްވެގެން ވޯލްޑް ކަޕް ސްކޮޑު އަންނަ ހަފްތާ ތެރޭގައި އިއުލާނުކުރާނެ ކަމަށް ރިޕޯޓްތައް ބުނެ އެވެ.
މި ފަހަރު ވެގެންދާނީ ދުނިޔޭގެ އެންމެ ބޮޑު ފުޓްބޯޅަ މުބާރާތް، ފީފާ ވޯލްޑް ކަޕްގެ މުބާރާތްތަކަށް ބަަލާއިރު، މެސީ ކުޅޭނެ ހަ ވަނަ މުބާރާތަށެެވެ. މެސީ، އެންމެ ފުރަަތަމަ ވޯލްޑް ކަޕެއްގައި ކުޅުނީ، 2006 ވަނަ އަހަރު ޖަރުމަނުގައި ބޭއްވި މުބާރާތުގަ އެވެ.
މެސީގެ އަނިޔާ ސީރިއަސް ނޫނަސް ދެން މިއާމީގެ މެޗަކުން ނުފެންނާނެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ