މަންދީ ގަޔަށް ކަޅުތެޔޮ ޖެހިކަމަށް ތުހުމަތުވާ މީހާ، ޑުރަގު މައްސަލައެއްގައި ވާނުވާ ބަންދަށް
އިދިކޮޅު އެމްޑީޕީގެ އެކްޓިވިސްޓް، މަރްޔަމް ޒުބައިރު (މަންދީ)ގެ ގަޔަށް ކަޅުތެޔޮ ޖެހި މައްސަލައިގައި މިދިޔަ އަހަރު ހައްޔަރުކުރި މީހާ، މަސްތުވާތަކެތީގެ ބޮޑު މައްސަލައެއްގައި ޝަރިއަތް ނިމެންދެން ބަންދުކޮށްފިއެވެ. މަންދީ ގަޔަށް ކަޅުތެޔޮ ޖެހި މައްސަލައިގެ ތުހުމަތުގައި މިދިޔަ އަހަރު ފުލުހުން ހައްޔަރުކުރީ އަހުމަދު ރިޝްމާހު ސަންލައިޓް ވިލާ، ގއ. ދާންދޫއެވެ. އޭނާ ހައްޔަރުކޮށްފައި ދުވަސްކޮޅަކު ބެހެއްޓުމަށް ފަހު، އޭނާ ބަންދުން ދޫކޮށްލިކަން ކުރީގެ ރިޕޯޓްތަކުން އެނގެއެވެ. އެކަމަކު މަސްތުވާތަކެތީގެ ބޮޑު މައްސަލައެއްގައި މީގެ ދުވަސްކޮޅެއް ކުރިން އޭނާވަނީ އަލުން ހައްޔަރުކޮށްފައެވެ. ރިޝްމާހު ހައްޔަރުކުރި މަސްތުވާތަކެތީގެ ބޮޑު މައްސަލައަކީ، ވައިގެ މަގުން ރާއްޖެއަށް ދެ ކިލޯއަށްވުރެ ގިނަ މަސްތުވާތަކެތި، މެލޭޝިޔާ އަންހެނަކު ގެނައި މައްސަލައެވެ. އެ އަންހެން މީހާވެސް އެ މައްސަލައިގައި ޝަރިއަތް ނިމެންދެން ބަންދުކޮށްފައިވާއިރު، އާއްމުވެފައިވާ ރިޕޯޓްތަކުން އެނގޭ ގޮތުގައި ޖުމްލަ ތިން މީހަކު މި މައްސަލައިގައި ހިމެނެއެވެ. އެއީ ރިޝްމާހުގެ އިތުރުން މެލޭޝިޔާ އަންހެން މީހާ އަދި، ގދ. ވާދޫ/ ފުރުސަތު، ލޫޠު އިބްރާހީމް (29އ) އެވެ. މެލޭޝިޔާ އަންހެން މީހާއަށް ކިޔަނީ، ރަންޖިނި ޖީވަނަންތަންއެވެ. މި މައްސަލައިގައި، ރިޝްމާހު ޝަރިއަތް ނިމެންދެން ބަންދު ކުރީ ހޯމަ ދުވަހު ކްރިމިނަލް ކޯޓުންނެވެ. ދެ ކިލޯއަށްވުރެ ގިނަ މަސްތުވާތަކެތި ވައިގެ މަގުން ރާއްޖެއަށް އެތެރެކުރަން އުޅުނު މެލޭޝިޔާ މީހާ ގެނައި ފޮއްޓަކީ ރައްޓެއްސަކު ދިން ފޮއްޓެއް ކަމަށާއި އޭނާ އައީ ވެސް ރައްޓެއްސަކު ދިން އޮފާއެއްގައި ކަމަށް އޭނާ ކޯޓުގައި ކުރިން ވަނީ ބުނެފައެވެ. އެ ފޮއްޓާ މާލެއިން މީހަކު ހަވާލުވާނެ ކަމަށް ވެސް އޭނާއާ ހަވާލާދީ ކުރީގެ ބަންދު ރިޕޯޓުގައި ބުނެފައިވެއެވެ. އޭގެ އިތުރުން، އެ އަންހެން މީހާ ރާއްޖެއަށް އައީ އެންމެ ތިން ދުވަހަށް ކަމަށް ވެސް އޭނާއާ ހަވާލާދީ ބަންދު އަމުރުގައި ބަޔާންކޮށްފައިވެއެވެ. ދެ ކިލޯއަށް ވުރެ ގިނަ މަސްތުވާތަކެތި ވައިގެ މަގުން ރާއްޖެއަށް އެތެރެކުރަން އުޅުނު މެލޭޝިޔާ މީހާ ގެނައި ފޮއްޓަކީ ރައްޓެއްސަކު ދިން ފޮއްޓެއް ކަމަށް އޭނާ ބުނެފައި ވަނިކޮށް، އެ ފޮށިގަނޑު ބަލައި ދިޔައީ ޖަލުގައި ހުރި ރައްޓެއްސަކު ބުނެގެން ކަމަށް އެ މައްސަލައިގައި ހިމެނޭ ލޫތު ވަނީ ބުނެފައެވެ. ކުރީގެ ބަންދު އަމުރުގައި ލޫތުއާ ހަވާލާދީ ބުނެފައިވާ ގޮތުގައި އެ ފޮށިގަނޑަކީ ޖަލުގައި ހުރި ރައްޓެއްސަކު ބުނެގެން ބަލާދިޔަ ފޮށިގަނޑެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ