ޓްރަމްޕްގެ "އަބްރަހަމް އެކޯޑްސް"ގައި ބައިވެރިވުމުގެ ވިސްނުމެއްނެތް: ޕާކިސްތާނު

ޓްރަމްޕްގެ "އަބްރަހަމް އެކޯޑްސް" ގައި ބައިވެރިވުމަކީ ޕާކިސްތާނުގެ ފިކުރާ ޚިލާފު ކަމެއްކަމަށާއި އެކަމުގައި ޕާކިސްތާނު ބައިވެރިވުމުގެ ވިސްނުމެއް ނެތް ކަމަށް ޕާކިސްތާނުގެ ޑިފެންސް މިނިސްޓަރު ވިދާޅުވެއްޖެއެވެ.
ޕާކިސްތާނުގެ ޑިފެންސް މިނިސްޓަރު ޚަވާޖާ މުޙައްމަދު އާސިފް މިހެން ވިދާޅުވީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އިސްނައިގެން އިރާނާއެކު ކުރިއަށްގެންދާ މަޝްވަރާތަކުގައި ބައިވެރިވާ ސައުދީ އަރަބިއްޔާ، ގަތަރު އަދި ޕާކިސްތާނު ފަދަ ގައުމުތަކުން "އަބްރަހަމް އެކޯޑްސް" އިގުރާރުގައި ސޮއިކުރުމަށް ޓްރަމްޕް ބާރުއަޅަމުން އަންނަ ދަނޑިވަޅެއްގައެވެ.
"އަބްރަހަމް އެކޯޑްސް" އަކީ އެމެރިކާގެ މެދުވެރިވުމާއެކު، އިސްރާއީލާއި އަރަބި އިސްލާމީ ގައުމުތަކާ ދެމެދު އޮންނަ ގުޅުންތައް ބަދަހިކޮށް، ހާރިޖީ ގުޅުން ރަސްމީކޮށް ގާއިމުކުރުމަށްޓަކައި އެކުލަވާލާފައިވާ އެއްބަސްވުމެކެވެ.
ޕާކިސްތާނަކީ އުފެދުނީއްސުރެ ފަލަސްތީނުގެ ހައްގުތަކަށް ވަކާލާތުކުރާ އަދި އިސްރާއީލާ ދެކޮޅު ހަރުދަނާ ސިޔާސަތެއް ގެންގުޅޭ ގައުމެކެވެ. ފަލަސްތީނުގެ މިނިވަން ދައުލަތެއް ގާއިމުނުކުރަނީސް އިސްރާއީލަކީ ދައުލަތެއްގެ ގޮތުގައި ބަލައިނުގަތުމަކީ ޕާކިސްތާނުގެ ބާނީ މުޙައްމަދު އަލީ ޖިއްނާގެ ޒަމާނުންސުރެ އެ ގައުމުން ހިފަހައްޓަމުން އަންނަ އަސާސީ އުސޫލެކެވެ.
މި ފަހަކަށް އައިސް އެމެރިކާއިން އަންނަނީ އިރާނުގެ ނިއުކްލިއާ މަޝްރޫއާއި ސަރަހައްދީ ނުފޫޒު ކުޑަކުރުމަށްޓަކައި، މެދުއިރުމަތީގެ ގައުމުތަކާއި ޕާކިސްތާނު ހިމެނޭހެން ބޮޑު ކޯލިޝަނެއް ހެދުމަށް މަސައްކަތް ކުރަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ