މި މަހު މުސާރަ ދެނީ، އަންނަ ބުރާސްފަތި އަދި އާދިއްތަ ދުވަހު: ފިނޭންސް މިނިސްޓްރީ
ސަރުކާރުގެ މުވައްޒަފުންނަށް މި މަހުގެ މުސާރައާއި އިނާޔަތްތައް އަންނަ ބުރާސްފަތި އަދި އާދިއްތަ ދުވަހު ދޭން ހަމަޖެހިފައިވާ ކަމަށް ފިނޭންސް މިނިސްޓްރީން މިއަދު ބުނެފިއެވެ. ފިނޭންސް މިނިސްޓްރީން އެހެން ބުނީ، ސަރުކާރުގެ އެކި އިދާރާތަކުގެ މުވައްޒަފުން މި މަހުގެ މުސާރަ ނުލިބޭތީ ކަންބޮޑުވުން ފާޅުކުރަމުން އަންނަ ދަނޑިވަޅެއްގައެވެ. ބައެއް މުވައްޒަފުން އުންމީދުކޮށްގެން ތިބީ އީދު ބަންދުގެ ކުރިން މުސާރަ ޖަމާވާނެ ކަމަށެވެ. އެ ކަމާ ގުޅޭގޮތުން މީޑިއާތަކުން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ފިނޭންސް މިނިސްޓްރީގެ އޮފިޝަލަކު ވިދާޅުވީ، މުސާރަ ދޫކުރުމަށް ހަމަޖެހިފައި ވަނީ، މި މަހުގެ 28އާއި 31ގައި ކަމަށެވެ. އެއީ، އީދު ބަންދާ ގުޅިގެން އެ ދުވަސްވަރު ބޭންކުތައް ހުޅުވާފައި ހުންނާނެ ވަގުތުތަކަށް ރިއާޔަތްކުރުމަށްފަހު ކަމަށް އޮފިޝަލް ވަނީ ވިދާޅުވެފައެވެ. އީދު ބަންދާ ގުޅިގެން ސަރުކާރުގެ އޮފީސްތައް މި މަހުގެ 22 އިން ފެށިގެން ބަންދުކޮށްފައިވާއިރު، އޮފީސްތައް އަލުން ހުޅުވޭނީ 31 މެއި ގައެވެ. އަދި، ބަންދު ދުވަސްތަކުގެ ތެރެއިން ބޭންކުތައް ހުޅުވުމަށް ހަމަޖެހިފައިވަނީ ހަމައެކަނި 28 މެއިވާ އަންނަ ބުރާސްފަތި ދުވަހުއެވެ. "ދައުލަތުގެ މާލިއްޔަތު ގަވާއިދުގައިވާ ގޮތުން ކޮންމެ މަހެއްގެ މުސާރަ ދޫކުރަންޖެހެނީ އެ މަހެއްގެ ރަސްމީ ބަންދު ނޫން ފަހު ތިން ދުވަހުގެ ތެރޭގައި. އެހެންކަމުން މެއި މަހުގެ މުސާރަ އާއި އިނާޔަތްތައް ދޫކުރާނީ 28 އަދި 31 މެއިގައި،" އޮފިޝަލް ވިދާޅުވިއެވެ. މީގެއިތުރުން، މާލިއްޔަތު ގަވައިދާ އެއްގޮތްވާ ގޮތުގެ މަތިން މުސާރަ ދޫކުރުމަށް ކަނޑައެޅިފައިވާ ތާވަލާ އެއްގޮތަށް ސަރުކާރުން އެކަން ކުރިއަށް ގެންދާނެކަން ފިނޭންސް މިނިސްޓްރީން ފާހަގަކުރިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ