މާތްﷲއަށް ތަގުވާވެރިވެ، ގިޔާމަތް ދުވަހަށް ތައްޔާރުވުމަށާއި ކޮންމެ ފަދަ ޝިރުކެއްގެ އަމަލަކުން ވެސް ދުރުހެލިވުމަށް މި އަހަރުގެ އަރަފާތް ދުވަހުގެ ހުތުބާގައި މުޅި އިސްލާމީ އުންމަތަށް ގޮވާލައިފިއެވެ.
މަސްޖިދުއް ނަމިރާގައި މިއަދު އިއްވެވި ހައްޖު ހުތުބާގައި މާތްﷲ އަށް ބިރުވެތިވެ ތަގުވާވެރިވުމުގެ މުހިންމުކަމުގެ މައްޗަށް ވަރަށް ބޮޑަށް އަލިއަޅުއްވާލެއްވިއެވެ. މި އަހަރުގެ ހުތުބާ އިއްވައިދެއްވީ ޝައިހް އަލީ ބިން އަބްދުއްރަހްމާން އަލް-ހުޒައިފީއެވެ.
ޝައިހް އަލް-ހުޒަފީގެ ހުތުބާގައި ބަޔާންކުރެއްވި ގޮތުގައި ގިޔާމަތް ދުވަހަށް ޓަކައި އިންސާނާއަށް ކުރެވޭނެ އެންމެ މުހިންމު ތައްޔާރީއަކީ މާތްﷲ އެއްކައުވަންތަކުރުމެވެ. އަދި ކީރިތި ގުރުއާނުގެ އަލް ހައްޖު ސޫރަތަށް ރިއާޔަތްކުރައްވައި، ތަގުވާވެރިވުމަށް ކީރިތި ގުރުއާނުގައި ދެއްވާފައިވާ އިރުޝާދުތަކަށް ވަނީ އަލިއަޅުއްވާލާފައެވެ.
މީގެއިތުރުން މާތްﷲ އަށް ޝިރުކުކުރުމުގެ ނުރައްކާތެރިކަން ބަޔާންކޮށްދެއްވާ އެފަދަ އެންމެހައި ކަންކަމުން ދުރުހެލިވުމަށް ވަނީ ހުތުބާގައި ގޮވާލައްވާފައެވެ. މާތް ﷲ ގެ މަތިން ޒިކުރުކުރުންމަތީ ދެމިތިބޭ މުއުމިނުންގެ ހިތްތަކައް ކެތްތެރިކަން މިންވަރުކުރައްވާނެކަން ފާހަގަކުރައްވާ ހުތުބާގައި ވަނީ އިބްރާހީމްގެފާނުގެ ޒަމާނުން ފެށިގެން މިއަދާ ހަމައަށްވެސް ހައްޖުގެ އަޅުކަން މެދުކެނޑުމެއްނެތި ކުރިއަށްދާކަން ފާހަގަކުރައްވާފައެވެ.
ހުތުބާގައި ވަނީ ގެފުޅާއި އެ ސަރަހައްދަކީ ޝިރުކުގެ އެންމެހައި ކަންކަމުން ސާފުތާހިރުވެގެންވާ ތަނެއްގެ ގޮތުގައި ދެމެހެއްޓުމަށް ގޮވާލާ ފާސިގު އަމަލުތަކާއި ހުތުރު ބަސްތަކުން ދުރުހެލިވުމަށް އިރުޝާދު ދީފައެވެ.
އަލީ އަލް-ހުޒައިފީ މި އަހަރުގެ ހައްޖު ހުތުބާ ނިންމަވާލެއްވީ، ހައްޖުގެ މަނާސިކުތައް (އަޅުކަމުގެ ފަރުޟުތަކާއި ސުންނަތްތައް) ފުރިހަމައަށް އަދާކުރުމަށް ނަސޭހަތްތެރިވަމުންނެވެ.
ގިޔާމަތް ދުވަހަށް ތައްޔާރުވުމަށާއި ޝިރުކުން ދުރުހެލިވުމަށް އަރަފާތް ދުވަހުގެ ހުތުބާގައި ގޮވާލައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ