ދުއާކުރުން އިތުރުކުރުމަށާއި ތަގުވާވެރިކަން އިސްކޮށް އާހިރަތް ދުވަހަށް ތައްޔާރުވުމަށް ހައްޖު ހުތުބާގައި ނަސޭހަތްތެރިވެއްޖެ އެވެ.
ނަމިރާ މިސްކިތުގައި ޝައިހް އަލީ ބިން އަބްދުއްރަހުމާން އަލް ހުޒައިފީ ދެއްވި ހުތުބާގައި ﷲ އަށް ތަގުވާވެރިވުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުއްވާލެއްވި އެވެ.
އެގޮތުން ތަގުވާވެރިވުމުގެ އެންމެ މުހިންމު ކަމަކީ ގިޔާމަތް ދުވަހަށް ތައްޔާރުވުންކަން ފާހަގަކުރައްވައި އެންމެ ފުރިހަމަ ތައްޔާރުވުމަކީ އާހިރަތް ދުވަހަށް ތައްޔާރުވުން ކަމަށް ވެސް ވިދާޅުވި އެވެ.
ހައްޖުގެ މަތިވެރި އަޅުކަން އަދާކުރުމަށްޓަކައި އަރަފާތު ބިމަށް އެއްވެފައިވާ މިލިއަނަށްވުރެ ގިނަ މުސްލިމުންނާ މުހާތަބުކުރައްވައި ދެއްވި އެ ހުތުބާގައި، ގިޔާމަތް ދުވަހުގެ ބިރުވެރިކަމުން ސަލާމަތްވުމަށްޓަކައި ދުރާލާ ތައްޔާރުވުމަށް ބާރުއެޅުއްވި އެވެ.
އަދި ގިޔާމަތް ދުވަހުގެ ނާމާންކަމާއި އިންސާނުން އެދުވަހު ތިބޭނެ ހާލަތު ބަޔާންކޮށްދެއްވައި، އަބަދުމެ ދުއާކުރުންމަތީ ދެމިތިބުމަށް އިރުޝާދު ދެއްވި އެވެ.
ހައްޖުގެ މަތިވެރި އަޅުކަމަށް ގޮވާލެއްވުމަށް އިބްރާހީމްގެފާނަށް ﷲ ކުރެއްވި އަމުރުފުޅާ އެއްގޮތަށް މިއަދާ ހަމައަށް ވެސް މުސްލިމުން އަޅުކަން އަދާކުރަނީ ތަކުބީރުގެ އަޑުތަކާއެކުކަން ހުތުބާގައި ބަޔާންކުރެއްވި އެވެ.
ހަމައެއާއެކު، ކައުބަތުﷲ ގެފުޅަކީ ޝިރުކުގެ އެންމެހައި ކަންކަމުންނާއި ނަޖިސްތަކުން ސާފުތާހިރުވެގެންވާ އަމާން ބިމެއްގެ ގޮތުގައި ކަމަށައި ގެފުޅު ބެލެހެއްޓުމަށް ﷲ ކުރައްވާފައިވާ އަމުރުފުޅަށް ބޯލެނބުމުގެ މުހިންމުކަމުގެ މައްޗަށް ވެސް ހުތުބާގައި އަލިއަޅުއްވާލެއްވި އެވެ.
ހުތުބާ ނިންމަވާލައްވަމުން ވެސް ހަނދާން ކޮށްދެއްވީ ރަސޫލާ ހައްޖުގެ އަޅުކަން އަދާކުރެއްވި މާތް ނަމޫނާގައި ހިފެހެއްޓުމަށާއި އަރަފާތް ބިމުގައި ހޭދަކުރާ ވަގުތުތަކުގައި ވީހާވެސް ގިނައިން ދުއާކުރުންމަތީ ދެމިތިބުމަށެވެ.
އެންމެ ފުރިހަމަ ތައްޔާރުވުމަކީ އާހިރަތް ދުވަހަށް ތައްޔާރުވާ ތައްޔާރުވުން: ހައްޖު ހުތުބާ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ