އަންނަ މަހުގެ 12 ވަނަ ދުވަހު ބާއްވާ އެމްޑީޕީގެ ޗެއާޕާސަންގެ އިންތިހާބުގައި ބަލިވާ މީހުން ތިބެން ޖެހޭނީ އެ ޕާޓީގެ ކަންކަމުގައި "ތަންކޮޅެއް ދުރުގައި" އަދި ކައިރީގައި ތިބެން ޖެހޭނީ މޮޅުވާ މީހުން ކަމަށް އެ މަގާމަށް ވާދަކުރައްވާ ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވުމުން ހޫނުވެއްޖެ އެވެ.
އެމްޑީޕީގެ ގައުމީ މަޖިލިހުގެ މެމްބަރުން ތިއްބަވާ ވަޓްސްއެޕް ގްރޫޕުގައި ކުރި ބަހުސެއްގެ ތެރޭގައި ނަޝީދު ވިދާޅުވީ "ބަލިވާ ބޭފުޅުން ޕާޓީގެ ކަންކަމުގައި ފަހަތުގައި ތިއްބަވާއިރު ތަންކޮޅެއް ދުރުގައި އެހެނަސް ފަހަތުގައި ތިއްބަވާނެ ކަމަށް އުންމީދު ކުރަން" ކަމަށެވެ.
"ކައިރީގައި ތިއްބަވަން ޖެހޭނީ މޮޅުވާ ބޭފުޅުން،" ނަޝީދު ވިދާޅުވި އެވެ.
ނަޝީދުގެ އެ ވިދާޅުވުމާ އެކު، އެ މަނިކުފާނާ އެންމެ ބޮޑަށް ޖަދަލުކުރެއްވީ ގައުމީ މަޖިލިހުގެ މެމްބަރު އަދި ގާނޫނީ ވަކީލް މަހުފޫޒު ސައީދެވެ.
މަހުފޫޒު ވިދާޅުވީ، ޗެއާޕާސަންގެ އިންތިހާބަކީ އެމްޑީޕީގެ އެތެރޭގެ އިންތިހާބެއް ކަމަށާއި އެ އިންތިހާބު ނިމުނީމާ އެންމެން ތިބޭނީ އެ ޕާޓީ އަށް 2028 ގެ ރިޔާސީ އިންތިހާބު ކާމިޔާބު ކޮށްދޭން އެއްކޮށް ކަމަށެވެ. އެކަމަކު، މަހުފޫޒުގެ އެ ވިސްނުމާ ދެކޮޅު ހައްދަވައި ނަޝީދު ވަގުތުން ވިދާޅުވީ އެމްޑީޕީގެ ޗެއާޕާސަންގެ އިންތިބާކީ "ރާއްޖޭގެ އިންތިހާބެއް" ކަމަށެވެ. ނަޝީދު ވިސްނަވައި ދެއްވަން އުޅުއްވީ ބެލެވޭ ގޮތުގައި އެއީ "ގައުމީ އިންތިހާބެއް" ކަމަށެވެ.
އެމްޑީޕީގެ ޗެއާޕާސަންގެ އިންތިހާބުން ބަލިވާ މީހުން ތިބެން ޖެހެނީ ކިހާ ދުރެއްގައިތޯ މަހުފޫޒު ސުވާލު ދެންނެވުމުން ނަޝީދު ވިދާޅުވީ، އިންތިހާބެއް ކާމިޔާބު ވަނީ ވަރަށް ގިނަ ބައެއްގެ މަސައްކަތުން ކަމަށެވެ. އަދި އިންތިހާބު ކާމިޔާބުވުމަށް ފަހު، މަސައްކަތްކުރި މީހުން ފަހަތަށް ޖެއްސުމަކީ އިންސާފެއް ނޫން ކަމަށް ނަޝީދު ވިދާޅުވި އެވެ.
"މަހުފޫޒު ވެސް މިކޮޅަށް ނާރައިފި ނަމަ ހުންނަވަން ރަނގަޅުވާނީ ފަހަތުގައި،" ވަޓްސްއެޕް ގުރޫޕުގެ ޒުވާބުގައި ނަޝީދު ވިދާޅުވި އެވެ.
ނަޝީދުގެ އެ ޖަވާބާ އެކު، މަހުފޫޒު ވަރަށް ބޮޑަށް ހިތްހަމަޖެހިވަޑައިނުގެން ވާހަކަ ދައްކަވަން ފެއްޓެވި އެވެ. ނަޝީދަށް ރައްދު ދެއްވަމުން މަހުފޫޒު އެދިވަޑައިގަތީ މީހުންނަށް ބިރު ނުދެއްކެވުމަށެވެ. އަދި ޗެއާޕާސަންގެ އިންތިހާބު ކާމިޔާބު ކުރައްވާ ބޭފުޅަކާ އެކު މަސައްކަތް ކުރަން ބޭނުންވާ މީހުން ތިބޭނެ ކަމަށް މަހުފޫޒު ވިދާޅުވި އެވެ.
"ރައީސް، ޕާޓީގެ މަގާމުތަކަށް ކުރިމަތިލާއިރު، ލިބޭނީ ތާއީދުކުރާ މީހުންނާއި ނުކުރާ މީހުން. ތި ކުރިމަތިލެއްވީ އެންމެން ގޮވައިގެން އުޅެން ޖެހޭ މަގާމަކަށް. މަ ހޮވިއްޖިއްޔާ މަށަށް ތާއީދު ނުކުރާ މީހާ އަށް ހޭއަރުވާލާ ވިސްނުން ކަމުނުދެޔޭ މި ދެންނެވީ،" މަހުފޫޒު ވިދާޅުވި އެވެ.
އޭގެ ޖަވާބުަގައި ނަޝީދު ވިދާޅުވީ، އެންމެން ގޮވައިގެން އުޅެވޭނީ ސަފު ހަދައިގެން ކަމަށެވެ.
ވާދަވެރި އެމްޑީޕީގެ ޗެއާޕާސަންގެ އިންތިހާބުގައި ވާދަކުރައްވަނީ ނަޝީދުގެ އިތުރުން ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއިލް އަހުމަދު ނަސީމެވެ. އެ ދެބޭފުޅުންގެ މެދުގައި ހިނގާ ހޫނު ޒުވާބާ އެކު އެމްޑީޕީގެ އެތެރެ ވަނީ މިހާރު ހޫނުވެފަ އެވެ.
ނަޝީދު ބޭނުންފުޅުވަނީ ބަލިވާ މީހުން "ދުރުގައި" ތިބެ، މޮޅުވާ މީހުން ކައިރިކުރަން!
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ