އިނގިރޭސިވިލާތުގެ ޓެރިފް މެދުކަނޑާލުމުން ރާއްޖެއިން މަސް ބޭރުކުރާ މިންވަރު ދެގުނަ ކުރުމުގެ ފުރުސަތު އޮތް ކަމަށް ސަރުކާރުގެ އިސް ތަރުޖަމާނު މުޙައްމަދު ޙުސެއިން ޝަރީފް ވިދާޅުވެއްޖެއެވެ. ރާއްޖެއިން މިހާރު ދަނީ، އިނގިރޭސިވިލާތަށް އަހަރެއްގެ މައްޗަށް 17 މިލިޔަން އިނގިރޭސި ޕައުންޑުގެ މަސް ބޭރު ކުރަމުންނެވެ.
'ޕްރެސަރ ވިތު ދަ ސްޕޮކްސް' ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ސަރުކާރުގެ އިސް ތަރުޖަމާނު މުޙައްމަދު ޙުސެއިން ޝަރީފް ވިދާޅުވީ، ރާޢްޖެއިން އިނގިރޭސިވިލާތަށް ބޭރުކުރާ މުދަލުގެ 90 އިންސައްތައަކީ، މަހުގެ އުފެއްދުންތައް ކަމަށެވެ. އިނގިރޭސި ސަރުކާރުން 2 އަހަރު ދުވަހަށް އެ ޤައުމުން ދިވެހި މަހަށް ނަގަމުން އައި ޓެރިފް މެދުކަނޑާލުމުގެ ފައިދާ ބޮޑުކަމަށް ތަރުޖަމާނު ވިދާޅުވިއެވެ.
ރާއްޖެއިން މިހާރު ދަނީ، އިނގިރޭސިވިލާތަށް އަހަރެއްގެ މައްޗަށް 17 މިލިޔަން އިނގިރޭސި ޕައުންޑު ނުވަތަ 25 ވަރަކަށް މިލިޔަން ޑޮލަރުގެ މަސް ބޭރު ކުރަމުން ކަމަށް ތަރުޖަމާނު ވިދާޅުވިއެވެ. އިސް ތަރުޖަމާނު ވިދާޅުވީ، މި ލިބުނު ލުއިގެ ސަބަބުން މިއަދަދު ދެގުނަ ކުރުމުގެ ފުރުސަތު އެބައޮތް ކަމަށެވެ. މިކަން ދައުލަތުގެ މަސް ކުންފުންޏާއި، ރާއްޖޭގެ މަސް އެކްސްޕޯޓަރުންނާއެކު ބޭއްވި މަޝްވަރާތަކުން އެނގޭ ކަމަށެވެ.
އިނގިރޭސި ބާޒާރުގައި ދިވެހި މަހުގެ މާކެޓުގެ ހިއްސާ އިތުރުކުރެވޭނެ ކަމުގެ ޔަޤީން އޮތްކަމަށް ތަރުޖަމާނު ވަނީ ވިދާޅުވެފައެވެ. ރާއްޖެއިން އިނގިރޭސި ބާޒާރުގައި ވިއްކަމުން ދަނީ، ބަންދުކޮށްފައިވާ ދަޅުމަހާއި އަގު އެއްކުރެވި ބަންދުކުރެވިފައިވާ ކަނޑުމަހެވެ. ދިވެހި މަސްވެރިކަމަކީ، ދެމެހެއްޓެނިވި މަސްވެރިކަމެއްކަން ފާހަގަކޮށް ތަރުޖަމާނު ވިދާޅުވީ، ދިވެހި އުފެއްދުންތަކަކީ ދުނިޔެ ބަލައިގަންނަ އުފެންދުންތަކެއް ކަމަށާއި އިނގިރޭސި ބާޒާރުގައިވެސް މަޤުބޫލު އުފެއްދުންތަކެއް ކަމަށެވެ.
"މާކެޓު ޝެއަރ އިތުރު ކުރުމާއި، އިތުރު ބޮޑު ޝެއަރ ނެގޭތޯ މަސައްކަތް ކުރުންތާ މިއޮންނަނީ. އޭގައި އަޅުގަނޑުމެން ޖުމްލަ ގޮތެއްގައި މި ތިބީ 9 ވަނަގައި. މި ސިނާޢަތުގައި އުޅުއްވާ ސަރުކާރު ކުންފުންޏާއި، އަމިއްލަ ކުންފުނިތަކުންވެސް ޤަބޫލުކުރޭ އެ ވަރަށް ބޮޑަށް ރަނގަޅު ކުރެވޭނެ ކަމަށް. އުއްމީދަކީ، މި ލިބޭ 2 އެންޑް ހާފް އިޔަރ ޕީރިިއަޑް ތެރޭ ޑަބަލް ކޮށްލުން. އޭގެ މާނައަކީ، އެއްކަލަ 25 މިލިޔަން 50 މިލިޔަން ޑޮލަރުގެ އެކްސްޕޯޓަށް ހެދިދާނެ." އިސް ތަރުޖަމާނު މުޙައްމަދު ޙުސެއިން ޝަރީފް ވިދާޅުވިއެވެ.
ރާއްޖޭގެ ކަނޑުމަސް އެއްވެސް ޓެރިފަކާއި ނުލައި ވިލާތުގެ އިއްތިހާދުގެ ޤައުމުތަކަށް އެތެރެކުރި ނަމަވެސް ވަކި ހިސާބަކުން އެ އިނާޔަތްތައް އުނިވެގެން ދިޔަކަން ތަރުޖަމާނު ފާހަގަކުރެއްވިއެވެ. 2012 ހާއިރު އިނާޔަތް އުނިވެގެން ދިޔައިރު، މި ސިނާޢަތުގައި އަމިއްލަ ގިނަ ކުންފުނިތައް މަސައްކަތް ކުރެއްވި ކަމަށް އޭނާ ވިދާޅުވިއެވެ. އެހެން ކަމުން މި ބަދަލާއެކު އިތުރު ކުންފުނިތަކެއް މި ސިނާޢަތަށް ނިކުންނާނެ ކަމަށް ޤަބޫލުކުރައްވާ ކަމަށް އިސްތަރުޖަމާނު ވިދާޅުވިއެވެ.
" ޖީއެސްޕީ ޕްލަސް ކެނޑުނީމަ އަޅުގަނޑުމެންނަށް ލިބޭ އެޑްވާންޓޭޖް ގެއްލުނީމަ. އެހިސާބުން ފަހުން މިއަށް ބަދަލުތަކެއް އައިސް. ޑަބްލިއުޓީއޯ މިންގަނޑުތަކުގެ ތެރެއިން އިނގިރޭސިވިލާތް ބްރެކްސިޓުން ވަކިވެ، މިހުރިހާ ކަމަކަށްފަހު ރާއްޖެއަށް 20 އިންސައްތައިގެ ޓެރިފެއް އައި. އޭރު ހަރަކާތްތެރިވި ގޮތަށް ބަލާއިރު، ވަރަށް ގިނަ ބަޔަކު އިތުރަށް އަނެއްކާވެސް ފިޝަރީޒް އެކްސްޕޯޓް އިންޑަސްޓްރީ ތެރެއަށް ވަނުން އެކަށީގެންވޭ." ތަރުޖަމާނު ވިދާޅުވިއެވެ.
އިނގިރޭސިވިލާތުން ރާއްޖޭގެ ކަނޑުމަހަށް ނަގާ ޓެރިފް އުނިކުރަން ނިންމާފައިވަނީ، 2028 ވަނަ އަހަރުގެ ނިޔަލަށެވެ. ސަރުކާރުން ވަނީ، ލުއި ދާއިމީ ކުރުމަށް މަޝްވަރާ ކުރައްވާނެކަން ހާމަކުރައްވާފައެެވެ. އަދި ސަރުކާރުން އަބަދުވެސް ވަކާލާތު ކޮށްފައިވަނީ، ދާއިމީ ޙައްލެއް ހޯދުމަށް ކަމަށް ވަނީ ވިދާޅުވެފައެވެ.
"ޓެރިފް ކަނޑާލުމުން މަސް ބޭރުކުރާ މިންވަރު ދެގުނަކުރެވޭނެ"
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ