އީދުގެ އުފާ ފާޅު ކުރާއިރު އިސްލާމީ ރިވެތި އުސޫލުތައް ހިފަހައްޓަން އިލްތިމާސްއެއް
އަޟްހާ އީދުގެ އުފާ ފާޅުކުރަމުން ގެންދާއިރު އިސްލާމީ ރިވެތި އުސޫލުތަކުގައި ހިފަހައްޓައި، ދިވެހިންގެ ރީތީ އާދަކާދަތާ ބީރައްޓެހި ކަންކަމުން ދުރުވެ ތިބުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު އިލްތިމާސް ކުރައްވައިފި އެވެ.މި އަހަރުގެ އަޟްޙާ އީދުގެ މުނާސަބަތުގައި ފޮނުއްވި ހިޠާބުގައި އީދު މިންވަރުކުރެއްވީތީ މާތްﷲއަށް ޙަމްދާއި ޝުކުރު ދަންނަވަމުން ރައީސްވަނީ ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް އީދުގެ ތަހުނިޔާއާއި ހެޔޮއެދުންތައް އަރިސްކުރައްވާފަ އެވެ. އަދި ހައްޖުގެ މަތިވެރި އަޅުކަމުގައި ބައިވެރިވުމަށް ރާއްޖެއިން ދިޔަ ހުރިހާ އެންމެންވެސް އެ ހެޔޮ އެދުންތަކުގައި އެމަނިކުފާނު ޝާމިލުކުރެއްވިއެވެ. ޢީދުގެ މުނާސަބަތުގައި ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ދިރިއުޅޭ ހުރިހާ މުސްލިމު އަހުންނާއި އުހްތުންނަށް ރައީސް ތަހުނިޔާ ރައްދުކުރައްވާފައިވެ އެވެ. ރައީސް މުއިއްޒު ފާހަގަކުރެއްވި ގޮތުގައި، އަޟްހާ އީދަކީ، މާތްﷲ ވަރަށް މުހިއްމު އިބުރަތްތަކަކާއި ހިކުމަތްތަކެއް ލައްވާފައިވާ އީދެކެވެ. އެއީ، މުޅި މުސްލިމް މި އުންމަތް އެއް ސަފަކަށް ތަރުތީބު ކޮށްދޭ، އޯގާތެރިކަމުގެ ދެމެހެއްޓެނިވި މިސާލެއް ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ."މާތްވެގެންވާ އަރަފާތު ބިމުގެ ހަމަހަމަކަމުން ފެށިގެން، ކޮންމެ ދިމާއަކަށް ވެސް ފެތުރިގެންދާ މި އުފާވެރިކަމަކީ، އިންސާނީ ކުލުނުގެ އެންމެ އަލިގަދަ އެއް ރަމްޒެވެ. އުޟްހިޔާ ކަތިލުމާއި އެކިއެކި ހަދިޔާބަދިޔާ ބަދަލުކޮށް، ތަނަވަސްކަމުގެ އަހުލުވެރިން ނިކަމެތި ފަގީރުންނަށް އެކި ގޮތްގޮތުން އެހީތެރިވެދީ ހެދުމަކީ، މުޖުތަމައުގެ އިޖުތިމާއީ ފޭރާން ރަނގަޅުވެ، އެކުވެރި ބަދަހި ބައެއްގެ ގޮތުގައި ކުރިއަށް ދިޔުމުގެ ހިތްވަރު އާވެގެންދާ ކަންކަމެވެ،" ރައީސް ވިދާޅުވި އެވެ.ރައީސްގެ ހިތާބު ނިންމަވައިލެއްވީ އީދަކީ އަމާންކަމާއި، ބައްޖަވެރިކަމުން ފުރިގެންވާ މުނާސަބަތެއް ކަމުގައި ލެއްވުން އެދިވަޑައިގަތުމާއެކު، އީދުގެ ބަރަކާތްތެރި ދުވަސްތައް އުފާވެރިކަމާއި ބާއްޖަވެރިކަމާއެކު އަބަދުވެސް ރާއްޖޭގައި ތަކުރާރުވަމުން ދިއުމަށް އެދިވަޑައިގެން މާތްﷲގެ ހަޟްރަތުގައި ދުޢާ ދަންނަވަމުން، ރާއްޖެއާއި މުޅި އިސްލާމީ އުންމަތް ސަލާމަތާއި ރައްކާތެރިކަމުގައި އަބަދުމެ ލެހެއްޓެވުމަށް ދުޢާކުރައްވަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ